ކުރުދީންގެ ތެޔޮ ވަޅުތަކާއި ބޯޑަރުތަކަށް ޢިރާޤުގެ މައި ސަރުކާރުން އަތްގަދަކުރަން ނިންމުމުން މަސްރަހު ހޫނުވެއްޖެ
25 ނޮވެމްބަރު 2026 | ބުދަ 08:43ޢިރާޤުގެ ކުރުދީ ސަރަހައްދުގައި ހުރި ތެޔޮ ވަޅުތަކާއި ބޯޑަރުތަކުގެ ފުރިހަމަ ކޮންޓުރޯލު މައި ސަރުކާރުގެ ދަށަށް ގެނައުމަށް ބޮޑުވަޒީރު އަމުރުކުރެއްވުމާ ގުޅިގެން، ދެ ސަރުކާރުގެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރުވެފައި. މި ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ކުރުދީ އިސްވާރުން ބުނަމުންދާއިރު، މައި ސަރުކާރުން ދަނީ ތެޔޮ ވަގަށް ބޭރުކުރުން ހުއްޓުވުމަށް އިދާރީ ފިޔަވަޅުތައް ވަރުގަދަކުރަމުން

![ޢިރާޤުގެ ކިރްކޫކުގައި އައްދިބްސު ސަރަހައްދުގައި ހުންނަ ތެޔޮ ވަޅެއް ކައިރީގައި ގާއިމުކޮށްފައިވާ ތެޔޮ ކާރުހާނާގެ ހޮޅިލައިންތަކެއް [ފައިލް]](https://dyncz33htw1ec.cloudfront.net/posts/ae4a6bf9-f8b1-49ef-8211-247fb6dd78a4.webp)
ޢިރާޤުގެ ކިރްކޫކުގައި އައްދިބްސު ސަރަހައްދުގައި ހުންނަ ތެޔޮ ވަޅެއް ކައިރީގައި ގާއިމުކޮށްފައިވާ ތެޔޮ ކާރުހާނާގެ ހޮޅިލައިންތަކެއް [ފައިލް] | ރޮއިޓަރސް
ކުރުދީންގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގެ ތެޔޮ ވަޅުތައް ހިންގުމާ ހަވާލުވުމަށް ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އައްޒައިދީ، އެ ގައުމުގެ މައި ސަރުކާރުގެ ތެލާ ބެހޭ ވުޒާރާއަށް އަމުރުކުރައްވައިފި އެވެ. މި ނިންމުމާއެކު، ބަޣުދާދާއި ޢިރާޤުގެ އުތުރުގައި އޮންނަ އަމިއްލަ ވެރިކަމެއް ކުރާ ކުރުދީ ސަރަހައްދާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން އިތުރަށް ގޯސްވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.
އަންގާރަ ދުވަހު ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އައްޒައިދީގެ މި އަމުރު ހިނގާނީ ދިޔާލާ، ކިރްކޫކް، ޞަލާޙުއްދީން އަދި ނީނަވާ ޕްރޮވިންސްގައި ހުރި ތެޔޮ ވަޅުތަކުގެ މައްޗަށް ކަމަށެވެ. މައި ސަރުކާރުގެ އިދާރީ އިމުގެ ތެރޭގައި ހިމެނޭ، ނަމަވެސް ކުރުދީ ސަރަހައްދީ ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ ދަށުގައިވާ ތެޔޮ ވަޅުތައް ހިމެނޭހެން، ހުރިހާ ތެޔޮ ވަޅުތަކެއްގައި ކެމެރާ ހަރުކޮށްގެން ބަޣުދާދުން ބަލަހައްޓައި ރައްކާތެރިކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބޯޑަރުތަކާއި ތެޔޮ އެކްސްޕޯޓް ކޮންޓުރޯލު ކުރުން
ތެޔޮ ވަޅުތަކުގެ އިތުރުން، ކުރުދީ ސަރަހައްދުގައި ހުރި ހުރިހާ ބޯޑަރު ހުރަސްތަކަކާ ހަވާލުވުމަށް ބޯޑަރު ހުރަސްތަކާ ބެހޭ އިދާރާއަށް ބޮޑުވަޒީރު ވަނީ އަމުރުކުރައްވާފަ އެވެ. ހަމަމިއާއެކު، ސާފުނުކުރާ ތެލާއި ތެލުގެ އެހެނިހެން އުފެއްދުންތައް ބޭރުކުރުމުގެ ހުއްދަ ހަމައެކަނި މައި ސަރުކާރުގެ ތެލާ ބެހޭ ވުޒާރާ މެދުވެރިކޮށް ދިނުމަށް ކުރުދީ ސަރަހައްދީ ސަރުކާރަށް ވަނީ އަންގާފަ އެވެ.
"އަވައްޓެރި ގައުމުތަކާއެކު އޮންނަ ބައިނަލްއަގުވާމީ ބޯޑަރުތަކުގައި ހުރި ނުރަސްމީ ހުރަސްތައް، ޢިރާޤުގެ ކުރުދީ ސަރަހައްދުގައި ހުރި ހުރަސްތައް ވެސް ހިމެނޭހެން، ބޯޑަރު ލަޝްކަރުގެ ކޮމާންޑުން ބަންދުކުރަންވާނެ،" ބޮޑުވަޒީރުގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ. މި ގޮތުން، ބަޔާންކޮށްފައިވާ ހަތަރު ގަވަރުނޭޓާއި ކުރުދީ ސަރަހައްދާ ދެމެދު އޮންނަ "މޫސުމީ ހުރިހާ މަގުތަކެއް" ބަންދުކުރާނެ ކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުންޏެވެ.
ކުރުދީ އިސްވާރުގެ ނުރުހުން
ކުރުދިސްތާން ޑިމޮކްރެޓިކް ޕާޓީގެ (ކޭޑީޕީ) ރައީސް އަދި ޢިރާޤުގެ ކުރުދީ ސަރަހައްދުގެ ކުރީގެ ރައީސް މަސްޢޫދު ބަރުޒާނީ ވަނީ ބަޣުދާދުގެ މި ނިންމުމަކީ "ކަންބޮޑުވާންޖެހޭ" ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ. ކޭޑީޕީގެ ޚާރިޖީ ގުޅުންތަކާ ބެހޭ އޮފީހުން ނެރުނު ބަޔާނެއްގައި ބަރުޒާނީއާ ހަވާލާދީ ބުނީ، މިއީ "ފެޑެރަލިޒަމްގެ އުސޫލުތަކާއި ޢިރާޤުގެ ގާނޫނުއަސާސީއަށް އުނިކަން ގެނެސް، ކުރުދިސްތާނުގެ ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވެ، ވިސްނުމެއް ނެތި ހުށަހަޅާ ނުރައްކާތެރި ހުށަހެޅުންތައް ކުރިއަށް ނެރުމަށް ކުރާ އިތުރު މަސައްކަތެއް" ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.
"ފެށުނީއްސުރެ، ބޮޑުވަޒީރު ޢަލީ އައްޒައިދީއަށާއި، އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކަށް އަޅުގަނޑުމެން ތާއީދުކުރިން. އަދި، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަށް ވެސް ތާއީދުކޮށް، އެ ކަމަށް އަމަލީ ފިޔަވަޅުތަކެއް އަޅާފައިވާނެ،" ބަރުޒާނީ ވިދާޅުވި އެވެ. "ނަމަވެސް، މި ސަރަހައްދަށް މިހާރު ކުރިމަތިވެފައި ވަނީ އޮޅުވާލުންތަކާއި ބޭއިންސާފުން ފުރިގެންވާ ކެންޕޭނެއް. އަދި، ކޮންމެ ދުވަހަކު ވެސް މި ސަރަހައްދާ ގުޅޭގޮތުން އަސާސެއް ނެތް ދޮގު ތުހުމަތުތައް ދަނީ ޝާއިއުކުރަމުން."
ގާނޫނާ ޚިލާފު އަމަލުތަކާއި ވަގަށް ތެޔޮ ބޭރުކުރުން ހުއްޓުވުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް އޭނާގެ ޕާޓީ ތައްޔާރަށް އޮތް ނަމަވެސް، "އެ ކަން ކުރަންވާނީ ގާނޫނީ އަދި ދުސްތޫރީ އިމުގެ ތެރެއިން" ކަމަށް ކޭޑީޕީގެ އިސްވާރު ވިދާޅުވި އެވެ.
ތެލާއި ބަޖެޓުގެ ތާރީޚީ ދެބަސްވުންތައް
ބަޣުދާދުގެ ދާހިލީ މަސްރަހު ރިޕޯޓުކުރާ މުރާސިލެއް ކަމަށްވާ މަހުމޫދު ޢަބްދުލްވާހިދު ބުނީ، މި ފަހުގެ ނިންމުމުގެ ސަބަބުން ތެލުގެ ކޮންޓުރޯލާއި ބަޖެޓުގެ ވަސީލަތްތައް ހިއްސާކުރުމާ މެދު މައި ސަރުކާރާއި އަމިއްލަ ވެރިކަމެއް ކުރާ ސަރަހައްދީ ސަރުކާރާ ދެމެދު އޮތް ނުތަނަވަސްކަމާއި ދެބަސްވުންތައް އިތުރަށް ހޫނުވެގެން ހިނގައިދާނެ ކަމަށެވެ.
"މައި ސަރުކާރުން ބޭނުން ވަނީ ތެޔޮ ނެގުމާއި މާކެޓް ކުރުމުގެ ހުރިހާ ކަމެއް އެ ސަރުކާރުގެ ދައުލަތުގެ ކުންފުނި ކަމަށްވާ 'ސޯމޯ' ގެ ދަށުގައި ބާއްވަން. ނަމަވެސް، ކުރުދީ ސަރަހައްދުން ވަނީ މި ކަމާ މުޅިން ދެކޮޅު ހަދާފައި،" ޢަބްދުލްވާހިދު ބުންޏެވެ.
ބަޣުދާދުގެ ހުއްދައާ ނުލައި ކުރުދީ ކަމާބެހޭ ފަރާތްތަކުން ތެޔޮ ވިއްކުމާ ގުޅިގެން އުފެދުނު ދެބަސްވުމެއްގައި، ތުރުކީވިލާތަށް ހޮޅިލައިނެއް މެދުވެރިކޮށް ތެޔޮ ފޮނުވުން ދެ އަހަރަށްވުރެ ގިނަ ދުވަހު ހުއްޓިފައި އޮތުމަށްފަހު، އެ މަސައްކަތް އަލުން ފެށުމަށް ދެ ފަރާތުން އެއްބަސްވީ 2025 ސެޕްޓެންބަރު މަހު އެވެ.
އިދާރީ ފިޔަވަޅުތަކާއި ވަގަށް ތެޔޮ ބޭރުކުރުމުގެ ތުހުމަތުތައް
މިއާއެކު، ބޮޑުވަޒީރު އައްޒައިދީ ވަނީ ބޯޑަރު ހުރަސްތަކާ ބެހޭ އިދާރާގެ ވެރިޔާ މަގާމުން ވަކިކުރައްވައި، އިތުރު ތަހުގީގުތައް ނިމެންދެން އުތުރު ތެޔޮ ކުންފުނީގެ ޑިރެކްޓަރު ޖެނެރަލާއި އޭނާގެ ނައިބުން މަގާމުން ސަސްޕެންޑް ކުރައްވާފައިވާ ކަމަށް ޢިރާޤުގެ ދައުލަތުގެ ޚަބަރު ފަތުރާ އެޖެންސީން ރިޕޯޓުކޮށްފައިވެ އެވެ.
ވަކި އެހެން މައްސަލައެއްގައި، ބަޣުދާދުގެ ދެކުނުގައި އޮންނަ ޖުރުފް އަލް-ސަޚަރުގައި އީރާނުގެ މަދަދު ލިބޭ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ކަތާއިބް ޙިޒްބުﷲ އިން ވަގަށް ތެޔޮ ބޭރުކުރުމުގެ ވިއުގައެއް ހިންގާ ކަމަށް ޢިރާޤުގެ އޮފިޝަލުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް، އެ ޖަމާއަތުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











