ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން: ނިޝާން
26 ނޮވެމްބަރު 2026 | ބުރާސްފަތި 12:10ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރުމަށް މިހާރު ވެސް ހުރަހެއް ނެތްއިރު، ސަރުކާރުން ހުށަހެޅި ބިލުގެ އަސްލު ބޭނުމަކީ ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ މަގު ފަހިކުރުން ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން ވިދާޅުވެއްޖެ. މި ބިލަކީ ގާނޫނުއަސާސީއާ ފުށުއަރާ ގޮތަށް، ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި


ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް | ރާއްޖެއެމްވީ
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭނެ ގޮތެއް ނުވަތަ ވިއްކޭނެ ގޮތެއް ހޯދުން ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު "ފައިސަލްއާޒިމް" ގެ ގާނޫނީ ޓީމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ ރިއަލް އެސްޓޭޓް އުސޫލަކީ ރާއްޖޭގައި އަލަށް އުފެދިގެން އަންނަ އަސޫލެއް ނޫން ކަމަށެވެ. އެގޮތުން ރިއަލް އެސްޓޭޓް އިންޑަސްޓްރީއަކީ ރާއްޖޭގައި ދެވަނައަށް ކުރިއަރާފައި އޮތް އިންޑަސްޓްރީ ކަމަށް ނިޝާން ވިދާޅުވި އެވެ.
ރާއްޖޭގައި ދައުލަތް ހިއްސާވާ ރިއަލް އެސްޓޭޓް ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރުގައި ހިމެނޭ ބައިވަރު ކުންފުނިތަކުން ރިއަލް އެސްޓޭޓްގެ ވިޔަފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރާތާ އެތައް ޒަމާނެއްވެފައިވާކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ ރިއަލް އެސްޓޭޓް އިންޑަސްޓްރީއަކީ ތަރައްގީ ވެފައިވާ އިންޑަސްޓްރީއެއް ކަމަށެވެ. އަދި މި ބަވާތުގެ ކަންކަން ކުރަމުން ދަނީ އާންމު އުސޫލުގެ ތެރެއިން ކަމަށް ނިޝާން ވިދާޅުވި އެވެ.
އެހެންކަމުން ރިއަލް އެސްޓޭޓް ގާނޫނު ނުގެނައި ކަމުގައިވީ ނަމަވެސް ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރުމަށް ހުރަސްތަކެއް ނެތް ކަމަށް ނިޝާން ވިދާޅުވި އެވެ.
އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހަމައަކީ މި ގާނޫނު މަތިން ތިރިއަށް 21 ފަހަރަކު މީހަކު ކީކަމުގައި ވިޔަސް މުޅި ގާނޫނުގައި މަގުސަދެއް ގޮތުގައި އަދި ގާނޫނު ގެންނައިރު މި ގާނޫނު ލިޔެފައި ގެނައިއިރު، ގާނޫނުގެ މަގުސަދުގެ ގޮތުގައި އެބަހުރި ވާހަކަތަކެއް ބަޔާންކޮށްފައި. މުޅި ގާނޫނު ކިޔާއިރު އެ ގާނޫނު ގެނައުމުގެ މަގުސަދެއް ނޫން ބަޔާންކޮށްފައި އޮތީ. މުޅި ގާނޫނު އެއްކޮށް ގެނެވިފައި ހުރި ހުރިހާ މާއްދާތަކެއް މަތިން ތިރިއަށް އަޅުގަނޑުމެން 21 ފަހަރު ކީއިރުގައި ވެސް އަޅުގަނޑުމެން ދިރާސާކުރި އިރުގައި ވެސް އަޅުގަނޑުމެންނަށް މުޅި ޖުމްލަ ދޭހަވީ ނަތީޖާއަކީ ބޭރު މީހުންނަށް ބިން ގަނެވި ވިއްކޭ ގޮތަށް އަމަލު ކުރެވޭނެ އެންމެހާ އިޖުރާތްތަތައް ގާނޫނުގައި ގެނައުމުގެ މަގުސަދު މި ގާނޫނުގެ ޖުމްލަ އަސާސްއަކީމުހައްމަދު ނިޝާން އިބްރާހީމް
ނިޝާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުގައި ހަމައެކަނި ނުލިޔެ އޮތް ހަމައެކަނި ވާހަކައަކީ ޔޫއޭއީގެ "އީގަލް ހިލްސް" ކުންފުންޏަށް ރަސްމާލެއިން ބައެއް ދިނުމަށް ހަދާ ގާނޫނެއް ކަމަށެވެ. މީގެ އިތުރުން މި ގާނޫނު ސިފަކުރެވެނީ ގާނޫނުއަސާސީއާ އަދި މިފަންނުގެ އެންމެހާ ގާނުނުތަކަށް ދިމާ އިދިކީލިވާ ގޮތަށް ނުވަތަ ތާއަރުޒު ވާގޮތަށް އޮތް ގާނޫނެއް ގޮތުގައި ކަމަށް ނިޝާން ވިދާޅުވި އެވެ.











