މިސްރުގެ ބަނަދަށް ދިން ހަމަލާ އީރާނުގެ ބޮލުގައި އަޅުވަން އުޅެނީ ސުލްހަ ނަގާލުމަށް އިސްރާއީލުން ރާވާ ރޭވުމެއްގެ ދަށުން
31 ޖުލައި 2026 | ހުކުރު 06:14މިސްރުގެ ދަމްޔާތު ބަނދަރަކަށް ދިން ޑްރޯން ހަމަލާއަކީ އީރާނުގެ އަތެއް އޮތް ކަމެއް ކަމަށް ހުޅަނގުގެ މީޑިއާތަކުން ކުރާ ތުހުމަތުތައް އެ ގައުމުގެ ޚާރިޖީ ވަޒީރު ވަނީ ދޮގުކުރައްވާފައި. މިއީ ސަރަހައްދީ ގައުމުތަކުގެ މެދުގައި ފިތުނަ އުފައްދައި މުސްލިމުންގެ އެއްބައިވަންތަކަން ރޫޅާލުމަށް އިސްރާއީލުން ހިންގާ އޮޕަރޭޝަނެއް ކަމަށް އީރާނުން ތުހުމަތުކުރޭ.
މިސްރުގެ މެޑިޓެރޭނިއަން އައްސޭރިފަށުގައި އޮންނަ ދަމްޔާތު ބަނދަރުގައި އޮތް ދެ އުޅަނދަކަށް ބުދަ ދުވަހު ޑްރޯން ހަމަލާއެއް ދީފި ކަމަށާއި، މި ހަމަލާގެ ސަބަބުން އެ އުޅަނދުތަކުގައި ގޮވުންތަކެއް ގޮވައި އަލިފާން ރޯވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ރިޕޯޓްކޮށްފައިވޭ | ސްކްރީން އިމޭޖް
މިސްރަކީ އީރާނުގެ މުހިންމު ރަހުމަތްތެރިއެއް އަދި ބައިވެރިއެއް ކަމަށާއި، އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަކީ އީރާނަށް ނުހަނު މުހިންމު ކަމެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. އަދި ސަރަހައްދީ ސުލްހަ ނަގާލުމަށް އިސްރާއީލުން ރާވާ ރޭވުންތަކާއި، އެހެން ބައެއްގެ ނަމުގައި ހިންގާ އޮޕަރޭޝަންތަކަށް ހުރިހާ ފަރާތްތަކަކުން ސަމާލުވުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ މިހެން ވިދާޅުވީ، މިސްރުގެ ދަމްޔާތު ބަނދަރަށް ދިން ޑްރޯން ހަމަލާއަކީ އީރާނާ ގުޅުންހުރި ކަމެއް ކަމަށް ދެއްކުމަށް ހުޅަނގުގެ މީޑިއާތަކުން ކުރަމުންދާ މަސައްކަތްތަކަށް ރައްދު ދެއްވަމުންނެވެ. އެ ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.
"މިސްރަކީ މި ސަރަހައްދުގައި އޮތް އަޅުގަނޑުމެންގެ މުހިންމު ރަހުމަތްތެރިއެއް އަދި ބައިވެރިއެއް. އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަކީ އަޅުގަނޑުމެންނަށް އެންމެ މުހިންމު އެއް ކަންތައް،" ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
އަރާގްޗީ އިތުރަށް ވިދާޅުވީ، ސަރަހައްދީ ސުލްހަ މަސަލަސްކަން ނަގާލުމަށް އިސްރާއީލުން ރާވާ ރޭވުންތަކާއި، އެހެން ބައެއްގެ ނަމުގައި ހިންގާ އޮޕަރޭޝަންތަކަށް އެންމެންވެސް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި އޮތް ނުރައްކަލަކީ ސާފު، ދެފަރާތަށްވެސް އޮތް، އަދި މުސްލިމުންގެ އެއްބައިވަންތަކަން ނަގާލަން އުޅުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަދެއްކެވީ، ބުދަ ދުވަހު މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ ދަމްޔާތު ބަނދަރަށް ދިން ޑްރޯން ހަމަލާއެއްގައި، އެމެރިކާއާ ގުޅުންހުރި ގޭސް ރައްކާކުރާ ޓޭންކަރަކާއެކު ދެ އުޅަނދެއްގައި ގޮވުމެއް ގޮވައި އަލިފާން ރޯވި ކަމަށް މިސްރުގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ރޯވި އަލިފާންގަނޑު ވަނީ ވަގުތުން ކޮންޓްރޯލްކޮށްފަ އެވެ.
ވޯލް ސްޓްރީޓް ޖާނަލް ހިމެނޭހެން ހުޅަނގުގެ ބައެއް މީޑިއާތަކުން ވަނީ، އެއްވެސް ފަރާތަކުން ޒިންމާ އުފުލާފައިނުވާ މި ހަމަލާއަކީ "އީރާނުގެ ހަނގުރާމަ" އެއްގެ ބައެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފަ އެވެ. ތެހެރާނުން ދެކޭ ގޮތުގައި މިއީ ދޮގު ތުހުމަތުތަކެއް އުފައްދައި، ސަރަހައްދީ ގައުމުތަކުގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރާ ސާފު މަސައްކަތެކެވެ.
އީރާނާ ގާތް ގުޅުމެއް އޮންނަ ގައުމުތަކަށް އަމާޒުކޮށް ހިންގާ އެއްވެސް އަމަލެއްގައި ބައިވެރިވާ ކަމަށް ކުރެވޭ ތުހުމަތުތައް އެ ގައުމުން އަބަދުވެސް ދޮގުކުރެ އެވެ. މުސްލިމުންގެ އެއްބައިވަންތަކަން ރޫޅާލުމަށާއި އިސްރާއީލުގެ އުދުވާނީ އެޖެންޑާ ފުޅާކުރުމަށްޓަކައި، ޒަޔަނިސްޓް ރެޖީމުން އެހެން ބައެއްގެ ނަމުގައި ހިންގާ އޮޕަރޭޝަންތަކުގެ ތާރީޚު އީރާނުން މީގެ ކުރިންވެސް ވަނީ އެތައް ފަހަރަކު ހާމަކޮށްފަ އެވެ.
އީރާނުން އަބަދުވެސް މަސައްކަތް ކުރަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމާއި އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ހަގީގީ ސަރަހައްދީ ހަމަޖެހުމެއް ގާއިމުކުރުމަށް ކަމަށާއި، ހަމައެއާއެކު، ސުލްހައިގެ ދުޝްމަނުން މަސްނޫއީ ކާރިސާތައް އުފައްދައި، ތިންވަނަ ފަރާތްތަކެއް އެމީހުންގެ އުދުވާނީ ހަނގުރާމަތަކުގެ ތެރެއަށް ވެއްދުމަށް ކުރާ މަސައްކަތްތަކާ ސާބިތުކަމާއެކު އީރާނުން ކުރިމަތިލާނެ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.










