އެންމެ ކުރިއަރާފައިވާ ކަމަށް ދަޢުވާކުރާ އެމެރިކާގެ ވައިގެ އުދުހުންތަކަށް ބުރޫއެރީ ބާވެފައިވާ މުވާސަލާތީ ނިޒާމެއްގެ ސަބަބުން!
15 ނޮވެމްބަރު 2026 | އާދީއްތަ 07:44އެމެރިކާގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި މައްސަލައަކީ މުއާސަލާތީ ނިޒާމު އަޕްގްރޭޑް ކުރުމުގެ ތެރޭގައި ރައުޓަރަކަށް ދިމާވި މައްސަލައެއް ކަމަށާއި، މިއީ ސައިބަރ ހަމަލާއެއް ނޫން ކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައި. މި ހާދިސާގެ ޒިންމާ ކޮންޓްރެކްޓަރު އުފުލަންޖެހޭނެ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު ވިދާޅުވިއިރު، މެދުކަނޑާލި އުދުހުންތައް އާދީއްތަ ދުވަހަށް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް ލަފާކުރެވޭ


އެމެރިކާގެ ވައިގެ އުދުހުންތަކަށް ބުރޫއެރުމާ ގުޅިގެން އެއާޕޯޓެއްގައި ތާށިވި ފަސިންޖަރުންތަކެއް ލަގެޖު އުފުލާ ބެލްޓުގެ މަތީގައި އިށީނދެ، މަޑުކުރަނީ | އަލް ޖަޒީރާ
އެމެރިކާގެ މުޅި ވައިގެ ދަތުރުފަތުރު އެތައް ގަޑިއިރަކަށް ހުއްޓުމަކަށް އައީ، ބާވެފައިވާ މުވާސަލާތީ ނިޒާމެއް އަޕްގްރޭޑް ކުރުމަށް ކުރި މަސައްކަތެއްގެ ތެރޭގައި ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި އެ ޤައުމުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ޝޯން ޑަފީ ވިދާޅުވެއްޖެ އެވެ. މިއީ، 2001 ސެޕްޓެންބަރު 11 ގެ ހަމަލާތަކަށް ފަހު، ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން (އެފްއޭއޭ) މުޅި ޤައުމުގެ ވައިގެ ދަތުރުފަތުރު ހުއްޓާލި ދެވަނަ ފަހަރު އަދި އެންމެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ހުއްޓާލުމެވެ.
ވޮޝިންގޓަނިގައި ހުންނަ ދަތުރުފަތުރާ ބެހޭ ވުޒާރާގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަފީ ވިދާޅުވީ، ނޮވެންބަރު 13 ވީ ހުކުރު ދުވަހު ހިންގި އާންމު މަރާމާތުގެ މަސައްކަތެއްގެ ތެރޭގައި، ވަރަށް ދުރު ހިސާބެއްގައި ހުރި ރައުޓަރެއް ކޮޕަރ ކޭބަލުން ފައިބާ ނެޓްވޯކަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ.
"ކޮންޓްރެކްޓަރުގެ އިހުމާލުން ނުވަތަ ހަލާކުވެފައިވާ އާލާތެއްގެ ސަބަބުން" އެ ރައުޓަރުން އެމެރިކާގެ އެއާ ޓްރެފިކް ކޮންޓުރޯލު ނިޒާމުގެ އެހެން ރައުޓަރުތަކަށް އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ސިގްނަލްތައް ފޮނުވަން ފެށީ ކަމަށް އޭނާ ވިދާޅުވި އެވެ. "ކޮންމެ ހަތަރެއް ނުވަތަ ފަސް ސިކުންތަކުން ގުޅުން ގާއިމުކުރުމުގެ 1,000 މަސައްކަތް ހިނގަމުން ދިޔަ،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޑަފީ ވިދާޅުވި އެވެ.
މި މައްސަލައިގެ ސަބަބުން ރާޑަރުގެ މަޢުލޫމާތުތަކަށާއި، އެއާ ޓްރެފިކް ކޮންޓުރޯލަރުންނާއި މަތިންދާބޯޓުތަކާ ދެމެދު ކުރެވޭ މުޢާމަލާތުތަކަށް ބުރޫއެރުމާ ގުޅިގެން، މުޅި ޤައުމުގެ އުދުހުންތައް ވަގުތުން ހުއްޓާލުމަށް އަމުރުކުރެއްވީ ކަން ޑަފީ ފާހަގަކުރެއްވި އެވެ. "އެ ފަދަ ކަމެއް ފެނުމުން، އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ ރައްކާތެރިކަމަށް. އެހެންވެ އަޅުގަނޑުމެން ވައިގެ ސަރަހައްދު ބަންދުކުރީ،" އޭނާ ވިދާޅުވި އެވެ.
ކޮންޓްރެކްޓަރު ކުންފުންޏަށް ފާޑުކިޔުމާއި ޒިންމާދާރު ކުރުވުމުގެ އިންޒާރު
ހުކުރު ދުވަހުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކޮންޓްރެކްޓަރަކީ، އެފްއޭއޭގެ މުވާސަލާތީ ނިޒާމު ޒަމާނީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމެރިކާގެ އޭރޯސްޕޭސް އަދި ދިފާޢީ ކުންފުންޏެއް ކަމަށްވާ 'އެލް3ހެރިސް' ކަން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މި ހާދިސާއާ ގުޅިގެން ޑަފީ ވަނީ އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެތައް އަހަރެއް ވަންދެން އެފްއޭއޭއަށް ޚިދުމަތް ދެމުން އައި އެލް3ހެރިސް އަށް "މި ދަނޑިވަޅުގައި ޒިންމާ އަދާނުކުރެވުނު" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މި ބަލަނީ މިއީ ގާބިލުކަން ނެތުމުގެ ސަބަބުން ވީ ކަމެއްތޯ، މާނައަކީ، އެލް3ހެރިސް އިން އާލާތް ހަރުކުރުމުގައި ހެދުނު ގޯހެއްތޯ؟ ނުވަތަ، އެ މީހުން ހަރުކުރީ ހަލާކުވެފައިވާ ރައުޓަރެއްތޯ؟" ޑަފީ ވިދާޅުވި އެވެ. "މައްސަލަ ދިމާވި ސަބަބު އަދި ކަނޑައެޅިގެނެއް ނޭނގޭ."
އެ ނެޓްވޯކް އޮންނަނީ އެލް3ހެރިސްގެ ބެލުމުގެ ދަށުގައި ކަން ފާހަގަކުރައްވަމުން ޑަފީ ވިދާޅުވީ، އެއީ މައި ކޮންޓްރެކްޓަރު ކަމަށް ވާތީ އެހެން ބައެއްގެ ގާތަށް ދެވެން ނެތް ކަމަށެވެ. "އެ ނެޓްވޯކްގެ މިލްކުވެރިންނަކީ އެ މީހުން. އެއީ، އަޅުގަނޑުމެންގެ މައި ކޮންޓްރެކްޓަރު. އަޅުގަނޑަކަށް އެހެން ތަނަކަށް ދެވޭކަށް ނެތް. އެ ނެޓްވޯކް އޮތީ އެ މީހުންގެ ބާރުގެ ދަށުގައި،" ޑަފީ ވިދާޅުވި އެވެ. "ނުވަތަ، އެއީ ހަލާކުވެފައިވާ ރައުޓަރެއްތޯ އަޅުގަނޑުމެން ހޯދާނަން. އަދި، ތެދަށް ދަންނަވާ ނަމަ، މި ކަމުގައި އިހުމާލުވި ބަޔަކު އަޅުގަނޑުމެން ޒިންމާދާރު ކުރުވާނަން."
ޑަފީގެ މި ތުހުމަތުތަކަށް ރައްދު ދެމުން އެލް3ހެރިސް އިން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެފްއޭއޭއާ ވަރަށް ގާތުން ގުޅިގެން ކަމަށާއި، ރައްކާތެރިކަމާއި އިތުބާރަކީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަންތައްތައް ކަމަށެވެ.
"ނޮވެންބަރު 13 ވަނަ ދުވަހު އަޅުގަނޑުމެންގެ ޤައުމުގެ ވައިގެ ދަތުރުފަތުރު ހުއްޓާލަން ޖެހުނު ހާލަތު ދެނެގަތުމަށް އެފްއޭއޭއިން ކުރާ ތަހުގީގަށް އަޅުގަނޑުމެން މި ދަނީ އެއްބާރުލުން ދެމުން،" އެ ކުންފުނީގެ ތަރުޖަމާނަކު ބުންޏެވެ. "މުޅި ޤައުމުގެ ވައިގެ ދަތުރުފަތުރު ހުއްޓާލުމުގެ ސަބަބުން ދަތުރުވެރިންނަށާއި، އެއާލައިންތަކަށާއި، ވައިގެ ދަތުރުފަތުރުގެ އޮޕަރޭޝަންތަކަށް ކުރި އަސަރު އެލް3ހެރިސްއިން ނަގަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި."
ސައިބަރ ހަމަލާއެއް ނުވަތަ އޭއައިގެ ދައުރެއް ނެތް ކަމަށް ބުނުން
ހުކުރު ދުވަހުގެ ހާދިސާއަކީ ސައިބަރ ހަމަލާއެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށް އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން އެމެރިކާ ސަރުކާރުން ހޮނިހިރު ދުވަހު ބުނީ، އެއީ ސައިބަރ ހަމަލާއެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. "އެ ތަނުގައި ކުރަމުން ދިޔަ މަސައްކަތް ވަކިކޮށް ހުއްޓުވާލެވުމާއެކު، އަޅުގަނޑުމެންގެ ހުރިހާ ސިސްޓަމްތަކެއް އަލުން އޮންލައިން ވެއްޖެ،" ޑަފީ ވިދާޅުވި އެވެ. "އެހެންވީމާ، މިއީ ސައިބަރ ހަމަލާއެއް ކަމަކަށް އަޅުގަނޑުމެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން."
ހޮނިހިރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެފްއޭއޭގެ އެޑްމިނިސްޓްރޭޓަރު ބްރަޔަން ބެޑްފަރޑް ވެސް ވަނީ ޑަފީގެ ވާހަކަފުޅަށް ތާއީދު ކުރައްވައި، ސިސްޓަމް ހުއްޓުނީ އާލާތެއްގައި ދިމާވި މައްސަލައަކުން ކަން ކަށަވަރުކޮށްދެއްވާފަ އެވެ.
"ނުބައި ނިޔަތެއްގައި ހިންގި އެއްވެސް އަމަލެއްގެ ހެއްކެއް ނެތް. އަދި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅުން ހުރި އެއްވެސް ކަމެއްގެ ހެއްކެއް ވެސް ނެތް،" ބެޑްފަރޑް ވިދާޅުވި އެވެ. މި މައްސަލަ ދިމާވި އަސްލު ސަބަބު ދެނެގަތުމަށް ކުރާ ދިރާސާ ނިމުމުން، އޭގެ މަޢުލޫމާތު އާންމުންނާ ހިއްސާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ތާވަލު އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް
ހުކުރު ދުވަހު ވައިގެ އުދުހުންތައް މެދުކަނޑައިލުމުގެ ސަބަބުން އެއާލައިންތަކަށާއި އެތައް ހާސް ދަތުރުވެރިންނަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމުގެ މަސައްކަތް ފަށާފައިވާއިރު، އާދީއްތަ ދުވަހުގެ ނިޔަލަށް ފްލައިޓުތަކުގެ ތާވަލު އެއްކޮށް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް އެފްއޭއޭއިން ލަފާކުރެ އެވެ.
"މެދުކަނޑައިލި 12,000 ފްލައިޓުގެ ސަބަބުން ކުރޫންނާއި މަތިންދާބޯޓުތައް ހުރީ ތާވަލުން ބޭރުވެފައި،" ބެޑްފަރޑް ވިދާޅުވި އެވެ. "މި ކުރޫންނާއި، ޕައިލެޓުންނާއި، ފްލައިޓް އެޓެންޑެންޓުން އެ މީހުންގެ ތާވަލުތަކާ އަލުން ގުޅޭނެ ހިސާބުތަކަށް ދާން އެބަ ޖެހޭ."
ހޮނިހިރު ދުވަހަށް ތާވަލުކޮށްފައިވާ 41,000 ފްލައިޓުގެ ތެރެއިން 4,000 އާއި 5,000 އާ ދެމެދުގެ އަދަދެއްގެ ފްލައިޓުތައް ކެންސަލްވާނެ ކަމަށް އެފްއޭއޭއިން އަންދާޒާކުރާ ކަމަށް ބެޑްފަރޑް ވިދާޅުވި އެވެ. "އޭގެ ސަބަބުން މާދަމާ [އާދީއްތަ ދުވަހު] އެއްކޮށް އާންމު ހާލަތަކަށް ރުޖޫއަވުމަށް މަގުފަހިވާނެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ދަތި އުނދަގޫ ވަގުތުތައް މިހާރު ވަނީ ފަހަނައަޅައި ގޮސްފައި."
މަސްދަރު: އަލް ޖަޒީރާ











