ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުގެ އެއްވެސް ސިޔާސަތެއް މި ސަރުކާރުގެ ނެތް: މެންބަރު ޝަމްހީދު
28 ނޮވެމްބަރު 2026 | ހޮނިހިރު 07:36އެމްއެމްއޭއަށް ވަންނަ ޑޮލަރުގެ 90 އިންސައްތަ ސަރުކާރުގެ ބޭނުންތަކަށް ހޭދަކުރާތީ، ވިޔަފާރިތަކަށް ޑޮލަރު ލިބުމުގެ ދަތިކަން ހައްލުނުވާނެ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި. އަދި އިގްތިސާދީ ދަތި ދަނޑިވަޅެއްގައި ބޮޑު އަގުގައި ޑްރެޖަރާއި ވެހިކަލް ގަތުން ފަދަ އިސްރާފު ބޮޑު ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި


ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
މާކެޓުގައި ހުރި ޑޮލަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ނެގުމަށްފަހު، އޭގެ ބޮޑުބައި ސަރުކާރުގެ ބޭނުންތަކަށް ހޭދަކުރާތީ، ޑޮލަރުގެ މައްސަލަ ހައްލުނުވާނެ ކަމަށާއި، ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުގެ އެއްވެސް ސިޔާސަތެއް މި ސަރުކާރުގެ ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، އެމްއެމްއޭއަށް ވަންނަ ކޮންމެ 100 ޑޮލަރަކުން އާންމު ވިޔަފާރިވެރިންނަށް ދޫކުރަނީ ގާތްގަނޑަކަށް 10 ޑޮލަރު ކަމަށެވެ. އެމްއެމްއޭއަށް ގެންދާ ފައިސާގެ 90 އިންސައްތަ ނަގަނީ ސަރުކާރުގެ ބޭނުންތަކަށް ކަމަށާއި، ޑޮލަރުގެ 40 އިންސައްތަ ނެގުމަށްފަހު އޭގެ އެއްވަރުގެ އަދަދެއް ވިޔަފާރިތަކަށާއި އާންމުންނަށް ލިބޭނެ ގޮތް ހަމަޖައްސައިދީގެން ނޫނީ އެ މައްސަލައަށް ހަގީގީ ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާކެޓުގައި ހުރި ހުރިހާ ޑޮލަރެއް އެމްއެމްއޭއަށް ގެންގޮސްފައި، ކޮންމެ 100 ޑޮލަރަކުން 10 ޑޮލަރު އާންމު ވިޔަފާރިވެރިންނަށް ދޭހާ ހިނދަކު ކިހިނެއްތޯ މައްސަލަ ހައްލުކުރާނީ؟ މި ބޭފުޅުން 40 ޕަސެންޓް ގެންގޮސްފައި ހަމަ އެހާ އެއްވަރު އަދަދެއް ވިޔަފާރިތަކަށް ނޫނީ އާންމުންނަށް ދޭނަމަ މައްސަލައަށް ހައްލުވެދާނެ. އެކަމަކު މި ގެންދާ ހުރިހާ ފައިސާއެއްގެ 90 ޕަސެންޓް މި ނަގަނީ ސަރުކާރު ބޭނުންތަކަށް. ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތް ޑޮލަރުގެ ޑިޕެންޑެންސީ ކުޑަކުރުމުގައިޑރ. އަހްމަދު ޝަމްހީދު
މީގެ އިތުރުން ސަރުކާރުން ބޭރު ފައިސާއަށް ބަރޯސާވުން ކުޑަކުރަން މަސައްކަތްކުރާ ކަމަށް ބުނާއިރު، 100 ނުވަތަ 200 މިލިއަން ޑޮލަރު ދީފައި އިތުރު ޑްރެޖަރު ގަންނަން ޖެހޭ ސަބަބާމެދު މެންބަރު ޝަމްހީދު ސުވާލު އުފެއްދެވި އެވެ.
އެގޮތުން ހއ. ދިއްދޫ، ތ. ގާދިފުށި އަދި ށ. މިލަންދޫ ފަދަ ރަށްރަށުގައި ހިއްކާފައި ހުރި ބިންތައް ގިރައިގެންދާއިރު، އެ ތަންތަނުގެ ހިމާޔަތުގައި ޖަހާނެ ބޮޑުހިލަ ނުގަނެވި އުޅެނިކޮށް، ބޮޑު އަގުގައި އަނެއްކާ ވެސް އިތުރު ޑްރެޖަރު ގަތުމަކީ ދެކޮޅުޖެހޭ ސިޔާސަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިދިޔަ އަހަރު ތެރޭގައި ބަޖެޓުން ބޭރުން އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ބޮޑެތި ހެވީ ވެހިކަލްތަކެއް ގަނެފައިވާ ކަމަށާއި، ނަމަވެސް އެ ތަކެއްޗަށް އަޅާނެ ތެލާއި ތާރު ގަންނާނެ ފައިސާ ނެތިގެން ވެހިކަލްތައް ބޭނުންނުކުރެވި ހަލާކުވަމުންދާ ކަމަށެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ، މި ސަރުކާރުން ބޮޑެތި ވެހިކަލްތަކާއި ޑްރެޖަރުތައް ގަތުމަށާއި އަދި ކުއްޔަށް ނެގުމަށް ކުރަމުންދާ އިސްރާފު ބޮޑު ހޭދަތަކަކީ ގައުމުގެ އިގްތިސާދީ ހާލަތާ އެކަށީގެންނުވާ، ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.










