މުލީ ރީޖަނަލް ހޮސްޕިޓަލުގައި ހައްޖަށްދާ މީހުން ހަދަންޖެހޭ ޓެސްޓުތައް ނުހެދޭތާ ތިން ހަފްތާވެއްޖެ
26 ނޮވެމްބަރު 2026 | ބުރާސްފަތި 13:13މުލީ ރީޖަނަލް ހޮސްޕިޓަލުން ހައްޖު މެޑިކަލް ޓެސްޓުތައް ހެދުމަށް ބޭނުންވާ ބައެއް ތަކެތި ހުސްވުމާ ގުޅިގެން، އެ ޚިދުމަތް މެދުކެނޑިފައިވާތީ ހައްޖަށްދާ މީހުންނަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައި. މި މައްސަލަ ހައްލުވާނެ ދުވަހެއް ނޭނގޭތީ، ސަރަހައްދީ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން

މުލީ ރީޖަނަލް ހޮސްޕިޓަލުގައި ހައްޖަށް ދާ މީހުން ހަދަންޖެހޭ ޓެސްޓުތައް ނުހެދި ތިން ހަފްތާވެއްޖެ | ރާއްޖެ ޓީވީ
މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ހައްޖަށްދާ މީހުންނަށް ހަދަންޖެހޭ ބައެއް މެޑިކަލް ޓެސްޓުތައް ނުހެދި މިހާރު ތިން ހަފްތާ ވެއްޖެކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް މެދުވެރިކޮށް މުލީ ރީޖަނަލް ހޮސްޕިޓަލަށް ގުޅާލުމުން ދިން މައުލޫމާތުގައި ބުނީ ހައްޖު ޕެކޭޖުގައި ހިމެނޭ ބައެއް ޓެސްޓުތައް އެ ހޮސްޕިޓަލުގައި ނުހެދޭ ކަމަށެވެ. އެ ޓެސްޓުތައް ނުހެދޭ ސަބަބަކީ އެ ޓެސްޓުތައް ހެދުމަށް ބޭނުންވާ ބައެއް ތަކެތި ނުލިބޭތީކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
މި މައްސަލަ ހައްލުވާނެއިރެއް އަދި ނޭނގޭކަމަށް ވެސް ހޮސްޕިޓަލުން ހާމަކުރި އެވެ. މިއީ ހައްޖަށް ދާން ތައްޔާރުވަމުން އަންނަ މީހުންނަށް ބޮޑު ދަތިކަމެއް ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން މައުލޫމާތު ދިނެވެ.
ހައްޖަށް ދާ މީހުންނަށް ބައެއް މެޑިކަލް ޓެސްޓުތައް ހަދައި ސެޓްފިކެޓް ހޯދުމަކީ ލާޒިމް ކަމެކެވެ. މި ޓެސްޓުތަކުގައި އެކިއެކި ބައްޔާ ގުޅޭ ޓެސްޓުތައް ހިމެނެ އެވެ. މި ޓެސްޓުތައް ނުހެދިއްޖެނަމަ ހައްޖަށް ދިއުމަށް ބޭނުންވާ ސެޓްފިކެޓް ނުލިބި ދަތިތަކަށް ކުރިމަތިވާނެ އެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލަކީ މެދުދެކުނު ސަރަހައްދުގެ ރަށްތަކުގެ މީހުންނަށް ހިދުމަތް ދޭ މުހިންމު ހޮސްޕިޓަލެކެވެ. އެހެންކަމުން އެ ސަރަހައްދުގެ ހައްޖަށް ދާން ތައްޔާރުވާ މީހުންނަށް މި ޓެސްޓުތައް ނުހެދި ހުރުމަކީ ބޮޑު ދަތިކަމެކެވެ.











