ރަސްމާލެ މަޝްރޫއުގައި ފެންނަނީ މިނިސްޓަރު މުއްތަލިބު އެކަމަކު މިނިސްްޓްރީން ބުނަނީ ރަސްމާލެއާ ގުޅޭ މައުލޫމާތަކީ އެ މިނިސްޓްރީގައި ހުރި މައުލޫމާތެއް ނޫން ކަމަށް!
22 ނޮވެމްބަރު 2026 | އާދީއްތަ 11:23ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓަރު ސޮއިކުރެއްވި ނަމަވެސް، އެ މަޝްރޫއާ ގުޅޭ މައުލޫމާތު ހޯދަން ހުށަހެޅި އާރުޓީއައިތަކަށް އެ މިނިސްޓްރީން ދިން ޖަވާބުގައި އެއީ އެ ތަނުގައި ހުރި މައުލޫމާތެއް ނޫން ކަމަށް ބުނެފި. މި މަޝްރޫއުގެ ދަށުން ބިން ދޫކުރާ އުސޫލާ މެދު ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުގެ ވާހަކަފުޅުތަކުގައި ފުށުއެރުންތަކެއް ހުރިއިރު، މުހިންމު ތަފުސީލުތައް ހާމަކުރުމަށް ސަރުކާރުން ވަނީ އިންކާރުކޮށްފައި


ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު | ރައީސް އޮފީސް
ރަސްމާލެ މަޝްރޫއުގައި އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފެނިގެން ދިޔަ ނަމަވެސް ރަސްމާލެ މަޝްރޫއުއާ ގުޅޭ މައުލޫމާތަކީ އެމިނިސްޓްރީގައި ހުރި މައުލޫމާތެއް ނޫން ކަމަށް ބުނެފި އެވެ.
ހައުސިންގ މިނިސްޓްރީން މިފަދައިން ބުނެފައި ވަނީ ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިއެއްގެ ޖަވާބުގަ އެވެ. އެގޮތުން، ހައުސިންގ މިނިސްޓަރު މުއްތަލިބު ސެޕްޓެމްބަރު 22 ގައި ލިންކްޑްއިންގައި ޝާއިއު ކުރެއްވި ލިޔުމުގައިވާ ގޮތުން ރަސްމާލެ މަޝްރޫއަކީ ސޮއިކުރާ ވަގުތު ޗެކެއް ލިބޭ ގޮތަށް ސޮއިކުރި އެއްބަސްވުމެއް ނޫނެވެ. ނަމަވެސް މިނިސްޓަރު މުއްތަލިބު މިފަދައިން ވިދާޅުވެފަ ވަނިކޮށް 25 ސެޕްޓެމްބަރު 2026 ގައި ނޭޝަން ޗެޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރަސްމާލެއިން ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް ކަމަށް ވިދާޅުވެފަ އެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވާހަކަފުޅާއި ހައުސިންގ މިނިސްޓަރުވިދާޅުވި ވާހަކަފުޅާ ދިމާނުވާތީ، މިކަމުގެ އަސްލު ހަގީގަތަކީ އަދި ރަނގަޅު ގޮތަކީ ކޮބައިތޯ ރާއްޖެޓީވީން ހުށަހެޅި އާރުޓީއައިގައި ސުވާލުކޮށްފަ އެވެ. އަދި ރައީސް ވިދާޅުވި ފަދައިން އެ ބިންތައް ދޫކުރަނީ ކުއްޔަށްކަމަށްވާނަމަ، ބިން ކުއްޔަށް ދޫކުރަނީ ކޮން ރޭޓަކުންތޯ ވެސް ރާއްޖެޓީވީން ސުވާލުކޮށްފައިވެ އެވެ.
މި ސުވާލުތަކުގެ ޖަވާބުގައި ހައުސިންގ މިނިސްޓްރީން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނޫގެ 12 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ މިނިސްޓްރީން ގެންގުޅެ ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ނޫހުން ވެސް ވަނީ މަޝްރޫއެއް ހިންގުމަށް އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރީ ކޮން އުސޫލެއްގެ ދަށުންތޯ އާއި އެ މަޝްރޫއު ހިންގުމަށް އީގަލް ހިލްސް ކުންފުނިން ޕްރޮޕޯޒަލް ހުށަހެޅީ ކޮން އުސޫލެއްގެ ދަށުންތޯ އާއި އެ މަޝްރޫއު ހިންގަން އެންމެ އެކަށޭނެ ކުންފުންޏަކީ އީގަލް ހިލްސްކަމަށް ކަނޑައެޅީ ކޮން ގޮތަކަށްތޯ އަދި ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށްޓަކައި މިހާތަނަށް އެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުންތަކުގެ އަދަދާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ހޯދުމަށް އެ ނޫހުން ވަނީ ހައުސިންގ މިނިސްޓްރީގައި އެދިފަ އެވެ.
އެ ނޫހުން ކުރި ސުވާލުތަކުގެ ޖަވާބުގައި ވެސް ހައުސިންގ މިނިސްޓްރީން ބުނެފައި ވަނީ އެ މައުލޫމާތަކީ އެ މިނިސްޓްރީން ބަލަހައްޓަމުންދާ މައުލޫމާތެއް ނޫން ކަމަށެވެ.
ހައުސިންގ މިނިސްޓްރީން މިފަދައިން ބުނި ނަމަވެސް ރަސްމާލެ މަޝްރޫއާ ގުޅޭ އެންމެހާ ކަމެއްގައި ފެނިގެން ދަނީ ހައުސިންގ މިނިސްޓަރު މުއްތަލިބު އެވެ. އެގޮތުން ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި އެ ކުންފުންޏާއެކު ސެޕްޓެމްބަރު 21 ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުއްތަލިބު އެވެ.










