އިންވެސްޓްމަންޓްތަކުން މީހުން ނިދާފައި ތިއްބަސް އާމްދަނީ ލިބެންޖެހޭ، ނަމަވެސް މި ސަރުކާރުން ގެންނަ އިންވެސްޓްމަންޓްތަކުން ގައުމު ދަނީ ހަލާކަށް: މޭޔަރު އާޒިމް
27 ނޮވެމްބަރު 2026 | ހުކުރު 07:28މި ސަރުކާރުން ގެންނަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމު ހަލާކުވެ، އަންނަން އޮތް ޖީލުތައް ނިކަމެތިވަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު އާޒިމް ވިދާޅުވި. ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދީފައިވަނީ ދައުލަތަށް ލިބޭނެ ފައިދާއެއް ނޭނގޭ ގޮތަށް ކަމަށާއި، މިފަދަ ކަންކަމުގައި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި. މީގެއިތުރުން، އިންވެސްޓްމަންޓްތަކަކީ އޭގެ ނަފާ ދާއިމީ ގޮތެއްގައި ލިބެންޖެހޭ އެއްޗަކަށް ވާއިރު، މިހާރު ފެންނަނީ ގައުމުގެ މުއްސަނދިކަން ފޭރެމުންދާ މަންޒަރު ކަމަށްވެސް އާޒިމް ފާހަގަކުރެއްވި


އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ "އަހާބަލަ" މުޒާހަރާގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
އިންވެސްޓްމަންޓްތަކަކީ މީހުން ނިދާފައި ތިއްބަސް އޭގެން އާމްދަނީ ލިބެންޖެހޭ އެއްޗެއް ކަމަށާއި، ނަމަވެސް މިސަރުކާރުން ގެންނަ އިންވެސްޓްމަންޓްތަކުން ގައުމު ދަނީ ހަލާކަށް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ "އަހާބަލަ" މުޒާހަރާގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މުޅި ގައުމު ގަޑުބޮޑުކޮށް، ހުރިހާ އެންމެން ނިކަމެތިކޮށް ބިކަކުރަމުންދާ މަންޒަރު ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ. އަދި 99 އަހަރަށް ރިސޯޓުތައް ދޫކުރާ ވާހަކަ ދައްކާއިރު، 99 އަހަރަށް ރަސްމާލެ ނުދެނީ ކީއްވެގެންތޯ ބުނާ ބުނުމަށް ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
99 އަހަރަށް ރިސޯޓެއް ދިނުމުން އޭގެން ދައުލަތަށް ލިބެނީ ކޮން ކުއްޔެއް ކަމާއި، ކޮން ޓެކްސެއް އަދި ކޮން އާމްދަނީއެއްކަން ރައްޔިތުންނަށް ސާފުކޮށް އެނގޭ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. ނަމަވެސް ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ވާނުވާ ނޭނގޭ ގޮތަށް ސަރުކާރުން ދީފައިވާއިރު، އޭގެން ގައުމަށް ލިބެނީ ކޮން އެއްޗެއްކަން ރައްޔިތުންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންވެސްޓްމަންޓަކީ މި ގައުމަށް ބޮޑެތި އިންވެސްޓްމަންޓެއް ގެންނާނަމޭ ކިޔާފައި ފޭރޭ މީހުން ގައުމަށް ވެއްދުމެއް ނޫން. މުޅި ގައުމު ފޭރި ހަލާކުކޮށްލަން މި މީހުން އެކިއެކި މީހުން މި ތަނަށް ވައްދައިގެން މި އުޅެނީ. މިއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫންއާދަމް އާޒިމް
އިންވެސްޓްމަންޓަކީ މީހުން ނިދާފައި ތިއްބަސް އޭގެން އާމްދަނީ ލިބެންޖެހޭ އެއްޗެއް ކަމަށާއި، މިއަދު ގައުމުގައި ކުރާ އިންވެސްޓްމަންޓްތަކަކީ އަންނަން އޮތް ޖީލުތަކަށާއި ދަރިންނަށް އޭގެ ނަފާ އާއި އާމްދަނީ ލިބެންޖެހޭ އެއްޗެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. އަދި އޭގެ އުފާފާގަތިކަމާއި އަރާމުގައި ކުދިން އުޅެންޖެހޭއިރު، މިހާރު ގެންނަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރައްޔިތުންނާއި އަންނަން އޮތް ޖީލުތައް ތާއަބަދަށް ނިކަމެތިވެ ހަލާކުވެ، އެ ދަލުން ނުނިކުމެވި ތާށިވާ ގޮތަށް ކަންކަން ހަމަޖެހިފައިވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން މޭޔަރު އާޒިމް ވިދާޅުވީ، މިފަދަ ގޮތްގޮތަށް ކަންތައްތައް ނުކުރުމަށާއި، ރިފަންޑަބަލް ކަންކަމަށް ދިއުމުގެ ކުރިން ވެސް އެއީ ކޮން އެއްޗެއްކަން ސާފުކޮށް އެނގެންޖެހޭނެ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އެފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މޭޔަރު އާޒިމް ވިދާޅުވި އެވެ.











