ދާކާއަށް އެނބުރި ވަޑައިގެންނެވުމަށް ޙަސީނާ ނިންމެވުމުން ބަންގްލަދޭޝް ސަރުކާރުން ބުނީ ގެނެވޭނީ "ބިޑިއަޅުވައިގެންނޭ"!
24 ނޮވެމްބަރު 2026 | އަންގާރަ 06:08ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އެނބުރި ގައުމަށް ވަޑައިގެންނެވުމަށް ބޭނުންވާ ލިޔެކިޔުންތަކާއި ފްލައިޓް ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާފައިވީ ނަމަވެސް، އެ ގައުމުގެ ސަރުކާރުން ވަނީ އެ ކަމަށް އިންކާރުކޮށްފައި. ޙަސީނާއަކީ މަރުގެ ހުކުމް އިއްވާފައިވާ ކުށްވެރިއެއް ކަމުން، އޭނާ އެނބުރި ގައުމަށް ގެނެވޭނީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ބިޑިއަޅުވައިގެން ކަމަށް ބަންގްލަދޭޝް ސަރުކާރުން ބުނޭ

![ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/fc770424-a9be-4521-af94-9ea1bac4d4c9.webp)
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ [ފައިލް] | ރޮއިޓަރސް
މަގާމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، އިންޑިއާގައި އަރުވައިލެއްވިގެން ހުންނަވާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން، ޑިސެންބަރު 16 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގެންނެވުމަށް ރާއްވަވައިފި އެވެ. 1971 ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް ބަންގްލަދޭޝުން ކުރި މިނިވަންކަމުގެ ހަނގުރާމަ ނިމުމަކަށް އައި އަހަރީ ދުވަހާ ދިމާކޮށް ޙަސީނާ އެނބުރި ގައުމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވި އެވެ. ނަމަވެސް، ޙަސީނާއަށް އެނބުރި ގައުމަށް އާދެވޭނީ ހަމައެކަނި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން އޭނާ ހަވާލުކުރުމުން ކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ބުންޏެވެ.
މިއީ އުމުރުން 79 އަހަރުގެ ޙަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ވަކި ތާރީޚެއް ކަނޑައެޅުއްވި ފުރަތަމަ ފަހަރެވެ. ޙަސީނާގެ ސިޔާސީ ޕާޓީގެ ހަރަކާތްތައް މަނާކޮށްފައިވާ ބަންގްލަދޭޝްގައި، މި ނިންމުމުގެ ސަބަބުން ސިޔާސީ އަދި ގާނޫނީ ނުތަނަވަސްކަން އިތުރުވުމުގެ ފުރުސަތު އެބައޮތެވެ. ހަމަމިއާއެކު، މި މަހުގެ ކުރީކޮޅު ޙަސީނާ އައު ޕާސްޕޯޓަކާއި އެހެނިހެން ލިޔެކިޔުންތައް ހޯއްދެވުމަށް އެދިވަޑައިގެންނެވި ފަހުން، އެ ގައުމުގައި ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ.
ގައުމީ އެއާލައިންގެ ދަތުރަކަށް ޙަސީނާ އެދިވަޑައިގެންނެވުން
ޙަސީނާއާ ދެކޮޅަށް އުފެދުނު މުޒާހަރާތަކަށްފަހު ފިއްލަވައިގެން އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ވަޑައިގެންނެވިތާ މަސްތަކެއް ފަހުން ބާތިލުކޮށްފައިވާ ޕާސްޕޯޓާއި ލިޔެކިޔުންތައް ހޯއްދެވުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން، ގައުމީ އެއާލައިން ކަމަށްވާ ބިމާން ބަންގްލަދޭޝް އެއާލައިންސްގެ މަތިންދާބޯޓެއްގައި އޭނާ އެނބުރި ގައުމަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް ޙަސީނާ ވަނީ ބަންގްލަދޭޝް ސަރުކާރުގައި އެދިވަޑައިގަންނަވާފަ އެވެ.
"2024 އޮގަސްޓު 5 ވަނަ ދުވަހު ޝައިޚް ޙަސީނާ އިންޑިއާއަށް ގެންދެވީ ބަންގްލަދޭޝްގެ މަތިންދާބޯޓެއްގައި ކަމަށްވާތީ، ދިއްލީން އެނބުރި ދާކާއަށް އޭނާ ގެނައުމުގެ ވައިގެ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލައްވަން،" ޙަސީނާގެ ތަރުޖަމާނު ސައްޔިދު މުޒައްމިލް ޢަލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. "އެ ފަދަ ހާލަތެއްގައި ގާނޫނުއަސާސީއާ ހިލާފަށް އޭނާ އަރުވައިލެވިފައިވާތީ، ޑިސެންބަރު 16 ވަނަ ދުވަހު ފާހަގަކުރާ ނަސްރުގެ ދުވަހު އެނބުރި ބަންގްލަދޭޝްއަށް ވަޑައިގެންނެވުމުގެ މަގު ފަހިކޮށްދިނުމަކީ މިހާރު ސަރުކާރުގެ ޒިންމާއެއް،" އެ ބަޔާނުގައި ވެ އެވެ.
މަރުގެ ހުކުމާއި ސަރުކާރުގެ ހަރުކަށި ރައްދު
ނަމަވެސް، ޙަސީނާއަށް އެނބުރި ގައުމަށް ވަޑައިގެންނެވޭނީ ހަމައެކަނި އިންޑިއާއިން އޭނާ އެ ގައުމާ ހަވާލުކޮށްގެން ކަމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާތައް ރޫޅައިލުމަށް ފުރާނައަށް ގެއްލުންވާ ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އަމުރުކުރެއްވި ކަމުގެ ކުށުގައި، ޙަސީނާގެ ޣައިރު ހާޒިރުގައި ބަންގްލަދޭޝްގެ ކޯޓަކުން ވަނީ މިދިޔަ އަހަރު އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފަ އެވެ. އަރުވައިލެވިގެން ހުންނަވައި ޙަސީނާ ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.
"ޙަސީނާއަކީ ކުށް ސާބިތުވެފައިވާ މުޖުރިމެއް. އަދި، ފިލައިގެން އުޅޭ ނިރުބަވެރިއެއް،" ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު ވިދާޅުވި އެވެ. "އޭނާއަށް އެނބުރި ގައުމަށް އާދެވޭނީ ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާގެ ދަށުން، ބިޑިއަޅުވައިގެން އަދި ވަރުގަދަ ފާރަވެރިކަމެއްގެ ދަށުން،" ކަބީރު ވިދާޅުވި އެވެ. ޙަސީނާ ގެނައުމަށް މަތިންދާބޯޓެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވި އެދުމާ ގުޅޭގޮތުން، "އެ ފަދަ ޚިޔާލީ އަދި ހަގީގަތާ ހިލާފު އެއްވެސް އެދުމަކަށް ބަންގްލަދޭޝުން އިޖާބައެއް ނުދޭނެ،" ކަމަށް ވިދާޅުވެ ކަބީރު ވަނީ އެ ކަމަށް އިންކާރު ކުރައްވާފަ އެވެ.
އިންޑިއާގެ ސްޓޭންޑާއި ޕްރޮސެކިއުޓަރުގެ ބަސް
މި ކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް އެދުމުން އިންޑިއާގެ ހާރިޖީ ވުޒާރާއިން ޖަވާބެއް ދީފައިނުވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. ޙަސީނާ ހަވާލުކުރުމަށް ބަންގްލަދޭޝުން އެދިފައިވާ އެދުން ދިރާސާކުރަމުން އަންނަ ކަމަށާއި، "އައު ސަރުކާރާއެކު ބިނާކުރަނިވި ގޮތެއްގައި މުއާމަލާތުކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބޭނުންވާ" ކަމަށް މިދިޔަ އެޕްރީލު މަހު އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ކުށް ސާބިތުވެ ފިލައިގެން އުޅޭ މީހަކު އެނބުރި ގައުމަށް ގެނައުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އުންމީދުކުރުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށް، ޙަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވި ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްގެ ޗީފް ޕްރޮސެކިއުޓަރު އަމީނުލް އިސްލާމް ވިދާޅުވި އެވެ. މިއާއެކު، ޙަސީނާ އެނބުރި ވަޑައިގަންނަވައިފި ނަމަ ހައްޔަރުކޮށް ޖަލަށްލާނެ ކަމަށާއި، އޭނާ ގެނައުމަށް މަތިންދާބޯޓެއް ފޮނުވުމާ ގުޅޭގޮތުން އިންޑިއާއާއެކު ރަސްމީ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ބަންގްލަދޭޝްގެ ވަޒީރަކު އާދީއްތަ ދުވަހު ވިދާޅުވި އެވެ. ޙަސީނާ ވެރިކަމުން ދުރުކުރުމަށް މެދުވެރިވި ހަމަނުޖެހުންތަކުގައި 1،400 އާ ހަމައަށް މީހުން މަރުވެފައިވާ ކަމަށް އެކުވެރި ދައުލަތްތަކުން (އދ) ވަނީ ހާމަކޮށްފަ އެވެ.
މަސްދަރު: ރޮއިޓަރސް











