ޙައްޖުވެރިން ބުދަ ދުވަހު ޖަމްރާ އަށް ހިލައުކުން ކުރިއަށް ގެންގޮސްފި
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި 1.7 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ޢަރަފާތް ދުވަހުގެ އަޅުކަމަށްފަހު ޙައްޖުވެރިން މިހާރު ދަނީ މިނާގައި ޖަމްރާތަކަށް ހިލައުކުމުގެ އަޅުކަން ފުރިހަމަކުރަމުން. ސައުދީ ސަރުކާރުން އެކުލަވާލާފައިވާ ހަރުދަނާ އިންތިޒާމުތަކާއެކު ޖަމްރަތުލް ޢަޤަބާއަށް ހިލައުކުމާއި، ހަދްޔު ކަތިލުމާއި، ބޯބޭލުމުގެ އިތުރުން ތަވާފުލް އިފާޟާގެ ކަންކަން ވަރަށް އޮމާންކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވޭ. ޙައްޖުވެރިން މިހާރު ތަޝްރީޤްގެ ދުވަސްތައް ގުނަމުންދާއިރު، މި ދުވަސްތަކުގައި އޮންނަ މައިގަނޑު އަޅުކަމަކީ މިނާގައި ރޭކުރުމާއި ތިން ޖަމްރާއަށް ހިލައުކުން.

މުސްލިމް ޙައްޖުވެރިން މައްކާގެ މުޤައްދަސް ބިމާ ކައިރީގައިވާ މިނާގައި، "ޖަމްރާތު" އަށް ހިލަ އުކުމުގެ އަޅުކަން އަދާކުރަނީ. | ގެޓީ އިމޭޖަސް
ޙައްޖުގެ ތިންވަނަ ދުވަސް ކަމަށްވާ ބުދަ ދުވަހު، ޙައްޖުވެރިން ވަނީ ޙައްޖުގެ މައިގަނޑު ފަސް އަޅުކަމެއް އަދާކުރަން ފަށާފައެވެ. އޭގެ ތެރޭގައި ޖަމްރާތަކަށް ހިލައުކުމާއި، ބޯބޭލުން ނުވަތަ އިސްތަށިގަނޑުން ބައެއް ކޮށާލުމާއި، ހަދްޔު ކަތިލުމުގެ އިތުރުން، ޙައްޖުގެ ބާކީ އޮތް ދެ ރުކުން ކަމަށްވާ ތަވާފުލް އިފާޟާ އާއި ސަޢުޔު ކުރުން ހިމެނެއެވެ.
މުޒްދަލިފާގައި ރޭކުރުމަށްފަހު، ޖަމްރާތަކަށް ހިލައުކުމުގެ އަޅުކަން އަދާކުރުމަށްޓަކައި ބުދަ ދުވަހުގެ ހެނދުނު ޙައްޖުވެރިން ވަނީ މިނާއަށް ޖަމާވެފައެވެ. ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ ޢަރަފާތް ދުވަހުގެ އަޅުކަން އަންގާރަ ދުވަހު ފުރިހަމަކުރުމަށްފަހު، ޙައްޖުވެރިން ވަނީ ޝައިތާނާއަށް ހިލައުކުމުގެ ރުކުން ފަށާފައެވެ. މި އަޅުކަމަކީ ޙައްޖުގެ ފަހު ދުވަސްތަކާއި، މުޅި ދުނިޔޭގެ މުސްލިމުން ބުދަ ދުވަހު ފާހަގަކުރަން ފެށި އަޟްޙާ ޢީދު ނުވަތަ ޛުލްޙިއްޖާ މަހުގެ 10 ވަނަ ދުވަހުގެ ފެށުމެވެ. މި ދުވަހަށް "ޔައުމުއް ނަޙްރު" ނުވަތަ އުުދުހިޔާ ކަތިލާ ދުވަހުގެ ނަމުންވެސް ނަންދެވިފައިވެއެވެ.
މިނާއަށް ދިއުމަށްފަހު، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތާ އެއްގޮތަށް ޙައްޖުވެރިން ވަނީ ޖަމްރަތުލް ޢަޤަބާ (ޝައިތާނާ ރަމްޒުކޮށްދޭ އެންމެ ބޮޑު ތަނބު) އަށް ހިލައުކުމުގެ އަޅުކަން އަދާކޮށްފައެވެ. މި އަޅުކަމުގައި ކޮންމެ ޙައްޖުވެރިއަކު ހަތް ހިލަކޮޅު ބޭނުންކޮށްފައިވެއެވެ. ބިޔަ ޖަމްރާތު ބްރިޖް ކޮމްޕްލެކްސްގެ އެކި ފަންގިފިލާތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ޙައްޖުވެރިން ޖަމްރަތުލް ޢަޤަބާއަށް ހިލައުކުމަށް ކުރި ދަތުރު ފެނިގެންދިޔައީ ވަރަށް އޮމާންކޮށް އަދި ތަރުތީބުން ދިޔަ ކަމެއްގެ ގޮތުގައެވެ. ޖަމްރާތަކާ ހަމައަށް ފޯރުމުން ޙައްޖުވެރިން ތަލްބިޔާ ކިޔުން ހުއްޓާލައި، ތަކްބީރު ކިޔަމުން ހިލައުކުމުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވެއެވެ.
މީހުން އެއްވެ އުޅުން ކޮންޓްރޯލް ކުރުމަށާއި، މުޤައްދަސް ބިނާތަކުގެ މެދުގައި ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތަށް އެކުލަވާލާފައިވާ އޮޕަރޭޝަނަލް ޕްލޭންތަކުގެ އެހީގައި، ޖަމްރާތު ސަރަޙައްދުގައި މީހުންގެ ހަރަކާތްތައް ވަރަށް އޮމާންކޮށް ކުރިއަށްދިޔަކަން ފާހަގަކުރެވުނެވެ. މި ހަރަކާތްތައް ކުރިއަށް ގޮސްފައިވަނީ ކަނޑައެޅިފައިވާ ކްރައުޑް މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް ވަރަށް ރޭވުންތެރިކަމާއެކުގައެވެ.
ޖަމްރާތު ބްރިޖްގެ އެކި ފަންގިފިލާތަކުގައި އެއްވެސް ކަހަލަ ތޮއްޖެހުމެއް ނެތި، ޙައްޖުވެރިން ވަރަށް ތަރުތީބުން އަޅުކަން އަދާކުރަމުންދިޔަ މަންޒަރު ފެނިފައިވެއެވެ. ސަލާމަތީ ބާރުތަކުން މީހުންގެ ހަރަކާތްތައް ބަލަހައްޓަމުންދިޔައިރު، ސަލާމަތީ ކަންކަމާއި، ޞިއްޙީ ޚިދުމަތާއި، އެމްބިއުލަންސްގެ ޚިދުމަތުގެ އިތުރުން މުނިސިޕަލް އަދި ސިވިލް ޑިފެންސްގެ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދެމުންދިޔައެވެ.
ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޙައްޖުވެރިންނަށް ރައްކާތެރި އަދި ފަސޭހަ މާޙައުލެއް ފޯރުކޮށްދިނުމަށްޓަކައި އެމްބިއުލަންސްތަކާއި މެޑިކަލް ޓީމުތަކާއި، އިރުޝާދުދޭ ފަރާތްތަކުގެ އިތުރުން ސާފުތާހިރުކަމުގެ ޚިދުމަތްތައް ވަރުގަދަކޮށްފައެވެ. ސަލާމަތީ ބާރުތަކާއި ސްކައުޓުން ވަނީ ޙައްޖުވެރިންނަށް މަގުދައްކައި، ހިލައުކުމުގެ އަޅުކަމަށް ކަނޑައެޅިފައިވާ މަގުތަކާއި ބްރިޖްގެ ފަންގިފިލާތައް ބޭނުންކުރުމަށް އިރުޝާދުދީ، ހަރަކާތްތައް އަވަސް އަދި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދީފައެވެ.
ހިލައުކުމުގެ އަޅުކަމަށްފަހު، ޙައްޖުވެރިން ވަނީ ހަދްޔު ކަތިލައި، ފިރިހެނުން ބޯބޭލުން ނުވަތަ އިސްތަށިގަނޑު ކޮށާލުމުން އަދި އަންހެނުން އިސްތަށިގަނޑުން އިނގިލި ކުރިއެއްގެ މިންވަރު ކޮށާލުމުން އިޙްރާމުން ބައެއް ފަހަރު ވީއްލިފައެވެ (ފުރަތަމަ ތަޙައްލުލް). މިއާއެކު ފިރިހެން ޙައްޖުވެރިން ވަނީ އިޙްރާމް ބާލައި އާންމު ހެދުމަށް ބަދަލުކޮށްފައެވެ. އެއަށްފަހު ޙައްޖުވެރިން މައްކާއަށް ގޮސް ތަވާފުލް އިފާޟާ އާއި ސަޢުޔު (ޞަފާ އާއި މަރްވާގެ ދެމެދުގައި ހިނގުން) ކުރިއަށް ގެންގޮސްފައިވެއެވެ. ތަވާފުލް ޤުދޫމާ އެކު ސަޢުޔު ފުރިހަމަކޮށްފައިވާ ޙައްޖުވެރިން، ދެވަނަ ފަހަރަށް ސަޢުޔު ކުރާކަށް ނުޖެހޭނެއެވެ.
ތަވާފާއި ސަޢުޔު ފުރިހަމަކުރުމުން ޙައްޖުވެރިން އިޙްރާމުން މުޅިން ވީއްލޭނެއެވެ. ބުރާސްފަތި ދުވަހުން ފެށިގެން ޙައްޖުގެ ބާކީ އޮތް ދެ ދުވަސް ނުވަތަ ތިން ދުވަހަކީ "އައްޔާމުއް ތަޝްރީޤް" ނުވަތަ ތަޝްރީޤްގެ ދުވަސްތަކެވެ. މި ދުވަސްތަކުގައި އޮންނަ ހަމައެކަނި އަޅުކަމަކީ މިނާގައި ރޭކުރުމަށްފަހު، ކޮންމެ ދުވަހަކު ތިން ޖަމްރާއަށް (ޖަމްރަތުއް ޞުޣްރާ، ޖަމްރަތުލް ވުސްޠާ އަދި ޖަމްރަތުލް ޢަޤަބާ) ކޮންމެ ތަނަކަށް ހަތް ހިލަ އުކުމެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި 1.7 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ބޭރު ޤައުމުތަކުން އައި 1,546,655 ޙައްޖުވެރިންނާއި، ސައުދީ އަރަބިއްޔާގެ އެތެރެއިން ބައިވެރިވި 160,646 ޙައްޖުވެރިން ހިމެނެއެވެ.





