ރާއްޖޭގެ ބިމަކީ ހަމައެކަނި ރައީސް މުއިއްޒުގެ ބިމެއް ނޫން، ބިމަށް ވާންވީ ގޮތް ނިންމޭނީ ރައްޔިތުންނަށް: މާރިޔާ
27 ނޮވެމްބަރު 2026 | ހުކުރު 08:08ރަސްމާލެ މަޝްރޫއުގެ ދަށުން ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަށް ދޭން ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން، ބިމާ ގުޅޭ މިފަދަ ކަންކަން ނިންމަންވާނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ކުރީގެ މިނިސްޓަރު މާރިޔާ ވިދާޅުވި. ސަރުކާރުން މިކަންކަން ސިއްރުން ކުރަނީ އަމިއްލަ ފައިދާއަށް ކަމަށް ތުހުމަތުކުރައްވައި، މިކަމާ ދެކޮޅަށް ޕެޓިޝަން ތައްޔާރުކުރަން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވި


އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "އަހާބަލަ" މުޒާހަރާގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ ބިމަށް ވާންވީ ގޮތް ނިންމޭނީ ރައްޔިތުންނަށް ކަމަށާއި އެކަމުގައި ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "އަހާބަލަ" މުޒާހަރާގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޭ މައްސަލައަށް އިޝާރާތް ކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ އެއްވެސް ވާހަކައެއް އެމަނިކުފާނުގެ އަމަލާ ދިމާނުވާ ކަމަށް ވެސް މާރިޔާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ބިމާ ގުޅޭގޮތުން ސަރުކާރުން ނިންމަމުންދާ ނިންމުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މާރިޔާ ވިދާޅުވީ ބިމަށް ވާންވީ ގޮތް ނިންމޭނީ ރައްޔިތުންނަށް ކަމަށާއި، މިއީ ދިވެހީންގެ ބިން ކަމަށެވެ.
އަޅުގަނޑުމެން ރާއްޖޭގެ ބިމަށް މި ވާންވީ ގޮތްތައް އަޅުގަނޑުމެންނަށް ނިންމޭނީ، ރައްޔިތުންނަށް ނިންމޭނީ. ރައްޔިތުންގެ އަތުގައި އަހަންޖެހޭ ރައްޔިތުންގެ ވޯޓަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ. މިހާރު ކޮންމެ އެއްޗެއްކަން ސޮއިކުރެއްވި ކަމުގައި ވިޔަސް، މި ކަންކަން އައިސް ހަމައަކަށް އެޅޭނީ މީގެ ދެ އަހަރެއް ފަހުން 2028 ގައި. ރައްޔިތުން މިއަދު ތިބީކީ ރައީސް މުއިއްޒަށް މި ގައުމު ދެން 2028 އިން ފެށިގެން ދޭ ގޮތަކަށް ނޫން. ކިތަންމެ ވަޒީފާއެއް ބެއްސަސް ރައްޔިތުން 'ނޫން' ބުނާނެ. އަޅުގަނޑަށް ހަމަ ޔަގީން ރައްޔިތުން ގާތުގައި އަހާލަން ނުކެރޭ މީހުން ރައްޔިތުން ވެރިކަމަކު ނުބަހައްޓާނެމާރިޔާ އަހުމަދު ދީދީ
މީގެ އިތުރުން މާރިޔާ ވިދާޅުވީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ރައްޔިތުންގެ ވޯޓަކަށް ދާން ވެސް އަދި ޕެޓިޝަންތައް ތައްޔާރުކުރަން ވެސް މިއަދު ތައްޔާރުވާން ޖެހޭ ކަމަށެވެ. ސަރުކާރުން ކުރަން އުޅެނީ ކޮން ކަމެއްކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި، މިހާ ބޮޑު ސިއްރިޔާތެއްގައި މިކަން ކުރަން އުޅެނީ ކީއްވެގެންތޯ ވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ސަރުކާރަށް ރައްޔިތުންގެ ގާތަށް ދާން ބޭނުންނުވަނީ ޖީބަށް ލިބޭ އެއްޗެއް ބޮޑުކަމުން ކަމަށާއި، އެ ވާހަކަ ދައްކަން ނުކެރިގެން އުޅޭ މަންޒަރު ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. އަދި މިކަންކަން ކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.











