އަފްޣާނިސްތާނުގައި މައިންތައް ގޮވައިގެން މި އަހަރު 189 ކުޑަކުދިން މަރުވެއްޖެ
23 ނޮވެމްބަރު 2026 | ހޯމަ 08:28އަފްޣާނިސްތާނުގައި ވަޅުލާފައިވާ ލޭންޑްމައިންތަކާއި ނުގޮވާ ހުރި ގޮވާތަކެތީގެ ސަބަބުން މި އަހަރުގެ ތެރޭގައި 344 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި ގިނައީ ކުޑަކުދިން. ގައުމުގެ 900 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި އަދިވެސް މިފަދަ ނުރައްކާތެރި ތަކެތި ހުރިކަމަށް ރިޕޯޓުތަކުން ދައްކާއިރު، މި ތަކެތި ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުން


އަފްޣާނިސްތާނުގައި ބިމުގައި ވަޅުލާފައިވާ މައިނެއް ނުވަތަ ނުގޮވާ އޮތް ގޮވާ އެއްޗެއް ގޮވުމުގެ ސަބަބުން ޒަޚަމްވި މީހަކު، އާންމުންނާއި އެހީތެރިން ވެގެން ސްޓްރެޗަރެއްގައި ހޮސްޕިޓަލަށް ގެންދަނީ. | އަނަދޮލު އޭޖެންސީ
އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ބިމުގައި ވަޅުލާފައިވާ 'ލޭންޑްމައިން' އާއި ނުގޮވާ ހުރި ގޮވާތަކެތި ގޮވުމުގެ ހާދިސާތަކުގައި، 2026 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް ގާތްގަނޑަކަށް 257 މީހުން މަރުވެ، އިތުރު 87 މީހުން ޒަޚަމުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހޯމަ ދުވަހު ހާމަކޮށްފި އެވެ.
މަރުވި މީހުންގެ ތެރޭގައި 189 ކުޑަކުދިން ހިމެނޭއިރު، ޒަޚަމުވި މީހުންގެ ތެރޭގައި 73 ކުޑަކުދިން ހިމެނޭ ކަމަށް، އަފްޣާނިސްތާން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ތަފާސްހިސާބުތަކުން ހާމަވެ އެވެ.
މި އަހަރުގެ ތެރޭގައި މުޅި ގައުމުން 344 މީހުން މަރުވެ ނުވަތަ ޒަޚަމުވެފައިވާ ކަމަށް އެ އިދާރާގެ ތަރުޖަމާނު ޔޫސުފް ޙައްމާދު ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކުޑަކުދިން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ފަދަ އެންމެ ފަހުގެ ހާދިސާ ހިނގާފައި ވަނީ އުތުރުގެ ފަރްޔާބް ޕްރޮވިންސްގެ ޝީރީން ތަޣާބް ޑިސްޓްރިކްޓްގައި އާދީއްތަ ދުވަހުގެ ހަވީރު އެވެ. ނުގޮވާ އޮތް ބޮމެއް ގޮވުމުގެ ސަބަބުން އެ ހާދިސާގައި އަންހެނަކާއި ކުޑަކުއްޖަކު ވަނީ މަރުވެފަ އެވެ. އެ ދެ މީހުންނަށް ވެސް ސީރިއަސް ޒަޚަމުތަކެއް ލިބި، ހަސްފަތާލަށް ގެންދިޔަ މަގުމަތީގައި މަރުވެފައިވާ ކަމަށް، އެ ޕްރޮވިންސްގެ ފުލުހުންގެ ތަރުޖަމާނު ޢަބްދުﷲ މުރާދީ ވިދާޅުވި އެވެ.
އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި 900 އަކަކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި އަދިވެސް ލޭންޑްމައިނާއި ނުގޮވާ ހުރި ގޮވާތަކެތި އެބަހުރި ކަމަށް އެ ގައުމުގެ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެ އެވެ. ހަމަމިއާއެކު، ބާމިޔާން ޕްރޮވިންސަށްފަހު ހަނގުރާމައިގެ ބާކީ ހުރި ގޮވާތަކެތިން އެއްކޮށް ސާފުކުރެވުނު އެ ގައުމުގެ ދެވަނަ ޕްރޮވިންސަކަށް ސަރެޕުލް ވެފައިވާ ކަމަށް ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކުރެ އެވެ.
ސެޕްޓެންބަރު 11 ގެ ހަމަލާތަކާ ގުޅިގެން 2001 އޮކްޓޫބަރު މަހު އެމެރިކާއިން އަފްޣާނިސްތާނަށް އަރައި، ޠާލިބާނުންގެ ވެރިކަން ވައްޓާލައި، ގާތްގަނޑަކަށް 20 އަހަރަށް ދެމިގެންދިޔަ ހަނގުރާމައެއް ފެށި އެވެ. އެމެރިކާގެ ތާރީޚުގައި ކުރި އެންމެ ދިގު ހަނގުރާމަ ނިމުމަކަށް ގެނެސް، އެންމެ ފަހުގެ އެމެރިކާ ސިފައިން ފޭބުމާއެކު 2021 އޮގަސްޓު މަހު ޠާލިބާނުން ވަނީ އަލުން އަފްޣާނިސްތާނުގެ ވެރިކަމަށް އައިސްފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











