އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި
28 އޮކްޓޯބަރު 2026 | ބުދަ 08:41އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކާއި އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރައީސް ޓްރަމްޕް ދަނީ ތައްޔާރުވަމުން. މި އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން މެދުއިރުމައްޗަށް އިތުރު ހަތިޔާރާއި ސިފައިން ފޮނުވަމުންދާއިރު، މިއީ އީރާން ބަލިކަށިކޮށް އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ރާވާފައިވާ ހަރަކާތްތަކެއް ކަމަށް ބުނޭ. އީރާނާއެކު ކުރިން ވެފައިވާ ސުލްހައިގެ އެއްބަސްވުން ރޫޅުމާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައި


އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ އޭ-10 ތަންޑަރބޮލްޓް 2 މަރުކާގެ އަސްކަރީ މަތިންދާބޯޓަކުން ފްލެއަރއެއް ދޫކޮށްލަނީ | ސެންޓްކޮމް
އެމެރިކާގެ މިޑްޓަރމް އިންތިޚާބު ނިމުމާ އެކު، އީރާނާ ދެކޮޅަށް "ކުރު، ނަމަވެސް ވަރުގަދަ އަސްކަރީ ކެމްޕޭނަކަށް" ތައްޔާރުވުމަށް އެމެރިކާއިން ގަލްފުގެ ޢަރަބި ބައެއް ޤައުމުތަކަށް އަންގާފައިވާ ކަން ހާމަވެއްޖެ އެވެ. މި ކަމުގެ މައުލޫމާތު އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ 'ދި ވޯލް ސްޓްރީޓް ޖަރނަލް' އިންނެވެ.
ޑިޕްލޮމެޓިކް އަދި އަސްކަރީ މަގުތަކުން ފޮނުވާފައިވާ މި މެސެޖުތަކަކީ، އީރާން ބަލިކަށިކޮށް، އެ ޤައުމު އަލުން މަޝްވަރާގެ މޭޒުދޮށަށް ގެނައުމަށް ޓަކައި އެމެރިކާއާއި އިސްރާއީލުން ވަރުގަދަ އަސްކަރީ އާ އޮޕަރޭޝަނަކަށް ތައްޔާރުވަމުންދާކަން ހާމަކޮށްދޭ އިތުރު ހެއްކެއް ކަމަށް ޖަރނަލްގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. މި އަސްކަރީ ފިޔަވަޅުތައް އެޅުމަށް ރާވަމުން ދަނީ ނޮވެންބަރު 3 ގައި ބާއްވާ މިޑްޓަރމް އިންތިޚާބަށްފަހުގަ އެވެ.
ސަރަހައްދީ ބާރުތަކަށް ދިން އިންޒާރާއި އަސްކަރީ ހަރަކާތްތައް
ކަމާބެހޭ މަސްއޫލުވެރިންނާ ހަވާލާދީ އެ ނޫހުން ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދަނީ ޓެކްސަސްއިން 'ޕެޓްރިއޮޓް' މަރުކާގެ މިސައިލް ދިފާޢީ ނިޒާމެއް މެދުއިރުމައްޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި، ހަމަލާތަކުގެ ނުރައްކާ އޮތް އަސްކަރީ މަރުކަޒުތަކުން އެމެރިކާ ސިފައިން މިހާރު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާއިރު، އެމެރިކާގެ ފައުޖުތަކުން ދަނީ ހަތިޔާރާއި ވަޒަނުގެ ގުދަންތައް އިތުރަށް ފުރައި، ވައިގެ ވަރުގަދަ ހަމަލާތަކެއް ދިނުމަށް ބޮންއަޅާ މަތިންދާބޯޓުތަކާއި އަސްކަރީ ޖެޓުތައް ފުރިހަމައަށް ތައްޔާރުކުރަމުންނެވެ.
ހަމަމިއާއެކު، ކުރިއަށް އޮތް މަހު އެމެރިކާގެ އިތުރު މަތިންދާބޯޓު އުފުލާ މަނަވަރެއްގެ ސްޓްރައިކް ގްރޫޕަކާއި މެރިން އެކްސްޕެޑިޝަނަރީ ޔުނިޓެއް މެދުއިރުމައްޗަށް ފޮނުވާނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މި ފައުޖުތައް ގުޅޭނީ މި ސަރަހައްދުގައި މިހާރު ވެސް ހަރަކާތްތެރިވަމުންދާ އެމެރިކާގެ ގާތްގަނޑަކަށް 20 މަނަވަރާ އެވެ.
ޓްރަމްޕްގެ އިންޒާރާއި ނިއުކްލިއަރ ނުރައްކާ
ރައީސް ޑޮނަލްޑް ޓްރަމްޕް މި އޮޕަރޭޝަނާ ގުޅޭ އެންމެ ފަހުގެ ނިންމެވުމެއް ނުނިންމަވާ ކަމަށާއި، ނަމަވެސް އީރާނުގެ އުމްރާނީ ވަސީލަތްތަކަށާއި ނިއުކްލިއަރ މަރުކަޒުތަކަށް އަމާޒުކޮށް އިންތިޚާބަށްފަހު "ވަރުގަދަ ހަމަލާއެއް" ދިނުމުގެ ވިސްނުންފުޅު އޭނާ ގެންގުޅުއްވާ ކަމަށް، ޓްރަމްޕްގެ އަރިސް ފަރާތްތަކާ ހަވާލާދީ އެ ނޫހުން ބުންޏެވެ. މި ކަމާ ގުޅިގެން ވައިޓް ހައުސްއިން ވަނީ "ހުރެދާނެ ނުވަތަ ނެތިދާނެ ނާޒުކު އަސްކަރީ ރޭވުންތަކާ" މެދު އެއްޗެއް ބުނަން އިންކާރުކޮށްފަ އެވެ. ނަމަވެސް، "އީރާނަށް ދުވަހަކު ވެސް ނިއުކްލިއަރ ހަތިޔާރެއް ނުލިބޭނެކަން ކަށަވަރުކުރުމަށް ޓަކައި ޓްރަމްޕް ހުރިހާ އިޚުތިޔާރެއް މޭޒުމަތީގައި ބާއްވަވާނެ،" ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.
އަންގާރަ ދުވަހު ޓެކްސަސްގެ ލަބަކްގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އުނދަގޫ ނުވާނަމަ، ދެތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިޔަބޭފުޅުންނަށް އީރާން ފެނިވަޑައިގަންނަވާނެ،" ކަމަށެވެ.
"'އޮޕަރޭޝަން މިޑްނައިޓް ހެމަރ' އަދި 'އޮޕަރޭޝަން އެޕިކް ފިއުރީ' މެދުވެރިކޮށް އަޅުގަނޑުމެން ވާނީ އީރާނުގެ ނިއުކްލިއަރ މުއްސަނދިކުރުމުގެ ޤާބިލުކަން އެއްކޮށް ސުންނާފަތިކޮށްލާފައި. އަދި، އަސްކަރީ ގޮތުންނާއި، މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެ މީހުން ބަލިކޮށްފައި. މި ހުރިހާ ކަމެއް ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ހަމަމިއާއެކު، "އަޅުގަނޑު ބޭނުންވި ކޮންމެ ވަގުތެއްގައި މި ކަން ނިންމާލެވިދާނެ،" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ މިޑްޓަރމް އިންތިޚާބުގެ ކުރިން އީރާނަށް ހަމަލާ ނުދެއްވާނެ ކަމަށެވެ.
ރޫޅިފައިވާ ސުލްހައިގެ އެއްބަސްވުމާއި ހުރްމުޒްގެ ނުތަނަވަސްކަން
އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމަ ފެށީ ފެބުރުވަރީ 28 ގަ އެވެ. މި ހަމަލާތަކާ ގުޅިގެން ތެހެރާނުން ވަނީ މުޅި ސަރަހައްދަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވައި، ދުނިޔޭގެ ހަކަތައިގެ މައިގަނޑު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުވާލާފަ އެވެ.
ސުލްހައިގެ ފުރިހަމަ އެއްބަސްވުމަކަށް މަގުފަހިކުރުމަށް ޓަކައި ޖޫން މަހުގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. ނަމަވެސް، ހުރްމުޒް ކަނޑުއޮޅިން ކަނޑު ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާ ގުޅޭގޮތުންނާއި އެހެނިހެން މައިގަނޑު މައްސަލަތަކުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެ އެއްބަސްވުން ވަނީ ރޫޅިފަ އެވެ. މި ގޮތުން މަޝްވަރާތައް ހުއްޓުމަކަށް އައުމާއެކު، ދެ ފަރާތުގެ ދެމެދުގައި އަނެއްކާ ވެސް ވަރުގަދަ ކުރިމަތިލުމަކަށް މަގުފަހިވަމުންދާ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











