ދެގުނައަށް ވުރެ ބޮޑު އުޖޫރައެއް ހޯދަން ބަންގްލަދޭޝްގެ މަސައްކަތްތެރިން ހިންގާ ހަޅުތާލު ފުޅާވަނީ
2 ނޮވެމްބަރު 2026 | ހޯމަ 09:24ބަންގްލަދޭޝްގެ ގާމެންޓް މަސައްކަތްތެރިންގެ މަހު އުޖޫރަ 30،000 ޓާކާއަށް ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން 500 އެއްހާ ކާރުޚާނާ ބަންދުކޮށް، ސަރުކާރުން ވަނީ އުޖޫރަ މުރާޖާކުރާނެ ޚާއްސަ ބޯޑެއް އެކުލަވާލާފައި. ނަމަވެސް، މުޒާހަރާތައް ހުއްޓާނުލައިފިނަމަ މަސައްކަތް ނުކުރާ ދުވަސްތަކަށް އުޖޫރަ ނުދޭނެ ކަމުގެ އިންޒާރު ކާރުޚާނާތަކުގެ ވެރިން ވަނީ ދީފައި


މުސާރަ ބޮޑުކޮށްދިނުމަށް ގޮވައިލާ ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާޢަތުގެ މަސައްކަތްތެރިން ވެރިރަށް ދާކާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން | އޭއެފްޕީ
ކުޑަ މުސާރައަކަށް މަސައްކަތްކުރަން ޖެހުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލެމުން ދާތީ، އުޖޫރަ ބޮޑުކުރުމަށް ގޮވާލައި ބަންގްލަދޭޝްގެ މަސައްކަތްތެރިން ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެ ޤައުމުގެ ސިނާޢީ މައި މަރުކަޒުތަކުގައި ހުރި އަންނައުނު އުފައްދާ އެތައް ސަތޭކަ ކާރުޚާނާއެއްގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ވެރިރަށް ދާކާގެ މިރްޕޫރު ސިނާޢީ ސަރަހައްދުގައި ހޯމަ ދުވަހު ފުލުހުންގެ ބޮޑު ފައުޖެއް ރުކުރުވާލާފައިވާއިރު، ސާވަރު، އަޝޫލިއާ އަދި ގާޒީޕޫރު ސަރަހައްދުތަކުގައި މުޒާހަރާތައް ހުއްޓުމެއްނެތި ކުރިއަށްދާތާ މިއަދަކީ ތިންވަނަ ދުވަހެވެ.
ހޮނިހިރު ދުވަހު މި މުޒާހަރާތައް ފެށުނު ފަހުން ގާތްގަނޑަކަށް 500 އެއްހާ ކާރުޚާނާ ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ. މަގުތަކަށް ނުކުމެ އަޑުއުފުލަމުންދާ އެތައް ހާސް މަސައްކަތްތެރިން ކޮންޓުރޯލު ކުރުމަށް ޓަކައި ފުލުހުން ވަނީ ކަރުނަގޭހާއި އަޑުގަދަ ގޮވާތަކެތި ބޭނުންކޮށްފަ އެވެ.
މި މުޒާހަރާތައް މައިތިރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ގާމެންޓް ދާއިރާގެ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ މުރާޖާކުރުމަށް ބަންގްލަދޭޝް ސަރުކާރުން އާދީއްތަ ދުވަހު ވަނީ ޚާއްސަ ވޭޖް ބޯޑެއް އެކުލަވާލާފަ އެވެ. އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤު ރަޙްމާން ވަނީ ކެބިނެޓް ވަޒީރުންނާއި މުޝީރުންނާއެކު ކުއްލި ބައްދަލުވުމެއް ބާއްވަވާފަ އެވެ.
އުޖޫރަ ދެގުނައަށް ބޮޑުކުރުމުގެ ޑިމާންޑު
މަސައްކަތްތެރިން އެދެމުން ދަނީ އެ މީހުންގެ މަހު އުޖޫރަ އެންމެ ކުޑަމިނުން 30،000 ޓާކާ (ގާތްގަނޑަކަށް 242 ޑޮލަރު) އަށް ބޮޑުކޮށްދިނުމަށެވެ. އެއީ މިހާރު ލިބޭ 12،500 ޓާކާ (ގާތްގަނޑަކަށް 101 ޑޮލަރު) އަށްވުރެ ދެގުނައަށްވުރެ ވެސް ބޮޑު އަދަދެކެވެ.
ބަންގްލަދޭޝްގެ އަންނައުނު އުފެއްދުމުގެ ސިނާޢަތަކީ ގާތްގަނޑަކަށް 38 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި، އެ ޤައުމަށް އެކްސްޕޯޓު އާމްދަނީއާއި ވަޒީފާގެ ފުރުސަތުތައް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ މައިގަނޑު ވަސީލަތެވެ.
ނަމަވެސް، ދިރިއުޅުމުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމުގެ ސަބަބުން މިހާރު ލިބޭ އުޖޫރައަކީ "ފުދޭވަރުގެ މިންވަރެއް ނޫން" ކަމަށް މަސްރަހުގެ ދާރިސުން ވިދާޅުވި އެވެ. މި ފަދަ މަދު ފައިސާކޮޅަކުން މަސައްކަތްތެރިންނަށް ދިރިއުޅުމުގެ ޚަރަދުތައް "ހަމަޖައްސައިގެން ނޫޅެވޭނެ" ކަމަށާއި، ބިލިޔަން ޑޮލަރުގެ މި ބޮޑު އެކްސްޕޯޓް ސިނާޢަތުގެ ފައިދާއިން "އެ މީހުންނަށް ވެސް ހިއްސާއެއް ބޭނުންވާ" ކަމަށް ދާރިސުން ވިދާޅުވި އެވެ.
ޑިމާންޑު ދަށްވުމާއި އިގުތިސާދީ ގޮންޖެހުންތައް
ވިއެޓްނާމް، ކެމްބޯޑިއާ އަދި އިންޑިއާ ފަދަ ވާދަވެރި ޤައުމުތަކާ ކުރިމަތިލަމުންދާ ބަންގްލަދޭޝްގެ އަންނައުނު އުފެއްދުމުގެ ސިނާޢަތަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، މި މުޒާހަރާތައް މި ވަނީ ވަރުގަދަވާން ފަށާފަ އެވެ.
ކާރުޚާނާތަކުގެ ވެރިން ބުނީ، އުފެއްދުންތެރިކަމުގެ ޚަރަދުތައް ބޮޑުވުމާއި، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ބައެއް އެކްސްޕޯޓު މާކެޓުތަކުގައި ޑިމާންޑު ދަށްވަމުން ދިއުމުގެ ސަބަބުން މި ސިނާޢަތް ދަނީ ވަރަށް ބޮޑެތި ތަކުލީފުތަކެއް ތަހައްމަލުކުރަމުން ކަމަށެވެ.
ނަމަވެސް، ބަންގްލަދޭޝްގެ ގާމެންޓް މަސައްކަތްތެރިންނަށް ދޭ އުޖޫރައަކީ "ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ދަށް އުޖޫރަތަކުގެ ތެރޭގައި ހިމެނޭ މިންވަރެއް" ކަމަށް، ބަންގްލަދޭޝް ގާމެންޓް އެންޑް އިންޑަސްޓްރިއަލް ވޯކާސް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަދި ވޭޖް ބޯޑުގައި ހިމެނޭ މަސައްކަތްތެރިންގެ މަންދޫބު ބާބުލް އަޚްތަރު ފާހަގަކުރެއްވި އެވެ.
"ފެކްޓަރީތަކުގެ ވެރިންނަށް މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރައެއް ނުދެވޭނަމަ، ބައިނަލްއަގުވާމީ ވިޔަފާރިވެރިންނާއެކު މަޝްވަރާކޮށްގެން ރަނގަޅު އަގުތަކެއް ހޯދަންވީ،" އަޚްތަރު ވިދާޅުވި ވެވެ. "ކުޑަ އުޖޫރައެއް ލިބޭ މަސައްކަތްތެރިންގެ ބުރަކަށިމަތީގައި އެ މީހުންގެ ވިޔަފާރި ބިނާނުކުރެވޭނެ."
ވޭޖް ބޯޑާއި އިންޒާރުތައް
ބަންގްލަދޭޝް ގާމެންޓް މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ރައީސް މަޙްމޫދު ޙަސަން ޚާން ވިދާޅުވީ، ވޭޖް ބޯޑު އެކުލަވާލުމަކީ ސަރުކާރުން "މިހާރު ވެސް އެޅި ފިޔަވަޅެއް" ކަމަށެވެ. "މި މުރާޖާކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމުގެ ފުރުސަތު މަސައްކަތްތެރިން ދޭނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" ޚާން ވިދާޅުވި އެވެ.
ހަމަމިއާއެކު، ހޯމަ ދުވަހުގެ ނިޔަލަށް ވެސް މުޒާހަރާތައް ކުރިއަށްދާނަމަ، "'މަސައްކަތް ނުކުރާނަމަ އުޖޫރައެއް ނެތް' ކަމަށް ކަނޑައަޅާފައިވާ މާއްދާ ތަންފީޒުކުރުން ނޫން އެހެން އިޚުތިޔާރެއް އަޅުގަނޑުމެންނަކަށް ނޯންނާނެ" ކަމަށް ވެސް ޚާން ވަނީ ވިދާޅުވެފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











