ކ. މާލެ
|
9 ފެބްރުއަރީ 2017 | ބުރާސްފަތި 22:41
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން
ގޫގުލް
ރިޔާސީ ބަޔާނަށް ފާޑުކިޔުން
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
 
ގައުމުގައި އިސްލާހު ކުރަންޖެހޭ ކަމަށް ބަޔާނުގައި ނެތް
 
ދަރަނި ދައްކާގެ ގޮތްތަކެއް ސާފެއް ނޫން
 
ކޮރަޕްޝަންގެ ވާހަކަ ބަޔާނެއް ނުކުރޭ

ރައީސް އަބްދުﷲ ޔާމީން މިއަހަރު އިއްވެވީ، ގާނޫނު އަސާސީގައި އެ މަނިކުފާނުގެ މައްޗަށް ލާޒިމުކޮށްފައިވާ ފަދަ ރިޔާސީ ބަޔާނެއް ނޫން ކަމަށް، ރައީސް މައުމޫނުގެ ފެކްޝަނުން ބުނެފި އެވެ. 

އެ ފެކްޝަނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނު އަސާސީގެ ރައްޔިތުންގެ މަޖިލީހުގެ ބާބުގެ 84 ވަނަ މާއްދާގައި "ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވަންވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު 2017 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި މިކަންކަމަށް ރިޢާޔަތްކުރެވިފައިނުވާ ކަމަށެވެ. 

މިއަހަރުގެ ރިޔާސީ ބަޔާނުގައި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރެއްވުމަށް ކުރަށްވަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް ރިޢާޔަތުކުރަށްވާފައި ނުވާކަމީ، ޕީޕީއެމްގެ ޢާންމު މެންބަރުންނާއި ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. ޤައުމު މަޞްލަޙަތު ހިމެނޭނެ ބޮޑެތި އެތައް ކަމެއް ހިންގަމުން ދާއިރު މިއިން އެއްވެސް ކަމަކަށް ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައި ނުވުމަކީ ވެސް މައުމޫނުގެ ފެކްޝަނުން ކަންބޮޑުވާ ކަމެކެވެ. 

ޤައުމުގައި ކޮރަޕްޝަނާއި ފަސާދަ މީގެ ކުރިން ދުވަހަކުވެސް އިތުރު ވަމުން ނުދާވަރަށް އިތުރުވަމުން ދާއިރުވެސް މިކަމަށް ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވާފައެއް ނުވާ ކަމަށާއި ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ސަރުކާރު ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ، ދަޢުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތު ސަރުކާރުގެ ތިއްބެވި އިސްވެރިންގެ އިސްތަށިފުޅުގައި އެޅި، އެމައްސަލަތައް ބެލުމުގައި ފަސްޖެހިފައިވާ ކަމަކީ މީޑިއާގައި އެންމެ ގިނައިން ދައްކާ އެއް ވާހަކަކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ފަޅުތަކާއި ފަރުތައް އަދި ފަޅުރަށްތައް، ވާނުވާއެއް ނޭނގި، ވިއްކަމުން ދިޔުމަކީ އިންތިހާއަށް ރައްޔިތުން ކަންބޮޑުވާ ކަމެއް ނަމަވެސް މިފަދަ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމަނުއްވާފައި ނެތުމަކީ ނުހަނު ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ،

އަބުރު ރައްކާތެރިކޮށް ރައްޔިތުން ހިމާޔަތްކޮށް، ރައްކާތެރިކަމާއި ސަލާމަތްކަން ކަށަވަރުކޮށްދީ، އަމަން އަމާންކަން ގާއިމު ކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ނަމުގައި ޢަމަލުކުރަމުންދާ ޤާނޫނުގެ ސަބަބުން މީޑިއާ އާއި ނޫސްވެރިން އަދި ދިވެހިރައްޔިތުން ތިބީ ހިތްހަމަ ޖެހިފައިތޯ ސުވާލު އުފެދޭ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ހަމައެހެންމެ، ރާއްޖޭގެ އާންމު ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ހަމަހަމަ ފުރުސަތުތައް ތަނަވަސްވެފައި އޮންނަކަމަށް ވިދާޅުވާއިރު، ހަމަހަމަ ފުރުސަތު ލިބުމުގެ ބަދަލުގައި ވަކި ބަޔަކަށް ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓުތަކެއް ލިބެމުން ދާކަމުގެ ވާހަކައަކީ އަބަދުވެސް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކެއް ކަމަށާއި މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ ޤަދަރު އުފުލުމާއި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާމެދު ޤާއިމުކޮށް، ދެމެހެއްޓުމުގައިވެސް ފެންނަނީ ފަހަތު ފަޔަށް ބުރަވެފައިވާ މަންޒަރު ކަމަށް ރައީސް މައުމޫން ފެކްޝަންގެ ބަޔާނުގައިވެ އެވެ. 

އެކިއެކި މަޝްރޫޢުތަކަށް ވޭތުވެ ދިޔަ އަހަރު ތެރޭގައި ނަގަފާވައިވާ ބޮޑެތި ލޯނުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ދަރަނި ބޮޑުވަމުންދާ މައްސަލަ އަކީ މިއަދު ދިވެހިރައްޔިތުން ކަންބޮޑުވާ މައްސަލައެއް ކަން މައުމޫނުގެ ފެކްޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވާއިރު، ދަޢުލަތުގެ ދަރަނި އަހަރުން އަހަރަށް ބޮޑުވަމުން ދާ މައްސަލަ އަކީ ވޯލްޑް ބޭންކުންވެސް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެއް ކަބް ވެސް އެ ބަޔާނުގައި ބުނެ އެވެ. ކަންމިހެން އޮތްއިރު މިދިޔަ އަހަރު ނިމުނުއިރު 4.79 ބިލިއަން ރުފިޔާގެ ފަސް ލޯނެއްގައި ސޮއިކުރެވިފައިވާ ކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުވުމަކީ ރައްޔިތުންނަށް އިތުރަށް ލިބިގެންދާނެ ތަކްލީފެއް ކަމަށް ދެކޭ މަށާއި މިއަހަރުގެ ބަޖެޓުގައިވެސް އެކިއެކި މަޝްރޫޢުތަކަށް ފައިސާ ހޯދަން ހަމަޖައްސާފައިވަނީ ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން ކަމަށްވާއިރު އެލޯނު ދައްކާނެ ގޮތްތައްވެސް ރައްޔިތުންނަށް ސާފުވެފައި ނުވާކަން ރައީސް މައުމޫން ފެކްޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ،

ދިރިއުޅުމުގެ ޚަރަދު ބޮޑުވެ، އަތްނުފޯރާ ފަށަށް ތަކެތީގެ އަގުތައް މައްޗަށް ގޮސްފައިވާއިރު މިކަން ކަމަކީ ދިވެހި ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށާއި ނަމެވެސް މިކަންތައްތައް ހައްލުވާނެ ދުވަހަކީ ކޮބައިކަން، ނޫނީ ހައްލު ކުރަން މަސައްކަތްތަކެއް ކުރާކަމުގެ އިޝާރާތެއް ވެސް ރިޔާސީ ބަޔާނުގައި ނެތްކަން ރައީސް މައުމޫން ފެކްޝަންގެ ބަޔާނުގައި ބުނެ އެވެ. ރިޔާސީ ބަޔާނުގައި 64,000 ވަޒިފާ އުފެދިފައިވާކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، އެކަމަށް ރައްދު ދެއްވައި ރައީސް މައުމޫން ފެކްޝަނުން ބުނެފައިވަނީ އެ އަދަދުތައްވެސް އެކި ފަހަރު އެކި ގޮތަށް ސަރުކާރުގެ އިސްވެރިން، މީގެ ކުރިން ހާމަކުރަށްވާފައިވާ ކަމަށެވެ. އެ ވިދާޅުވި 64,000 ވަޒީފާއަކީ ސައްޙަ މަޢުލޫމާތާއެކު ވިދާޅުވެފައިވާ ވާހަކަފުޅެއްތޯ ސުވާލު އުފެދޭ ކަމަށް ރައީސް މައުމޫން ފެކްޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެސްއީޒެޑް ޤާނޫނެއް ހަދައިގެން އެތައް އިންވެސްޓްމަންޓްތަކެއް ގެންނަވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައި ވާއިރު، މިއަދު އެ ޤާނޫނުގެ ދަށުން ގެނެވުނީ ކިތައް އިންވެސްޓްމަންޓް ތޯ އާއި އެކަމާ ބެހޭ އެއްވެސް ވާހަކަފުޅެއް ވިދާޅުވެފައި ނުވާކަން ވެސް ރައީސް ޔާމީންގެ ބޭބޭފުޅު، މައުމޫން ފެކްޝަންގެ ބަޔާނުގައި ބުނެ އެވެ. 

ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްޤުތައް އެންމެ ފުރިހަމަ ގޮތުގައި  ހޯދައިދިނުމާއެކު، ރާއްޖެއަކީ ޤާނޫނުއަސާސީއާއި ޤާނޫނުތައް ތަންފީޒުކުރެވޭ، ޢަދުލު އިންސާފު ހަމަހަމައަށް ގާއިމުކުރެވޭ، ތިން ބާރުވަކިވެފައިވާ ނިޒާމެއް ޤާއިމުކުރެވިފައި އޮތް ޤައުމެއްކަން މިއަދު ދިވެހިރައްޔިތުން ޤަބޫލުކުރާ ކަމާމެދު ވެސް ސުވާލު އުފެދޭ ކަަމަށް ރައީސް ޔާމީނަށް ފާޑުވިދާޅުވެ، ބޭބޭފުޅުގެ ފެކްޝަނުން ނެރެފައިވާ ބަޔާނުގައިވެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އެޑްމިން
0%
0%
0%
0%
0%
0%
ކޮމެންޓް