މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ގަޑިއިރުތަކަކަށް ހުއްޓާލި އެމެރިކާގެ ވައިގެ އުދުހުންތައް އަލުން ފަށައިފި
14 ނޮވެމްބަރު 2026 | ހޮނިހިރު 06:49އެމެރިކާގެ ވައިގެ ދަތުރުފަތުރު ބަލަހައްޓާ މައި އިދާރާގެ މުވާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން 7,000 އަަށްވުރެ ގިނަ ފްލައިޓް ލަސްވެ ނުވަތަ ކެންސަލްވެފައިވާއިރު، މިހާރު ވަނީ އަލުން ދަތުރުތައް ފަށާފައި. މި ހާދިސާއަކީ ސައިބަރ ހަމަލާއެއް ނޫން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނާއިރު، މިއީ އެ ޤައުމުގެ ބާވެފައިވާ އެއާ ޓްރެފިކް ކޮންޓުރޯލު ނިޒާމު ޒަމާނީކުރަން ޖެހިފައިވާ މިންވަރު ހާމަވި ކަމެއް


އެމެރިކާގެ މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލުގެ އޭރޯބުރިޖުތަކަށް ކައިރިކޮށްފައިވާ މަތިންދާބޯޓުތަކެއް | އޭއެފްޕީ
އެމެރިކާގެ ވައިގެ ދަތުރުފަތުރު ބަލަހައްޓާ މައި އިދާރާ، ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ (އެފްއޭއޭ) މުވާސަލާތީ ނިޒާމަށް ދިމާވި ބޮޑު މައްސަލައަކާ ގުޅިގެން މުޅި ޤައުމުގެ ވައިގެ އުދުހުންތައް ގަޑިއިރުތަކަކަށް ހުއްޓާލުމަށް ފަހު، ފްލައިޓްތައް އަލުން ފަށައިފި އެވެ.
އެމެރިކާގެ ދަތުރުފަތުރާ ބެހޭ ވަޒީރު ޝޯން ޑަފީ ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެމެރިކާގެ އިރުމަތީ ގަޑިން ރޭގަނޑު 8:15 ގައި އެ ޤައުމުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް، ވައިގެ ދަތުރުތަކުގެ ތާވަލު އާންމު ހާލަތަކަށް ރުޖޫއަވުމަށް ވަގުތު ނަގާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
"މިރޭ އިރުމަތީ ގަޑިން 8:15 ގައި އަޅުގަނޑުމެން ވާނީ ވައިގެ ސަރަހައްދު އަލުން ހުޅުވާލާފައި،" ޑަފީ ވިދާޅުވި އެވެ. "ނަމަވެސް އޭގެ މާނައަކީ ހުރިހާ ފްލައިޓެއް މިހާރުން މިހާރަށް އުދުހެން ފަށާނެ ވާހަކައެއް ނޫން. އޮޕަރޭޝަންތައް އާންމު ހާލަތަކަށް އަންނާނީ މަޑުމަޑުން. އެހެންކަމުން، އެއާޕޯޓުތަކުގައި ތިއްބެވި ފަސިންޖަރުން އެއާލައިންތަކާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެން."
މުވާސަލާތީ ނިޒާމު ހުއްޓުމަކަށް އައި ގޮތާއި ދަތުރުތަކަށް ކުރި އަސަރު
ހުކުރު ދުވަހުގެ މެންދުރުފަހު އިރުމަތީ ގަޑިން 3:54 ގައި އެފްއޭއޭއިން މުޅި އެމެރިކާގެ ހުރިހާ އެއާޕޯޓުތަކަކުން ފުރާ ފްލައިޓްތައް ހުއްޓާލުމަށް އެންގީ، "އާދަޔާ ޚިލާފު ހާލަތްތަކަކާ ގުޅިގެންނާއި ރައްކާތެރިކަމަށް ޓަކައި" ކަމަށް އެ އިދާރާއިން ބުންޏެވެ. މި ވަގުތީ މުވާސަލާތީ މައްސަލައިގެ އަސަރު، ވައިގެ މަގުގައި ދަތުރުކުރާ މަތިންދާބޯޓުތަކަށް އިރުޝާދު ދޭ އެމެރިކާގެ 22 އެއާ ރޫޓް ޓްރެފިކް ކޮންޓުރޯލު ސެންޓަރަށް ވެސް ކުރި އެވެ. ބައިނަލްއަގުވާމީ ފްލައިޓްތަކަށް ޚިދުމަތް ދެމުން ގެންދިޔައީ ވަކިވަކި ހާލަތްތަކަށް ބަލައިގެން ކަމަށް އެފްއޭއޭއިން ބުންޏެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑަފީ ވިދާޅުވީ، އިރުމަތީ ގަޑިން މެންދުރުފަހު 3:36 ގައި ކޮންޓުރޯލު ސެންޓަރުތަކުގެ ރާޑަރާއި މުވާސަލާތީ ނިޒާމަށް ލޮޅުން އެރީ، ނިޒާމުގެ ސްވިޗްތަކާއި ރައުޓަރުތަކަށް ޑޭޓާ ބާރުބޮޑުވެ، އެކި ގޮތްގޮތަށް މަޢުލޫމާތު ދައްކަން ފެށުމުން ކަމަށެވެ. އެއާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނިޒާމު ނިއްވާލަން ޖެހުނީ ކަމަށާއި، އެމެރިކާގައި ބޭނުންކުރަމުން ދަނީ "އިންތިހާއަށް ބާވެފައިވާ އެއާ ޓްރެފިކް ކޮންޓުރޯލު ނިޒާމެއް" ކަން އޭނާ ފާހަގަކުރެއްވި އެވެ.
ވައިގެ ދަތުރުތައް ޓްރެކްކުރާ 'ފްލައިޓްއެވެއާ' ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ހުއްޓުމާ ގުޅިގެން ގާތްގަނޑަކަށް 7,000 ފްލައިޓް ލަސްވެ ނުވަތަ ކެންސަލްވި އެވެ. ހަމަމިއާއެކު، ގްރައުންޑް ސްޓޮޕް އިޢުލާންކުރި ވަގުތު އެމެރިކާގެ އެއާޕޯޓުތަކަށް ދަތުރުކުރަމުން ދިޔަ 4,042 ފްލައިޓް ވައިގެ ތެރޭގައި އޮތް ކަމަށް 'ފްލައިޓްރާޑާ24' އިން ރިޕޯޓުކޮށްފައިވެ އެވެ.
ސައިބަރ ހަމަލާއެއްގެ ނިޝާނެއް ނެތް، ތަހުގީގު ދަނީ ކުރިއަށް
އެމެރިކާގެ ދާޚިލީ ސަލާމަތާބެހޭ ވަޒީރު މާކްވޭން މަލިން ވިދާޅުވީ، މި ހާދިސާއަކީ އެމެރިކާއަށް އަމާޒުވި ސައިބަރ ހަމަލާއެއް ނުވަތަ ނުރައްކަލެއްގެ ސަބަބުން ދިމާވި ކަމެއް ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި، މި ހާދިސާގެ މަޢުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެންމެން ވެސް ތިބީ ރައްކާތެރިކަމާއެކު. ހުރިހާ ފްލައިޓެއްގެ މަޢުލޫމާތު ވެސް ވަނީ ކަށަވަރުކުރެވިފައި،" މަލިން ވިދާޅުވި އެވެ. "މިއީ އިތުރު 9/11 އެއް ނޫން."

އެމެރިކާގެ ސިއޭޓްލްގެ ސިއޭޓްލް-ޓެކޯމާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފައިވާ ފަސިންޖަރުންތަކެއް މަޑުކޮށްގެން | އޭޕީ
މި މައްސަލައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މައިކްރޮސޮފްޓް ކުންފުނީގެ ޚިދުމަތްތަކަށް ދިމާވި މައްސަލައާ ގުޅުން ހުރި ކަމެއް ނޫން ކަން ވެސް މަލިން ކަށަވަރުކޮށްދެއްވި އެވެ. މީގެ އިތުރުން، އެމެރިކާގެ ތަހުގީގީ މައި އިދާރާއިން (އެފްބީއައި) ވެސް ގަބޫލުކުރަނީ މިއީ ސައިބަރ ހަމަލާއެއް ނުވަތަ ކުށުގެ އަމަލެއް ނޫން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ތަހުގީގުކުރާ ފަރާތްތަކުން ބަލަމުން ދަނީ ސޮފްޓްވެއާ އަޕްޑޭޓެއްގެ ސަބަބުން މި މައްސަލަ ދިމާވީތޯ ކަމަށް މަސްދަރުތަކާ ހަވާލާދީ ބްލޫމްބަރގް ނޫހުން ރިޕޯޓު ކުރި އެވެ.
އެއާ ޓްރެފިކް ކޮންޓުރޯލަރުންނަށް އެހީތެރިވުމަށް ތައާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނިޒާމެއްގެ ސަބަބުން މި މައްސަލަ ދިމާވީތޯ ނޫސްވެރިން ސުވާލުކުރުމުން، މަލިން ވިދާޅުވީ އެއްވެސް ކަމެއް އަދި އިސްތިސްނާ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، އެފްއޭއޭގެ 'ސްމާޓް' އޭއައި ނިޒާމު ތަރައްގީކުރާ ކުންފުނި، އެއާ ސްޕޭސް އިންޓެލިޖެންސްއިން (އޭއެސްއައި) ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ. ޖޫން މަހު 875 މިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ތަރައްގީކޮށް، ނޮވެންބަރު 10 ވަނަ ދުވަހު 22 ސެންޓަރަށް ފުޅާކުރި އެ ނިޒާމަކީ މި ހުއްޓުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ.
ރޭލު ދަތުރުތަކަށް ބާރުބޮޑުވުމާއި ނިޒާމު ޒަމާނީކުރުމުގެ ގޮވާލުންތައް
ވައިގެ ދަތުރުތައް ހުއްޓުމަކަށް އައުމާއެކު، އެމެރިކާގެ ޤައުމީ ރޭލު ޚިދުމަތް ދޭ 'އެމްޓްރެކް' ގެ ވެބްސައިޓާއި އެޕްލިކޭޝަނަށް ވެސް ބާރުބޮޑުވެ، ޚިދުމަތް ހޯދުމަށް ދަތިތަކާ ކުރިމަތިވި އެވެ. އެއާލައިންތަކުގެ މައްސަލައާ ގުޅިގެން ކޯލް ސެންޓަރަށް ގުޅާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެފައިވާތީ، ފަހުން ޚިދުމަތް ހޯދުމަށް އެމްޓްރެކުން ފަސިންޖަރުންގެ ކިބައިން އެދުނެވެ.
ސެނެޓްގެ ވައިގެ ދަތުރުފަތުރާބެހޭ ސަބް-ކޮމިޓީގެ މެންބަރު ޑިމޮކްރެޓިކް ސެނެޓަރު ޓެމީ ޑަކްވަރތު ވަނީ މި ހާދިސާގެ "ފުރިހަމަ އަދި ފުން ތަހުގީގެއް" ހިންގުމަށް ގޮވާލައްވާފަ އެވެ. އަދި، ކުރީގެ އެފްއޭއޭ ސޭފްޓީ ޓީމުގެ މެންބަރު ކައިލް ބެއިލީ ވިދާޅުވީ، މައްސަލައިގެ އަސްލު ދެނެގަނެވެންދެން ފްލައިޓްތައް ގްރައުންޑުކޮށްފައި ނުވަތަ އުދުހުން މަނާކޮށްފައި ބޭއްވުމަކީ އެޅެން އޮތް އެންމެ ރައްކާތެރި ފިޔަވަޅު ކަމަށެވެ.
މިއީ 2023 ޖަނަވަރީ މަހު އެފްއޭއޭގެ ކޮމްޕިއުޓަރު ނިޒާމަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި އެމެރިކާގެ ފްލައިޓްތައް ހުއްޓާލި ފަހުން، އަދި 2001 ސެޕްޓެންބަރު 11 ގެ ހަމަލާތަކަށް ފަހު، މުޅި ޤައުމުގެ ވައިގެ ދަތުރުތައް އެއްކޮށް ހުއްޓާލި ފުރަތަމަ ފަހަރެވެ. އެމެރިކާގެ ބާވެފައިވާ އެއާ ޓްރެފިކް ކޮންޓުރޯލު ނިޒާމު ޒަމާނީކުރުމަށް މިދިޔަ އަހަރު ކޮންގްރެސްއިން 12.5 ބިލިޔަން ޑޮލަރު ފާސްކޮށްފައިވާއިރު، އިތުރު 30.1 ބިލިޔަން ޑޮލަރު ހަމަޖައްސައިދިނުމަށް ވައިޓް ހައުސްއާއި ދަތުރުފަތުރާބެހޭ ވުޒާރާއިން ވަނީ ހުކުރު ދުވަހު ޤާނޫނުހަދާ މަޖިލީހުގައި އެދިފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











