އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގު އައިސީސީން ހުއްޓާލައިފި
14 ނޮވެމްބަރު 2026 | ހޮނިހިރު 08:36އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ކަމަށް ބުނާ ޖަރީމާތަކުގެ ތަހުގީގު ހުއްޓާލުމަށް އައިސީސީން ނިންމީ ހެކި ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމާ ގުޅިގެން. މި ނިންމުމާއެކު އެމެރިކާގެ ފިއްތުންތައް އިތުރުވެފައިވާއިރު، ކޯޓުން ދެން އިސްކަންދޭނީ ހަމައެކަނި ޠާލިބާނުންނާ ގުޅޭ މައްސަލަތައް ބެލުމަށް

![ކިއުބާގައި ހުންނަ ގުއަންޓާނަމޯ ބޭ ޖަލުގައި ހައްޔަރުކޮށްފައި ތިބި މީހުންނާއި، އެ ތަނުގައި ތިބި އެމެރިކާގެ އަސްކަރިއްޔާގެ މިލިޓަރީ ފުލުހުން ފޯރިމަރަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/6a010764-94b6-4985-bfeb-30d6843dc140.webp)
ކިއުބާގައި ހުންނަ ގުއަންޓާނަމޯ ބޭ ޖަލުގައި ހައްޔަރުކޮށްފައި ތިބި މީހުންނާއި، އެ ތަނުގައި ތިބި އެމެރިކާގެ އަސްކަރިއްޔާގެ މިލިޓަރީ ފުލުހުން ފޯރިމަރަނީ [ފައިލް] | ގެޓީ އިމޭޖަސް
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ ތަހުގީގު ބައިނަލްއަގުވާމީ ޖިނާޢީ ކޯޓުން (އައިސީސީ) ރަސްމީކޮށް ހުއްޓާލައިފި އެވެ. ހެކި ހޯދުމަށާއި ތަހުގީގު ކުރިއަށް ގެންދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާތީ، އަފްޣާނިސްތާނާ ގުޅޭ ތަހުގީގުތައް ހަމައެކަނި ޠާލިބާނުންގެ ޖަރީމާތަކަށް ހަނިކުރުމަށް އެ ކޯޓުގެ ފަނޑިޔާރުން ވަނީ ނިންމަވާފަ އެވެ.
ނެދަލެންޑްސްގެ ދި ހޭގްގައި ހުންނަ އައިސީސީގެ ފަނޑިޔާރުންގެ މައި މަރުކަޒުން ބުރާސްފަތި ދުވަހު ނެރުނު އަދި ހުކުރު ދުވަހު އާންމުކުރި މި ނިންމުމުގައި ފާހަގަކުރައްވާފައި ވަނީ، ތަހުގީގު ހިންގުމަށާއި ބޭނުންވާ ހެކި ހޯދުމަށް ޕްރޮސެކިއުޓަރުންގެ އޮފީހަށް "ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ" ކަމަށެވެ. މި ނިންމުމާއެކު، 2021 ވަނަ އަހަރުން ފެށިގެން މަޑުޖެހިފައި އޮތް އެމެރިކާ ސިފައިންގެ މައްސަލައިގެ އިތުރުން، ޚުރާސާން ޕްރޮވިންސްގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގޮތްޕާ (އައިއެސްކޭޕީ) ދެކޮޅަށް ހިންގަމުންދިޔަ ތަހުގީގު ވެސް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް، ފަނޑިޔާރުންގެ މި ނިންމުން މިހާރު އިސްތިޢުނާފުކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރުގެ އޮފީހުން ބުންޏެވެ.
މި އަހަރުގެ ކުރީކޮޅު އައިސީސީގެ ފަނޑިޔާރުން ވަނީ އަފްޣާނިސްތާނުގެ ތަހުގީގު ދެ ބަޔަކަށް ބަހާލުމަށް ޕްރޮސެކިއުޓަރުންނަށް އަމުރުކުރައްވާފަ އެވެ. އެއީ، 2021 ވަނަ އަހަރުގެ ފަހުން ޠާލިބާނުން ހިންގި ކަމަށް ތުހުމަތުކުރެވޭ ޖަރީމާތަކަށް ޚާއްސަ ތަހުގީގަކާއި، އެމެރިކާ ސިފައިންނާއި އައިއެސްކޭޕީގެ މައްސަލަތައް ހިމެނޭ އަސްލު ތަހުގީގެވެ. ޠާލިބާނުންގެ ތަހުގީގުގެ ބޭރުން އަފްޣާނިސްތާނުގައި ހިނގާފައިވާ އެހެން ޖަރީމާތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގުކުރެވޭނެ ކަން ޕްރޮސެކިއުޓަރުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ. މިއާއެކު، ޠާލިބާނުންގެ އިސް ހަތަރު ވެރިއަކު ހައްޔަރުކުރުމަށް މިދިޔަ އަހަރު އެ ކޯޓުން ނެރެފައިވާ އަމުރުތައް އެ ގޮތުގައި ދެމިއޮންނާނެ އެވެ.
ތަހުގީގުގެ ފަސްމަންޒަރާއި ކުރީގެ ޕްރޮސެކިއުޓަރުގެ ނިންމުން
އަފްޣާނިސްތާނުގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށް އައިސީސީން ރަސްމީ ތަހުގީގެއް ފެށީ 2020 ވަނަ އަހަރު އެވެ. އެ ތަހުގީގުގައި، 2002 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގެ އޭރުގެ ސަރުކާރުގެ ސިފައިންނާއި، ޠާލިބާނުންނާއި، އެމެރިކާ ސިފައިން އަދި އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އޮޕަރޭޓިވުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކުށްތައް ހިމެނުނެވެ. ހެކި ހޯދުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި، އެމެރިކާ ސިފައިންނާ ގުޅޭ ބައިގެ އިސްކަން ކުޑަކުރެއްވުމަށް އޭރުގެ ޕްރޮސެކިއުޓަރު ކަރީމް ޚާން ނިންމެވީ 2021 ވަނަ އަހަރު އެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ކަރީމް ޚާން ވަނީ ކޯޓުގެ މަގާމުން ވަކިކޮށްފަ އެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ވޮޝިންގޓަންގެ ނިންމުން
ކޯޓުގެ މި ނިންމުމަކީ ސީދާ އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ނިންމި ނިންމުމަކަށް ނުވި ނަމަވެސް، މި ދަނޑިވަޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އައިސީސީއަށާއި އެ ކޯޓުގެ މިހާރުގެ އަދި ކުރީގެ 13 މުވައްޒަފަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ދަނޑިވަޅެކެވެ. އެމެރިކާގެ ރައްޔިތުންނާއި ޔަހޫދީ އިސްރާއީލް ފަދަ އެކުވެރި ޤައުމުތަކުގެ ވެރިންގެ މައްޗަށް އައިސީސީން ޝަރިޢަތް ހިންގުމާ ވޮޝިންގޓަނުން ވަރަށް ބޮޑަށް ދެކޮޅުހަދަ އެވެ. މި ގޮތުން، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ މީގެ ކުރިން ވިދާޅުވީ، "އެމެރިކާގެ ރައްޔިތުންގެ މައްޗަށް ބައިނަލްއަގުވާމީ ޖިނާޢީ ކޯޓުން ދަޢުވާކުރުމަށް ރައީސް ޓްރަމްޕް ދުވަހަކު ވެސް ފުރުސަތެއް ނުދެއްވާނެ" ކަމަށެވެ. ހަމަމިއާއެކު، އޮކްޓޫބަރު މަހު ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ ރައްޔިތުންނަށް އޮތް ނުރައްކާ ނިމުމަކަށް އަންނަންދެން، އައިސީސީ "އެއް ގަލަށް ފަހު އަނެއް ގައު ރޫޅާލުމަށް" އެމެރިކާއިން ކުރިއަށްގެންދާ ކެންޕޭން ހުއްޓާނުލާނެ ކަމަށެވެ.
އައިސީސީން މި ތަހުގީގު ހުއްޓާލުމުން ވޮޝިންގޓަނުން އެ ކޯޓާ މެދު ގެންގުޅޭ ސިޔާސަތަށް ބަދަލެއް އަންނާނެ ކަން އަދި ސާފެއް ނުވެ އެވެ. އެމެރިކާއަކީ އައިސީސީގެ މެންބަރު ޤައުމެއް ނޫން ކަމަށްވާއިރު، އެ ކޯޓުގެ އިހުތިސާސް އެމެރިކާއިން ގަބޫލެއް ވެސް ނުކުރެ އެވެ. ނަމަވެސް، ކޯޓުގެ އަސާސީ ގަވާއިދު ބުނާ ގޮތުން، މެންބަރު ޤައުމެއްގެ ސަރަހައްދުގައި ހިންގާ ބޮޑެތި ޖަރީމާތަކާ ގުޅިގެން ކޮންމެ ފަރާތެއްގެ މައްޗަށް ވެސް ދަޢުވާ އުފުލުމުގެ ބާރު އެ ކޯޓަށް ލިބިގެންވެ އެވެ.
މަސްދަރު: އަލް ޖަޒީރާ











