އިންޑިއާގެ އިރުއުތުރުގައި ބަހަކާއި ޓްރަކެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 24 މީހުން މަރުވެއްޖެ
14 ނޮވެމްބަރު 2026 | ހޮނިހިރު 07:34އިންޑިއާގެ އާސާމްގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ޒަޚަމުވި މީހުންނަށް އަވަސް ފަރުވާ ދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. މި ހާދިސާގައި ގިނަ އަދަދެއްގެ ދަރިވަރުން މަރުވެފައިވާއިރު، މިއީ އެ ސަރަހައްދުގެ މަގުމަތީގެ ރައްކާތެރިކަން ކުޑަވުމުގެ ސަބަބުން ކުރިމަތިވި ހިތާމަވެރި ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ ފާހަގަކޮށްފައި


އިންޑިއާގެ އާސާމްގައި ބަހަކާއި ޓްރަކެއް ޖެހި އެކްސިޑެންޓު ހިނގި ސަރަހައްދަށް އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު އެއްވެ، ހަރަކާތްތެރި ވަނީ | ގެޓީ އިމޭޖަސް
އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އާސާމްގައި ބަހަކާއި ޓްރަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 24 މީހުން މަރުވެ، އިތުރު 11 މީހުން ޒަޚަމުވެއްޖެ އެވެ. މި ހާދިސާ ހިނގާފައި ވަނީ އާސާމްގެ ގޯލާގާޓް ޑިސްޓްރިކްޓްގައި އޮންނަ، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ކާޒީރަންގާ ނޭޝަނަލް ޕާކާ އިންވެގެން އޮންނަ ހަލިމަގެއްގަ އެވެ. އެކްސިޑެންޓުގައި ޒަޚަމުވި މީހުންނަށް ފަރުވާ ދިނުމަށް ޖޯރްހާޓް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި ވަނީ އެޑުމިޓުކޮށްފަ އެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކޮލެޖު ދަރިވަރުން ހިމެނޭ ކަމަށް އާސާމްގެ ރޫރަލް ޑިވެލޮޕްމަންޓް ވަޒީރު އަތުލް ބޯރާ ވިދާޅުވި އެވެ. ނަމަވެސް، މަރުވި މީހުންގެ ވަނަވަރު އަދި ރަސްމީކޮށް އާންމުކޮށްފައެއް ނުވެ އެވެ. އެކްސިޑެންޓު ހިނގި ވަގުތު އޭގެ ތެރެއިން އެއް އުޅަނދު ދުއްވާފައި ދިޔައީ ބާރު ސްޕީޑުގައި ކަމަށް މަންޒަރު ފެނުނު މީހުން ރިޕޯޓުކޮށްފައިވާ ކަމަށް ބޯރާ ފާހަގަކުރެއްވި އެވެ. "ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އެނގޭނީ ތަހުގީގަށް ފަހުގައި،" އޭނާ ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން އާސާމްގެ ޗީފް މިނިސްޓަރު ހިމަންތަ ބިސްވާ ސަރުމާ ވިދާޅުވީ މި ގެއްލުމުގެ ބޮޑުކަމުން އެންމެންނަށް ވެސް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. "މި ވަގުތު އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ޒަޚަމުވި މީހުންނަށް ލަސްނުކޮށް އެންމެ ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށް،" ސަރުމާ ވިދާޅުވި އެވެ.
އެކްސިޑެންޓުވި ބަސް ފަސިންޖަރުން ގޮވައިގެން ދަތުރުކުރަމުން ދިޔައީ ބޯކާޚާޓުން ފުރައިގެން ނަގާއޯންއާ ދިމާލަށެވެ. ކާޒީރަންގާ ނޭޝަނަލް ޕާކަށް ވަންނަ މައި ދޮރާށީގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ބޯކާޚާޓްގެ ހުޅަނގުން، އެއްގަމު މަގުން ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރުގައި އޮންނަ ނަގާއޯންއަކީ މެދުތެރޭ އާސާމްގެ މުހިންމު ދަނޑުވެރިކަމާއި ވިޔަފާރީގެ މަރުކަޒެކެވެ.
މަގުމަތީގެ ރައްކާތެރިކަމަކީ އެ ސްޓޭޓުގައި ވަރަށް ދިގު މުއްދަތަކަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް މައްސަލައެއް ކަމަށް ސަރަހައްދީ އިދިކޮޅު ޕާޓީއެއްގެ ވެރިޔާ ލުރިންޖްޔޯތީ ގޮގޮއި ވިދާޅުވި އެވެ. "ސަރުކާރުން މި ކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މަގުމަތީގެ އެކްސިޑެންޓުތަކަކީ ކޮންމެ އަހަރަކު ވެސް އިންޑިއާގައި އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިގެންދާ ކަމެކެވެ. މި ގޮތުން 2023 ވަނަ އަހަރު އެކަނި ވެސް އިންޑިއާގެ މަގުތަކުގައި ހިނގި އެކްސިޑެންޓުތަކުގައި 172,000 މީހުން މަރުވެފައިވާއިރު، މިއީ ދުވާލަކަށް 474 މީހުން، ނުވަތަ ގާތްގަނޑަކަށް ކޮންމެ ތިން މިނެޓަކުން އެކަކެވެ. އަދި، 2025 ވަނަ އަހަރު މި އަދަދު ވަނީ 183,382 އަށް އިތުރުވެފަ އެވެ.
މި ކާރިސާގެ އަސްލު ގުޅިފައި ވަނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުގެ ފެންވަރާ ނޫން ކަމަށާއި، އިންސާނުންގެ އަމަލުތަކާއި، ގާނޫނު ތަންފީޒުކުރުމުގައި ހުރި ބާގަނޑުތަކުގެ އިތުރުން ނިޒާމީ އިހުމާލު ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މަސްދަރު: ބީބީސީ











