މިސަރުކާރުގައި ތިބި ނުފޫޒުގަދަ ވިޔަފާރިވެރިންގެ ސަބަބުން ހުޅުމާލެ ރައްޔިތުންނަށް ނައިޓް މާކެޓެއް ބާއްވާނެ ފުރުސަތެއް ނުދިން: މެންބަރު ޝަމްހީދު
24 ނޮވެމްބަރު 2026 | އަންގާރަ 10:12ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ނުފެށި، ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެ މެންބަރު ޑރ. ޝަމްހީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓަކީ ދަރަނީގެ މައްސަލަތަކަށް ހައްލެއް ނެތް އަދި މަޝްރޫއުތައް ނިންމުމަށް ދަތިވާނެ ބަޖެޓެއްކަން އޭނާ ފާހަގަކުރެއްވި


ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު | ރައްޔިތުންގެ މަޖިލިސް
މިސަރުކާރުގައި ތިބި ނުފޫޒުގަދަ ވިޔަފާރިވެރިންގެ ސަބަބުން ހުޅުމާލެ ރައްޔިތުންނަށް ނައިޓް މާކެޓެއް ބާއްވާނެ ފުރުސަތެއް ނުދިން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޝަމްހީދު ވިދާޅުވީ މިސަރުކާރު ފެށީ ޑިވޮލޮޕްމެންޓް ބޭންކް އަދި ބަންކަރިންގ ފަދަ އެތައް ބިލިއަން ޑޮލަރުގެ މަޝްރޫއުތަކުން ކަމަށެވެ. ނަމަވެސް މިއިން އެއްވެސް މަޝްރޫއެއް ހަގީގަތަކަށް ނުވި ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ މި މަޝްރޫއުތައް ހަގީގަތަކަށް ނުވުމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނ. އަތޮޅުގައި ފަށާފައިވާ މަޝްރޫއު، ޓައުންޝިޕަކަށް ހެދުމަށްފަހު އެ މަޝްރޫއިން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ލިބެން އޮތް ފައިސާ މި ސަރުކާރުން ދޫކޮށްލާފައިވާ ކަމަށެވެ.
ހަމައެއާއެކު، މިސަރުކާރު އައުމަށްފަހު ދިވެހި ވިޔަފާރި ވެރިންނަށް ދޭން ހުރި ފައިސާ ދިނުން ހުއްޓާލާފައިވާ ކަމަށާއި ދިވެހި ވިޔަފާރިވެރިންގެ ކޮންޓްރެކްޓްތައް ޓާމިނޭޓް ކޮށްފައިވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. އެގޮތުން މިހާރު ވެސް 7.5 ބިލިއަން ރުފިޔާ ވިޔަފާރިވެރިންނަށް ދައްކަން ޖެހިފައި އޮތް ކަން މެންބަރު ޝަމްހީދު ފާހަގަކުރެއްވި އެވެ.
ހުޅުމާލެ އިގުތިސާދަކީ ޓެކްސީ ޑްރައިވަރުންގެ އިގުތިސާދެއް، ހުޅުމާލެއަށް ވަންނަނީ ނައިޓް މާކެޓުން، މި ދެ ވިޔަފާރި ވެސް މިސަރުކާރުން ހުއްޓުވާލައިފި. ޓެކްސީ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަނީ މިއަދު މިސަރުކާރުގައި ތިބި ނުފޫޒުގަދަ ވިޔަފާރިވެރިންގެ ސަބަބުން އިއްޒަތްތެރި ރައީސް ހުޅުމާލެ ރައްޔިތުންނަށް ނައިޓް މާކެޓެއް ބޭއްވުމަށް ފުރުސަތެއް ނުދިނޭ އިއްޒަތްތެރި ރައީސްޑރ. އަހުމަދު ޝަމްހީދު
މީގެ އިތުރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ފާސްކޮށްފައި އޮތީ ބަޖެޓު ޑެފިސިޓް ބޮޑުވާ ގޮތަށް ކަމަށާއި ނުނިމި ހުރި މަޝްރޫއުތައް ނިންމުމަށްް ބަޖެޓުގައި ފައިސާ ނެތް ކަމަށް އަދި ދަރަނީގެ މައްސަލައަށް ވެސް ބަޖެޓުގައި ހައްލެއް ނެތް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.











