މިސްރަށް ދިން ޑްރޯން ހަމަލާގެ ސަބަބުން އެ ސަރަހައްދު ނުރައްކާތެރި ވެދާނެކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ސީސީ ދެއްވައިފި
31 ޖުލައި 2026 | ހުކުރު 03:48ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒްއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، މި ހަމަލާ އާއެކު ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވަމުންދާ ދިޔުން ހުއްޓުވުމަށް މިސްރާއި، ސްޕެއިން އަދި ވިލާތުގެ އިއްތިހާދުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ސީސީ ފާހަގަ ކުރެއްވި ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވި


މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ | ރޮއިޓާސް
މިސްރުގެ ބަނދަރަކަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީ ބުރާސްފަތި ދުވަހު ދެއްވައިފި އެވެ.
މި އިންޒާރު ސީސީ ދެއްވީ މިސްރުގެ ދާމިއެޓާ ބަނދަރުގައި އޮތް އެމެރިކާގެ ކުންފުންޏަކަށް ނިސްބަތްވާ ގޭސް ޓޭންކަރަކަށް ޑްރޯން ހަމަލާއެއް އަމާޒުވުމާ ގުޅިގެންނެވެ.
ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒްއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، މި ހަމަލާ އާއެކު ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވަމުންދާ ދިޔުން ހުއްޓުވުމަށް މިސްރާއި، ސްޕެއިން އަދި ވިލާތުގެ އިއްތިހާދުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ސީސީ ފާހަގަކުރެއްވި ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވި އެވެ.
ބުދަ ދުވަހު ދިން މި ހަމަލާގައި ގޭސް އުފުލާ އުޅަނދަށް ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ޤައުމުގެ ހަކަތައިގެ ބޭނުންތައް ފުއްދުމަށް ބޭނުންވާ އިތުރު ވަސީލަތްތައް މިސްރުން ކަށަވަރު ކޮށްފައިވާ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު މުސްޠަފާ މަދްބޫލީ ބުރާސްފަތި ދުވަހު ވިދާޅުވި އެވެ. މިސްރުގެ ޕެޓްރޯލިއަމް މިނިސްޓަރު ކަރީމް ބަދަވީ ވިދާޅުވި ގޮތުގައި، ހަކަތަ ރައްކާކުރާ ހަތަރު ފްލޯޓިން ސްޓޯރޭޖް ރީގޭސިފިކޭޝަން ޔުނިޓް (އެފްއެސްއާރުޔޫ) މިސްރުގައި އެބަހުއްޓެވެ. މީގެ އިތުރުން އުރުދުންގެ އަގަބާ ބަނދަރުގައި މިސްރާއި އުރުދުން ގުޅިގެން ބޭނުންކުރާ ފަސް ވަނަ އުޅަނދެއް ވެސް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.
ކަރަންޓުގެ ޚިދުމަތާ ބެހޭ ވަޒީރު މަހްމޫދު އިސްމަތު ވިދާޅުވީ، ފާއިތުވި 15 ދުވަހު މިސްރުގެ ކަރަންޓުގެ ޑިމާންޑު ހުރީ 37 އާއި 39 ގިގަވޮޓްއާ ދެމެދުގެ އެންމެ މަތީ މިންވަރެއްގައި ކަމަށެވެ. ނަމަވެސް ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެލުގެ އެކަށީގެންވާ ރިޒާވެއް ސަރުކާރުގައި އެބަހުރި ކަމަށާއި، ހަމައެކަނި އިންޖީނުގެތަކުގައި ވެސް 425،000 މެޓްރިކް ޓަނަށް ވުރެ ގިނަ ފިއުލް އޮއިލް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ސްޓްރެޓީޖިކް ރިޒާވްގައި ވެސް އިތުރު ތެޔޮ ރައްކާ ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ދާމިއެޓާ ބަނދަރުގައި އޮތް އުޅަނދަށް ދިން މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވެ އެވެ. މިސްރުގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ދަނީ މި ހަމަލާއާ ގުޅޭ ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ. މި ހަމަލާ އަކީ މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަނޑު ދަތުރު ފަތުރާއި، ހަކަތައިގެ ސަލާމަތަށް އޮތް ނުރައްކާ ބޮޑު ވަމުންދާ ކަމުގެ ހެތްކެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
މަސްދަރު: ެއެޖެންސީސް










