މިޞްރުގެ ބަނދަރެއްގައި އޮތް އެމެރިކާގެ ގޭސް ޓޭންކަރަކަށް ޑްރޯން ހަމަލާއެއްދީފި
29 ޖުލައި 2026 | ބުދަ 19:07މިޞްރުގެ ދަމްއީތާ ބަނދަރުގައި އޮތް އެމެރިކާގެ ގޭސް ޓޭންކަރަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ، ދެ އުޅަނދެއްގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ފުޅާވަމުންދާ ކަމުގެ ނިޝާނެއް ކަމަށް މަސްދަރުތަކުން ބުނޭ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވޭ

މިސްރުގެ ދަމްއީތާ ބަނދަރުގައި އޮތް އެމެރިކާގެ ސާފުކުރި ގޭސް (އެލް.އެން.ޖީ) އުފުލާ ބޯޓަކަށް ޑްރޯން ބޭނުންކޮށްގެން ވަނީ ހަމާލާ ދީފައި | ސޯޝަލް މީޑިއާ
މިޞްރުގެ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ ދަމްއީތާ ބަނދަރުގައި އޮތް އެމެރިކާގެ ކުންފުންޏަކަށް ނިސްބަތްވާ ގޭސް ރައްކާކުރާ ޓޭންކަރަކަށް ޑްރޯން ހަމަލާއެއް އަމާޒުވެފައިވާ ކަމަށް، އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ އެމްބްރޭއިން ބުދަ ދުވަހު ބުނެފި އެވެ.
މި ހާދިސާއާ ގުޅިގެން މިޞްރުގެ ޕެޓްރޯލިއަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި، އެ ބަނދަރުގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، ޑްރޯން ހަމަލާއެއްގެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައެއް ނުވެ އެވެ.
ބަނދަރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ އިންޗްކޭޕުން ވަކިން ނެރުނު މެސެޖެއްގައި ބުނެފައިވަނީ، ދަމްއީތާ ބަނދަރުގައި އޮތް ގޭސް އުފުލާ ދެ ޓޭންކަރެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ.
މިޞްރުގެ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ ދަމްއީތާ ބަނދަރުގައި އޮތް ގޭސް ޓޭންކަރުގައި ރޯވެފައި
މި ހާދިސާގެ މަޢުލޫމާތު އެނގޭ ވިޔަފާރިވެރިންގެ ތިން މަޞްދަރަކުން ބުނި ގޮތުގައި، ޑްރޯން ހަމަލާ އަމާޒުވީ ކަނޑުމަތީގައި ގޭސް ރައްކާކުރާ "އެނާގޯސް ވިންޓަރ" ނަމަކަށް ކިޔާ ޓޭންކަރަކަށެވެ. މި ހަމަލާގެ ސަބަބުން ރޯވި އަލިފާންގަނޑު ކައިރީގައި އޮތް "ގޭސްލޮގް ސޭލަމް" ނަމަކަށް ކިޔާ އަނެއް އުޅަނދަށް ވެސް ވަނީ ފެތުރިފަ އެވެ. ސަލާމަތީ ކަންކަމާ ބެހޭ ވަކި ދެ މަސްދަރަކުން ބުނި ގޮތުގައި، މި ގޮވުން ގޮވަން މެދުވެރިވީ ޑްރޯން ހަމަލާއެއްގެ ސަބަބުން ކަމަށް ބެލެވެ އެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ފުޅާވަމުންދާ ކަމުގެ ނިޝާނެއް ކަމަށް ވެސް އެ މަޞްދަރުތަކުން ފާހަގަކުރެ އެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެ އެވެ.
"އެނާގޯސް ވިންޓަރ" އަކީ 138,250 ކިއުބިކް މީޓަރުގެ ގޭސް ރައްކާކުރުމުގެ ޤާބިލުކަން ހުރި، ކަނޑުމަތީގައި ގޭސް ރައްކާކޮށް އަދި އަލުން ގޭހަށް ބަދަލުކުރާ އުޅަނދެކެވެ. މިއީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "އެނާގޯސް އިންފްރާސްޓްރަކްޗަރ" ގެ މިލްކިއްޔާތުގައި އޮތް އުޅަނދެކެވެ. މި އުޅަނދުގެ ފަންނީ، ސަލާމަތީ އަދި ވިޔަފާރީގެ އެންމެހައި ކަންކަން ބަލަހައްޓަނީ އެމެރިކާގެ އެހެން ކުންފުންޏެއް ކަމަށްވާ "ވިލްހެލްމްސަން ޝިޕް މެނޭޖްމަންޓް" އިންނެވެ.
މިޞްރުގެ ޕެޓްރޯލިއަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަމްއީތާ ބަނދަރުގައި އޮތް ގޭސް އުފައްދާ އުޅަނދަކާއި ގޭސް ރައްކާކުރާ އުޅަނދެއްގައި އަލިފާން ރޯވި ކަމަށާއި، ކަނޑައެޅިފައިވާ ކުއްލި ހާލަތުގެ އިޖުރާއަތްތަކުގެ ދަށުން އަލިފާން ނިއްވާ ފަރާތްތަކާއި ސަލާމަތީ ޓީމުތަކުން ވަގުތުން އެކަމަށް އިޖާބަދީފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ސަރަހައްދަށް ޕެޓްރޯލިއަމް މިނިސްޓަރު ކަރީމް ބަދަވީ ވަޑައިގެން، އަލިފާން ނިއްވުމުގެ މަސައްކަތްތައް ސީދާ ބައްލަވާލައްވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކާއި ފަންނީ ޓީމުތަކުން މިހާރުވެސް އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ކަމަށާއި، މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.










