މިޞްރުގައި ތެޔޮ އުފުލާ އުޅަނދެއް ފުރޮޅައިލައި ރޯވި އަލިފާނުގައި 30 މީހުން މަރުވެއްޖެ
26 ނޮވެމްބަރު 2026 | ބުރާސްފަތި 03:16މިޞްރުގެ ޤާހިރާގެ ރިންގް ރޯޑުގައި ތެޔޮ އުފުލާ ޓްރަކެއް ފުރޮޅާލައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 27 އުޅަނދެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ. މި ހާދިސާ ތަހުގީގުކުރަން ފަށާފައިވާއިރު، ޒަހަމުވި މީހުންނަށް ސަރުކާރުގެ ހަރަދުގައި ފަރުވާދިނުމަށާއި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ވަނީ އަމުރުކުރައްވާފައި


މިޞްރުގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވެ، އެނދި އުޅަނދުތައް އެއްފަރާތްކޮށް މަގުތައް ސާފު ކުރުމަށް ބުލްޑޯޒަރު ފަދަ އުޅަނދުތައް ބޭނުންކޮށްގެން މަސައްކަތް ކުރަނީ | އޭއެފްޕީ
މިޞްރުގެ ވެރިރަށް ޤާހިރާގެ މައި ރިންގް ރޯޑުގައި ޕެޓްރޯލިއަމްގެ ބާވަތްތައް އުފުލާ އުޅަނދެއް ފުރޮޅައިލައި ރޯވި އަލިފާނުގައި، ގާތްގަނޑަކަށް 30 މީހުން މަރުވެ އިތުރު 25 މީހުން ޒަހަމުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ބުދަ ދުވަހު ބުނެފި އެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ގީޒާގެ އިމްބާބާ ސަރަހައްދުގެ ވައްރާޤް އަވަށުގައި އޮންނަ ޓަނަލެއް ނުވަތަ ފަރުބަދައެއްގެ ތެރެއިން ކަނޑާފައި އޮތް މަގެއްގެ މަތީގަ އެވެ. ގްރެއިޓަރ ޤާހިރާގެ މުހިންމު ހަލިމަގުތައް އެކަތި އަނެކައްޗާ ގުޅުވައިދޭ މި ރިންގް ރޯޑު، ޤާހިރާއާއި ގީޒާ އަދި ޤަލްޔޫބިއްޔާ ގަވަރުނޭޓާ ގުޅުވައިދެ އެވެ.
ޓްރަކް ކުއްލިއަކަށް އެއްފަރާތަކަށް ލަނބާލައި، މަގުގެ މެދު ޑިވައިޑަރުގައި ޖެހި ފުރޮޅައިލުމާއެކު ގޮވުމެއް ގޮވީ ކަމަށް މިޞްރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި، މިހާރު އެ އަލިފާންގަނޑު ނިއްވައިލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މި ހާދިސާގެ ތަހުގީގެއް ފަށާފައިވާ ކަން އިއުލާނުކުރައްވައި، މަރުވި މީހުންގެ ހަށިގަނޑުތަކުން ޑީއެންއޭ ނަމޫނާ ނެގުމަށް މިޞްރުގެ ޕަބްލިކް ޕްރޮސިކިއުޓަރު ވަނީ އަމުރުކުރައްވާފަ އެވެ. އަދި، މި އަލިފާނުގެ ހާދިސާގައި 27 އުޅަނދު އަނދާފައިވާ ކަމަށް ވެސް މިޞްރުގެ ޝަރުއީ އިދާރާއިން ހާމަކުރި އެވެ. ހަމަމިއާއެކު، ހާދިސާ ހިނގި ސަރަހައްދަށް 39 އެމްބިއުލާންސް ފޮނުވައި، ޒަހަމުވި މީހުން ކައިރީގައި ހުރި ހަސްފަތާލުތަކަށް ބަދަލުކޮށްފައިވާ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުންޏެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ޢަބްދުލްފައްތާޙު އަލްސީސީ "ހިތުގެ އަޑިން ތައުޒިޔާއާއި ފުން ހަމްދަރުދީ ފާޅުކުރައްވާ" ކަމަށާއި، ޒަހަމުވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް މިޞްރުގެ ރިޔާސީ ގަނޑުވަރުގެ ރަސްމީ ތަރުޖަމާނު ވިދާޅުވި އެވެ. މީގެ އިތުރުން، ބޮޑުވަޒީރު މުޞްޠަފާ މަދްބޫލީ ވެސް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ޒަހަމުވި މީހުންގެ ބޭސްފަރުވާގެ ހަރަދުތައް ދައުލަތުން ހަމަޖައްސައިދިނުމަށް އަމުރުކުރައްވާފައިވާ ކަމަށް މިޞްރުގެ ކެބިނެޓްގެ ބަޔާނެއްގައި ބުނެފައިވެ އެވެ.
"ޒަހަމުވި މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުން ކަށަވަރުކުރުމަށް ޓަކައި، ސިއްހަތާބެހޭ ވުޒާރާއިން ދަނީ ހާލަތު ވަރަށް ގާތުން ބަލައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން،" އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މަސްދަރު: އަލް ޖަޒީރާ











