5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު
19 އޮކްޓޯބަރު 2026 | ހޯމަ 07:06ރާއްޖޭގެ ފަސް ރަށެއްގައި އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށާއި، އެ މަޝްރޫއުތަކަށް އިތުރު ބަޖެޓެއް ބޭނުންނުވާނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވެއްޖެ. ނަމަވެސް ބައެއް ރަށްރަށުގެ އެއަރޕޯޓް މަސައްކަތްތައް ހުއްޓިފައިވާތީ އާންމު ރައްޔިތުންނާއި ކައުންސިލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މީގެ އިތުރުން ލ. އިސްދޫކަލައިދޫ އެއަރޕޯޓަށް ބޭނުންވާ 600 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި


މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓު ޑރ. އަބްދުﷲ މުއްތަލިބު | ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ 5 އެއަރޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ ރާއްޖޭގައި މިވަތުގު ތަރައްގީ ކުރެވެމުންދާ އެއަރޕޯޓް ތަކުގެ ތެރެއިން އަމަލީ މަސައްކަތް ކުރިއަށް ދަނީ ކޮން އެއަރޕޯޓްތަކެއްގައި ތޯ އަދި އެ މަޝްރޫއުތައް ނިންމުމަށް އިތުރަށް ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވެނީ ކިހާ ފައިސާ އެއް ތޯ މިނިސްޓަރު މުއްތަލިބް އާ ސުވާލު ކުރައްވާފަ އެވެ.
އެ ސުވާލަށް ލިޔުމުން ޖަވާބުދެއްވާ މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް ކުރެވިގެން މިހާރު ކުރިއަށް ދަނީ 5 އެއަރޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަސައްކަތްތައް ކުރިއަށް ދަނީ އެކި މަރުހަލާތަކުގައި ކަމަށާ މި މަޝްރޫއުތައް ނިންމުމަށްޓަކައި ކަނޑައެޅިފައިވާ ބަޖެޓަށް ވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ލ. އިސްދޫކަލައިދޫ އެއަރޕޯޓް އަދި ކޮންޓްރެކްޓް ކުރެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެ މަޝްރޫއު އަށް ބޭނުންވާ 600 މިލިއަން ރުފިޔާ މިހާރު ވަނީ ބަޖެޓުގައި ހިމަނައި ހަމަޖައްސާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ރަށުގައި އެއަރޕޯޓެއް އެޅުމަށް ނިންމާފައިވާ ކަން މި ސަރުކާރުން އިއުލާން ކުރީ މި އަހަރުގެ ޖޫން މަހުގަ އެވެ.
އެއަރޕޯޓްތަކުގެ މަސައްކަތް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިިދާޅުވެފައިވީ ނަމަވެސް ރަށްރަށުގައި މަސައްކަތްތައް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް ދަނީ ފާޅުކުރަމުންނެވެ. އެގޮތުން ބިންގާ އަޅާފައިވާ އެއަރޕޯޓްތަކުގެ މަސައްކަތް ވެސް އެއްވެސް ވަރަކަށް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ވެސް އެއަރޕޯޓްތަކުގެ ބިންގާ އަޅާފައިވާ ރަށްތަކުގެ ރައްޔިތުންނާ ކައުންސިލްތަކުން ވެސް ދަނީ ފާޅުކުރަމުންނެވެ.









