ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!
28 އޮކްޓޯބަރު 2026 | ބުދަ 10:48އެމްކިޔުއޭގެ އުސޫލަށް އައި ބަދަލަކާ ގުޅިގެން ޓީޗިންގ ޑިގްރީ ނިންމި ބައެއް ދަރިވަރުންގެ ސެޓްފިކެޓް އެޕްރޫވް ނުވުމުން، އެ ކުދިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. އެއް ކްލާހެއްގައި ކިޔެވި ބައެއް ދަރިވަރުންނަށް ހުއްދަ ލިބިފައިވާއިރު، އަނެއްބައި ކުދިންނަށް ހުއްދަ ނުލިބޭ ސަބަބު ސާފުކޮށްދިނުމަށް އެ ދަރިވަރުން ދަނީ ކަމާބެހޭ އިދާރާތަކުގައި އެދެމުން

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް! | ރާއްޖެ އެމްވީ
ޕޮލިސީއަށް އައި ބަދަލަކުން ކަމަށް ބުނެ ޑިގްރީ ނިންމައި، އޮކްޓޫބަރު 31 ގައި ގްރެޖުއޭޓް ވާން ހުރި ދަރިވަރުންތަކެއް ގްރެޖުއޭޓް ނުވެވުމުގެ ސަބަބުން އެ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދަރިވަރަކު ދިން އިންޓަވިއުއެއްގައި ވަނީ 2025 ވަނަ އަހަރު ކިޔެވުން ނިންމާ ގްރޖުއޭޝަންއަށް ދައްކަން ޖެހޭ ފީ އަދި ގްރެޖުއޭޝަނަށް ކުރަން ޖެހޭ ގިނަ ހަރަދުތަކެއް ކޮށްފައި ވަނިކޮށް ސެޕްޓެމްބަރު 5 ވަނަ ދުވަހު ކޮލެޖް އިން ގުޅާފައި ގްރެޖުއޭޝަނަށް އިތުރު ހަރަދެއް ނުކުރުމަށް އެންގި ކަމަށް ބުނެފައި އެވެ.
އެގޮތުން، އެ ދަރިވަރުންގެ ސެޓްފިކެޓް އެމްކިޔުއޭއިން އެޕްރޫވް ނުކޮށްދިން ކަން ކޮލެޖްއިން ދަރިވަރަށް އެންގި ކަމަށް ދަރިވަރު މައުލޫމާތު ދިނެވެ. ޓީޗިންގ ޑިގްރީ، ޑިޕްލޮމާ ނިންމާފައި ފެށުމުން ޑިގްރީގެ ފުރަތަމަ އަހަރު ކިޔާވާ ހުރިހާ މޮޑިއުލެއް ޑިޕްލޮމާގައި ކިޔަވާފައި ހުރުމުން އޭރުގެ ޕޮލިސީ އިންނަ ގޮތުން ކްރެޑިޓް އަވަރސް ހަމަވާކަން ފާހަގަކޮށް އެ ދަރިވަރު ވަނީ ކުރިން ދީފައިވާ އެޑްވާންސް ސްޓޭންޑިންގ އެޕްރޫވް ނުކޮށްދިން ކަމަށާއި ކޮލެޖްއިން އަންގަނީ އަލުން ކިޔެވުމަށް ކަމަށް ބުނެފައި އެވެ. އަދި މިހުރިހާ މުއާމަލާތަކީ އަންގަ ބަހުން ކުރެވުނު މުއާމަލާތް ކަން ދަރިވަރު ފާހަގަކުރި އެވެ.
ހަމައެއާއެކު މިކަމުގެ ކަންބޮޑުވުން ހިއްސާކުރަން އެމްކިޔުއޭއަށް ދިޔަ ކަމަށް ދަރިވަރު ބުނި އެވެ.
ހަތަރު ކުދިން އަޅުގަނޑުމެން މިދިޔައީ އެމްކިޔުއޭއަށް، ގޮސްގެން ދެން އެ ދުވަހު އަޅުގަނޑުމެންނަށް ހަމަ ސީދާ ސީއީއޯއަށް ބައްދަލުކުރެވުނު. އެބޭފުޅާގެ ވާހަކައިން އެ ބޭފުޅާ ވިދާޅުވީ އަޅުގަނޑުމެންގެ ކްލާހުގައި މިހެން ދިމާވި 8 ކުދިންގެ ތެރެއިން 3 ކުދިން އެޕްރޫވަލް ވި ވާހަކަ އަޅުގަނޑުމެން ދެންނެވީމަ އެބޭފުޅާ ވިދާޅުވީ އެކުދިންގެ ނަސީބު ގަދައީއޭ، އަޅުގަނޑުމެންގެ ނަސީބު ދެރައީއޭ،ދަރިވަރު
އެމްކިޔުއޭގެ ސީއީއޯއަށް ވެސް ގްރެޖުއޭޓް ނުވާންވީ ސަބަބެއް ވިދާޅުވެ ނުދެއްވުނު ކަމަށް ދަރިވަރު ބުނި އެވެ. އަދި ސަބަބު އޮންނާނީ ކޮލެޖްއަށް އަންގާފައި ކަމަށާއި ކޮލެޖްއެއްގެ ދަރިވަރަކަށް ވުުމުން ސީދާ ދަރިވަރަށް އެ މައުލޫމާތު ނުދެވޭނެ ކަން އެމްކިޔުއޭއިން ބުނި ކަމަށް ދަރިވަރު ބުންޏެވެ.
ކޮލެޖްއިން ހަމަ ބުނަނީ އަޅުގަނޑުމެން ލިޔުމެއްގެ ވާހަކަ ދެންނެވީމަވެސް ވިދާޅުވަނީ ވަރަށް މަސައްކަތް ކުރެއްވިއްޖެ އޭ މީޓިންގ އެކޭ ހިންގީ، ވަރަށް މަސައްކަތް ކުރެވިއްޖެއޭ އެއް ކުދި ބަޔަކަށް އެޕްރޫވަލް ދީފައި އަނެއް ކުދި ބަޔަކަށް ނުދޭންވީ ސަބަބެއް ވެސް ނޭނގޭއޭ ކޮލެޖް އިން ބުނަނީ، ކޮންމެ ގޮތެއް ވިޔަސް އެޑްވާންސް ސްޓޭންޑިންގ އެއީ ހުއްދަ އެއްޗެއް ކަން މި އިނގެނީ ވޭތުވެދިޔަތާގައި ވެސް ބައިވަރު ކުދިންނަށް އެޑްވާންސް ސްޓޭންޑިންގ ލިބިގެން މިހާރު ހަމަ ވަރަށް ބައިވަރު ކުދިން އެބަތިއްބޭ އެޕްރޫވަލް ވެގެން ވަޒީފާތަކުގައި ވެސްދަރިވަރު
އެހެންކަމުން އެޑްވާންސް ސްޓޭންޑިންގ އެއީ އެޕްރޫވަލްގައި މައްސަލައެއް ކަމަށް ކޮލެޖްއިން ގަބޫލު ނުކުރާ ކަމަށް ދަރިވަރު މައުލޫމާތު ދިނެވެ. ހަމައެއާއެކު، މިކަމުގައި ގޯސް ހަދަނީ ކޮލެޖް ނޫނީ އެމްކިޔުއޭ ކަމެއް ނޭނގޭ ކަމަށް ދަރިވަރު ބުންޏެވެ.
މީގެ އިތުރުން ޑިޕްލޮމާއިން ފެށިގެން އެއް ކްލާސްއެއްގައި އެއް މޮޑިއުލްތަކެއް ކިޔެވި ދަރިވަރުންގެ ތެރެއިން އެއްބަޔަކަށް އެޕްރޫވަލް ދޭން ޖެހުނު ސަބަބަކީ ކޮބައިތޯ ދެވަނަ ފަހަރަށް ވެސް އެމްކިޔުއޭގެ ސީއީއޯއަށް ދެންނެވި ކަމަށް ދަރިވަރު ބުންޏެވެ.
އެބޭފުޅާއަކަށް ވެސް ސީދާ ހަމަ ވިދާޅުނުވެވުނު އެބޭފުޅާ ވިދާޅުވީ ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކޭ. އަޅުގަނޑު ވެސް ގަބޫލު ކުރަން ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަން. ދެން އަޅުގަނޑުމެން އަނެއްކާ ހަމަ ކޮލެޖްއަަށްތާ ދާނީ، ދެން އަޅުގަނޑުމެން ބޭނުންވީ ލިޔުމުން ހުރިހާ ކަމެއް ހޯދަން ކީއްވެގެންތޯއޭ އަޅުގަނޑުމެން އެޕްރޫވަލް ނުވަންވީ އެމްކިޔުއޭއިން ކޮލެޖްއަށް އަންގާނެތާ އޭ، އެހެންވީމަ އަޅުގަނޑުމެން ބޭނުމޭ ލިޔުން. ދެން ހަމަ ކޮލެޖްއިން ދަންނަވަނީ ހުރިހާ ކުދިންނަށް ހުރީ އެއް ލިޔުމެކޭ އައިސްފައި. އެހެންވީމަ ވަކިވަކިން ކުދީންނަށް ލިޔުން ދޫކުރެވޭކަށް ނެތޭ.ދަރިވަރު
އަދި ކުރިން ނެގީ އެހެން މައްސަލައެއް ކަމަށް ވެސް ދަރިވަރު ބުންޏެވެ.
އަޅުގަނޑުމެންގެ ކޯސް ނިމުނީ ކިޔަވާ ނިމުނީ ޑިގްރީ ކޯހެއް ޓީޗިންގ ވެއްޖެޔާ ހަދާނެތާ ޓީޕީ ކޯހެއްވެއްޖެޔާ ޓީޗިންގ ދެއްތޯ. ދެން އަޅުގަނޑުމެންގެ ޓީޗިންގ ނޫން އެހެން ހުރިހާ މޮޑިއުލްތަކެއް ނިމުނީ 2025 ގެ ސެޕްޓެމްބަރުގައި ދެން ޓީޕީއަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކޮލެޖްތަކަށް ދެއްވާ ފުރުސަތު ތަކެއް. އެ ތާރީޚްގައި އަޅުގަނޑުމެންނަކަށް އެ ބުނާ މުއްދަތުގެ ތެރޭގައި ޓީޕީއެއް ނުހެދުނު އަޅުގަނޑުމެން ޓީޕީ ހެދީ އަޅުގަނޑުމެން އަމިއްލައަށް ތަންތަނަށް ގޮސް ޕްރިންސިޕަލުންނަށް ސިޓީ ފޮނުވައިގެންދަރިވަރު
މީގެ ކުރިން މިއަހުގެ ޖޫންއަށް ޓީޕީ ހަދައިފި ކަމުގައި ވާނަމަ ގްރެޖުއޭޓް ވެވޭނެ ކަމަށް ދަރިވަރު މައުލޫމާތު ދިނެވެ. ނަމަވެސް އެ ފުރުސަތު ނުލިބޭ ކަމަށް އޭނާ ބުނި އެވެ.
މީގެ އިތުރުން، ގްރެޖްއޭޓް ވުމުގެ ފުރުސަތު ނުލިބޭ ދަރިވަރުންގެ ތެރޭގައި ކިޔެވިއިރު ޓީޕީ ހެދި ދަރިވަރެއް ހުރުމުން އެ ސަބަބު ވެސް ގަބޫލު ނުކުރެވޭ ކަމަށް ދަރިވަރު ބުންޏެވެ.
ދެން އަޅުގަނޑުމެން ފަހުން ކުރި މަސައްކަތުން މި އިނގެނީ ޕޮލިސީއަށް އައި ބަދަލެއްގެ ސަބަބުން އަޅުގަނޑުމެންނަށް އެ ފުރުސަތު ނުދެއްވީއޭ. ޕޮލިސީ ބެލިއިރުގައި ޕޮލިސީ މި އިންނަނީ އެމްކިޔުއޭއިން އެ ވިދާޅުވާ ޕޮލިސީ އެކުލަވާލާފައި މި އިންނަނީ 2023 ގައި އަޅުގަނޑުމެންނަކީ 2022 ގައި ފަށާފައި ތިބި ބެޗްއެއް. ދެން މީތި ޕަބްލިޝް ކޮށްފައި މީނީ 2025 ގެ ޖޫން ގައި އޭރު އަޅުގަނޑުމެންގެ ކޯހުގެ 98 ޕަސަންޓް ނިމިފައި އަޅުގަނޑުމެން މި ތައްޔާރު ވަނީ ފައިނަލް އެގްޒާމްއަށް 6 ވަނަ ސެމިސްޓަރގެ ފައިނަލް އެގްޒާމަށްދަރިވަރު
މިކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި ބައްދަލުކުރުމުން އައު ޕޮލިސީގެ ދަށުން އެ ދަރިވަރުންނަށް އަމަލު ނުކުރެވޭނެ ކަމަށް ވިދާޅުވި ކަމަށް ދަރިވަރު ބުންޏެވެ.
އެހެންކަމުން އެ ދަރިވަރު ވަނީ އެއްބައި ކުދިން އެޕްރޫވް ވެފައި އަނެއްބައި ކުދިން އެޕްރޫވް ނުވާންވީ ކިހިނެއް ވެގެންތޯ ސުވާލު އުފައްދާފައި އެވެ.











