ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން
29 އޮކްޓޯބަރު 2026 | ބުރާސްފަތި 07:46ސިއްރުން ރަން އެތެރެކުރި މައްސަލައެއްގައި ލަންކާ މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ރަނގަޅަށް ނޫން ކަމަށް ނިންމައި ހައިކޯޓުން ބާތިލުކޮށްފި. މި މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ހައިކޯޓުގެ މި ނިންމުން އައީ އޭނާގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު

އޭނާއަކީ ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން | ރާއްޖެ އެމްވީ
ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މުހައްމަދު ސުލައިމްހާން ރާއްޖެއަށް ސިއްރުން ރަން އެތެރެކުރި މައްސަލައިގައި ކުށްވެރިކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުށް ސާބިތު ކޮށްފައިވަނީ ރަނގަޅަކަށް ނޫންކަމަށް ހައިކޯޓުން ނިންމައިފި އެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ އޮކްޓޯބަރު މަހު ހުކުމްކުރީ އޭނާ އެއް އަހަރަށް ޖަލަށްލުމަށާއި ސިއްރުން އެތެރެކުރި މުދާ ކަސްޓަމްސްއަށް ނެގުމަށެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އޭނާގެ ފަރާތުން އެދިފައިވަނީ ރަންތައް އަނބުރާ ރައްދުކޮށްދިނުމަށާއި އޭނާ މިނިވަން ކޮށްދިނުމަށެވެ.
އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނީ 28 އޮކްޓޯބަރު ވީ ބުދަ ދުވަހު އެވެ. އެއީ އޭނާގެ މައްޗަށް ކޮށްފައިވާ 1 އަހަރު ދުވަހުގެ ޖަލު ހުކުމަށް އަހަރެއްވީ ދުވަހެވެ.
ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު ހައިކޯޓުގައި އޮތް އަޑުއެހުމުގައި ކޯޓުން މިވަނީ އޭނާގެ މައްޗަށް އޭރު ކުށް ސާބިތުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމައި، އެ ހުކުމް ބާތިލުކޮށްފަ އެވެ.
ފަނޑިޔާރުން ހުކުމް ކުރެއްވި ވަގުތު އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ވެސް ރޮއެފަ އެވެ.
އޭނާ ރާއްޖެއަށް ރަން އެތެރެކުރިކަން އެނގުނީ ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލަގެޖު ސްކޭންކޮށްގެން ނުކުންނަށް ދަނިކޮށް ކަސްޓަމް އޮފިސަރުން އޭނާ ހުއްޓުވައި ސުވާލުކޮށް ބަލައިފާސްކުރުމުގެ ތެރެއިންނެވެ.
އޭނާގެ ދަބަސް ބަލައިފާސްކުރިއިރު ދުބާއީން އޭނާ ރަން ގަނެ ރަން ޑިކްލެއަރ ކޮށްފައިވާކަމަށް ފެނުނު ލިޔުންތަކާ ގުޅިގެން އޭނާގެ ހަށިގަނޑު ސްކޭންކޮށް ބެލުމުން އެ ރަންތައް ވަނީ ފެނިފަ އެވެ. އެގޮތުން އޭނާގެ ހަށިގަނޑު އިތުރަށް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސުގެ ޖީބުތަކުންނާއި ލައިގެންހުރި ބޮކްސާތެރެއިން 2252 ގްރާމްގެ ރަން ވަނީ ފެނިފަ އެވެ.
އިސްތިއުނާފުގައި ސުލައިމްހާން ބުނާގޮތުގައި މި މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައި ނުވެ އެވެ. އަދި ކުށުގެ އުންސުރުތައް ފުރިހަމަ ނުވާކަމަށް ވެސް އޭނާގެ ފަރާތުން ބުނެ އެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ޝަނީޒް އަބްދުއްލާއާއި ފަނޑިޔާރު އަލްއުސްތާޛު ހުސައިން މަޒީދު އަދި ފަނޑިޔާރު އަލްއުސްތާޛާ ހުޒައިފާ މުހައްމަދު އެވެ.










