ފެންބޮޑުވުމުގެ ކާރިސާއަށްފަހު އިންޑިއާއިން ނޭޕާލަށް 1.62 ބިލިޔަން ޑޮލަރުގެ ބޮޑު އެހީއެއް
24 ނޮވެމްބަރު 2026 | އަންގާރަ 06:53ނޭޕާލުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއިން އަރައިގަތުމަށާއި ތަރައްގީގެ މަޝްރޫއުތަކަށް 1.62 ބިލިޔަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައި. މި އެހީގެ ދަށުން އުމްރާނީ ތަރައްގީއާއި ހަކަތައިގެ ދާއިރާ ކުރިއެރުވުމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ ނިންމާފައި


ނޭޕާލުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ގުޅިފައިވާ ބަޔާނެއް ދެއްވަނީ | ރޮއިޓަރސް
އޮގަސްޓު މަހު ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއަށްފަހު، އެ ގައުމަށް އެހީތެރިވުމުގެ ގޮތުން 1.62 ބިލިޔަން ޑޮލަރުގެ އިގުތިސާދީ ޕެކޭޖެއް ފޯރުކޮށްދިނުމަށް އިންޑިއާއިން ނިންމައިފި އެވެ. އެތައް ހާސް ބަޔަކު މަރުވެ އަދި ގެއްލިގެން ދިޔަ މި ކާރިސާއާ ގުޅިގެން އިންޑިއާއިން ހޯމަ ދުވަހު އިއުލާނުކުރި މި އެހީއަކީ، އެ ގައުމުން މިހާތަނަށް ވެފައިވާ އެންމެ ބޮޑެތި އެހީގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި އެހީ އިއުލާނުކޮށްފައި ވަނީ، ހިމާލަޔާ ސަރަހައްދުގައި އޮންނަ އަވައްޓެރި ނޭޕާލުގައި ނުފޫޒު ގަދަކުރުމަށް ޗައިނާއާ ވާދަކުރަމުންދާ ދަނޑިވަޅެއްގައި، ނިއު ދިއްލީން ނޭޕާލާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރަމުން އަންނަ ވަގުތެއްގަ އެވެ. މި ނިންމުން ހާމަކުރެއްވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ނޭޕާލުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު އެވެ. ނޭޕާލުގެ ބޮޑުވަޒީރު ޝާހު ނިއު ދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވަނީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މިއީ މާރިޗު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އޭނާ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
"އޮގަސްޓު މަހު ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގައި އެތައް ބައެއްގެ ފުރާނަ ގެއްލިދިޔަ ހާދިސާއާ ގުޅިގެން އަޅުގަނޑުމެން ފުން ހިތާމައާއެކު ތައުޒިޔާ ކިޔަން،" ނިއު ދިއްލީގައި ޝާހުގެ އަރިހުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވި އެވެ. "ނޭޕާލް އަލުން ބިނާކުރުމަށް އެހީތެރިވުމަށާއި، އެ ގައުމުގެ ދިގު މުއްދަތުގެ ތަރައްގީއަށް އާ ދިރުމެއް ގެނައުމަށް ޓަކައި، 240 ބިލިޔަން ނޭޕާލް ރުޕީސް [ގާތްގަނޑަކަށް 1.6 ބިލިޔަން ޑޮލަރު] ގެ ތަރައްގީގެ އެއްބާރުލުމުގެ ޕެކޭޖެއް އަޅުގަނޑުމެން އިއުލާނުކުރަން،" އޭނާ ވިދާޅުވި އެވެ.
ކާރިސާގެ ގެއްލުންތަކާއި ބައިނަލްއަގުވާމީ އެހީ
އޮގަސްޓު މަހު ކުރިމަތިވި މި ހާދިސާ ހިނގީ، ފަރުބަދަމަތީގެ ގަނޑުފެންގަނޑެއްގެ ބައެއް ވެއްޓި، ބާރުގަދަ ފެނާއި ކިސަޑުގެ އޮއިވަރެއް ފައިބައިގެން ދިއުމުންނެވެ. މިއީ، މޫސުމީ ބަދަލުތަކުގެ އަސަރުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. އޮގަސްޓު 26 ވަނަ ދުވަހު ހިނގި މި ހާދިސާގައި ނޭޕާލުގެ ރަސުވާ އަދި ނުވާކޮޓް ސަރަހައްދުގެ އިތުރުން ޗައިނާގެ ޓިބެޓަށް ވެސް ވަނީ ފެންބޮޑުވުމުގެ އަސަރުކޮށްފަ އެވެ. މި ކާރިސާގައި 1,300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަން މިހާތަނަށް ކަށަވަރުވެފައިވާއިރު، 5,000 އަށްވުރެ ގިނަ މީހުން އަދިވެސް ވަނީ ގެއްލިފަ އެވެ.
މި ކާރިސާއާ ގުޅިގެން ނޭޕާލަށް އެހީތެރިވުމުގެ ގޮތުން، އޮކްޓޫބަރު މަހު އެކުވެރި ދައުލަތްތަކުގެ (އދ) މޫސުމީ ގެއްލުންތަކުގެ ފަންޑުން ވަނީ 20 މިލިޔަން ޑޮލަރު ކަނޑައަޅާފަ އެވެ. އިންޑިއާގެ މި ޕެކޭޖުގައި، ކާރިސާއަށްފަހު ތަންތަން އަލުން ބިނާކުރުމަށާއި އުމްރާނީ ތަރައްގީގެ އައު މަޝްރޫއުތަކަށް ދޭ 377 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ހިމެނޭ ކަމަށް ދެ ގައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ހާމަކޮށްފައިވެ އެވެ. މީގެ އިތުރުން، ހަކަތައިގެ ދާއިރާގެ މަޝްރޫއުތަކަށް 1.24 ބިލިޔަން ޑޮލަރުގެ 'ލައިން އޮފް ކްރެޑިޓް' ނުވަތަ ދަރަނީގެ އެހީއެއް ވެސް މި ޕެކޭޖުގައި ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ވިޔަފާރީގެ ގުޅުމާއި އިތުރު ދާއިރާތަކުން އެއްބާރުލުން ދިނުން
އިންޑިއާއަކީ ނޭޕާލުގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާ އެވެ. ނޭޕާލަށް އެތެރެކުރާ މުދަލުގެ %60 އަށްވުރެ ބޮޑު ބައެއް، އެއީ 8.6 ބިލިޔަން ޑޮލަރުގެ މުދާ، އިންޑިއާއިން ހިއްސާކުރާއިރު، ޗައިނާއިން ހިއްސާކުރަނީ %13، ނުވަތަ 1.8 ބިލިޔަން ޑޮލަރުގެ މުދާ ކަމަށް ވަރލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފެންބޮޑުވުމާ ގުޅޭ އެހީގެ ޕެކޭޖުގެ އިތުރުން، ތައުލީމާއި ދިރާސާކުރުމާއި، ސެޓެލައިޓް މުވާސަލާތާއި، އަދި ދެމެހެއްޓެނިވި ސަހަރުތައް ތަރައްގީކުރުމުގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދިނުމަށް ދެ އިސްވާރުން ވަނީ އެއްބަސްވެވަޑައިގަންނަވާފަ އެވެ. ހަމަމިއާއެކު، ދެ ގައުމު ގުޅުވައިދޭ ރޭލު ދަތުރުފަތުރުގެ ނިޒާމެއް ވެސް އެ ދެ ބޭފުޅުން ގުޅިގެން ވަނީ ހުޅުއްވައިދެއްވާފަ އެވެ.
"ނޭޕާލާއި އިންޑިއާއާ ދެމެދު އޮންނަ ރަހުމަތްތެރިކަމަކީ، ހިމާލަޔާ ފަރުބަދަތަކާ އެއްވަރަށް އިތުބާރު އުސްވެގެންވާ ގުޅުމަކަށް ވުމަށް އެދެން،" ޝާހު ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ











