ރަސްގެފާނު ޗާލްސް ތިންވަނަ ކޮޕް31 ގައި މޫސުމީ އިލްތިޒާމްތައް އަމަލީކުރަން ގޮވާލައްވައިފި
21 ނޮވެމްބަރު 2026 | ހޮނިހިރު 13:52ތުރުކީވިލާތުގައި ބާއްވާ ކޮޕް31 ސަމިޓާ ގުޅިގެން އިނގިރޭސި ރަސްގެފާނު ޗާލްސް ފޮނުއްވި ސިޓީފުޅެއްގައި، މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ވެފައިވާ ވައުދުތައް އަމަލީ ނަތީޖާއަކަށް ބަދަލުކުރުމަށް ދުނިޔޭގެ ލީޑަރުންނަށް ވަނީ ގޮވާލައްވާފައި. އަދި ތެލާއި ގޭހުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އަވަސްކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވި


މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ވެފައިވާ އިގުރާރުތައް އަމަލީ ސިފައަކަށް ބަދަލުކުރުމަށާއި، ތިމާވެއްޓާ ރައްޓެހި "ކްލީން އެނާޖީ" އަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރުމަށް އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނަ ގޮވާލައްވައިފި | އަނަޑޯލޫ
ކޮޕް31 ސަމިޓް ތުރުކީވިލާތުގެ އަންޓަލްޔާގައި ބޭއްވުމަށް ނިންމާފައިވާތީ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާނަށާއި އެ ގައުމަށް ޝުކުރު އަދާކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވެފައިވާ އިލްތިޒާމްތައް އަމަލީ ސިފައަކަށް ބަދަލުކުރުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވައިފި އެވެ.
ތުރުކީގެ އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރައީސް އުރުދުޣާނާއި ކޮޕް31 ގެ ރައީސް އަދި ތުރުކީގެ އެންވަޔަރަންމަންޓް މިނިސްޓަރު މުރާތު ކުރުމް އަށް ރަސްގެފާނު ޗާލްސް ފޮނުއްވި ސިޓީފުޅެއްގައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދުނިޔެއަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅެއްގައި ބައިނަލްއަގުވާމީ މުޖުތަމައު އެއްގަލަކަށް ގެނައުމަށް ކުރެއްވި މަސައްކަތްޕުޅަށް ވަނީ ތައުރީފު ކުރައްވާފަ އެވެ.
މީގެ އިތުރުން، މި ސަމިޓުގެ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމުގައި އޮސްޓްރޭލިއާއިން އަދާކުރި ދައުރަށްޓަކައި އެ ގައުމަށް ވެސް ރަސްގެފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް މިހާރު ވެސް އާދަޔާ ހިލާފަށް ހޫނުގަދަވުމާއި ފެންބޮޑުވުމާއި ހަނަފަސްކަމާއި އަލިފާނުގެ ހާދިސާތަކުގެ އިތުރުން ނުރައްކާތެރި ތޫފާންތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކަކީ މިހާރު ދުރުގައި އޮތް ބިރެއް ނޫން ކަމަށާއި އެއީ ކުރިމަތިވަމުންދާ ހަގީގަތެއް ކަމަށް ރަސްގެފާނު އިންޒާރު ދެއްވި އެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން މީގެ ކުރިން ދުވަހަކު ވެސް ސާފުނުވާ މިންވަރަށް މިހާރު ސާފުވެފައިވާ ކަމަށާއި، އެކަމަށް އަވަސް ފިޔަވަޅުތަކެއް ބޭނުންވާ ކަމަށް ރަސްގެފާނު ޗާލްސް ވިދާޅުވި އެވެ. އަދި މީގެ ކުރިން ވެފައިވާ އިލްތިޒާމްތައް އަމަލީ ނަތީޖާއަކަށް ބަދަލުކުރުމަށް ކޮޕް31 ގެ ރިޔާސަތުން ހިފާފައިވާ އަޒުމަށް ރަސްގެފާނު މަރުހަބާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި ދުނިޔެ ހޫނުވުން މަޑުޖައްސާލުމަށްޓަކައި އެޅޭނެ އެންމެ އަވަސް ފިޔަވަޅަކީ، ތެލާއި ގޭސް އުފައްދާ ސިނާއަތްތަކުން ބޭރުވާ މީތޭން ގޭސް 2030 ވަނަ އަހަރުގެ ނިޔަލަށް ހުއްޓުވުން ކަމަށާއި، އޭގެ އިތުރުން އިއާދަނުކުރެވޭ ހަކަތަ ބޭނުންކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ރަސްގެފާނު ޗާލްސް ބާރުއެޅުއްވި އެވެ.
މީގެއިތުރުން ސާފު ހަކަތައަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރުމަށާއި، ޖަންގަލިތަކާއި ކަނޑުތައް ހިމާޔަތްކުރުމުގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ކަރަންޓުގެ ނިޒާމުތައް ކުރިއެރުވުމަށާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު މުޖުތަމައުތަކުގެ ރައްކާތެރިކަން ވަރުގަދަކުރުމަށް ވެސް ރަސްގެފާނު ގޮވާލެއްވި އެވެ.
މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ސަރުކާރުތަކާއި ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ މެދުގައި ބޮޑެތި މާލީ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެކަން ރަސްގެފާނު ފާހަގަކުރެއްވި އެވެ.
އިއާދަނުކުރެވޭ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ސަބަބުން، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށް ރަސްގެފާނު ވިދާޅުވި އެވެ.
އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުން، އަންޓަލްޔާ ސަމިޓުގެ ބައިވެރިންނަކީ ހަމައެކަނި އުންމީދުތަކެއް ކުރާ ބަޔަކަށް ނުވެ، އެ އުންމީދުތައް އަމަލީ ސިފައަކަށް ބަދަލުކުރުމުގެ އަޒުމް ހުރި ބަޔަކަށް ވުމަށް ރަސްގެފާނު ޗާލްސް ބާރުއެޅުއްވި އެވެ.
އެގޮތުން ކޮޕް31 ސަމިޓުން ދޫކޮށްލާ ތާރީޚީ ނަތީޖާއަކަށް ވާންޖެހޭނީ މިއީ ކަމުގައި ވެސް ރަސްގެފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އަޅުގަނޑުމެންގެ ދަރިންނާއި ކާފަދަރިން އަޅުގަނޑުމެންނާ މެދު ގޮތް ނިންމާނީ އަޅުގަނޑުމެން ވީ ވައުދުތަކުގެ މައްޗަކަށް ނޫން ކަމަށާއި އެކަމަކު، އެކަންކަމާ މެދު އަމަލުކުރަން އަޅުގަނޑުމެން އިޚްތިޔާރުކުރި ގޮތުގެ މައްޗަށް ކަމަށެވެ.
މަސްދަރު: އަނަޑޯލޫ











