އުރުދުޣާން އިސްރާއީލާ ދެކޮޅަށް ހަނގުރާމައެއް އިއުލާނުކުރައްވަފާނެތަ؟
22 އޯގަސްޓު 2026 | ހޮނިހިރު 11:31ތުރުކީ، ސައުދީ އަދި ޕާކިސްތާނުން "މައްކާ އެގްރީމަންޓް" ގެ ދަށުން ދިފާޢީ އިއްތިޙާދެއް އުފެއްދުމަކީ ސަރަޙައްދީ ސަލާމަތީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ބާރުވެރިކަން އިތުރުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް. މި އެއްބަސްވުމުގެ ސަބަބުން ބާރުގެ މިޒާން ބަދަލުވެ، މީގެ ރައްދެއްގެ ގޮތުން އިންޑިއާ އާއި އިސްރާއީލު ފަދަ ޤައުމުތަކުން އައު އިއްތިޙާދުތަކެއް އުފެއްދުމުގެ ފުރުޞަތު ބޮޑު. މިއީ ސީދާ ހަނގުރާމައަކަށް ދިއުމުގެ ބަދަލުގައި، އިސްރާއީލާއި އެހެނިހެން ބާރުތަކުން ތުރުކީގެ މަސްލަހަތަށް އަރައިގަތުން ހުއްޓުވުމަށް އެކުލަވާލި ދިފާޢީ އޮނިގަނޑެއްގެ ގޮތުގައިވެސް ބެލެވޭ

ސައުދީ އަރަބިއްޔާގެ މައްކާގައި 2026 އޮގަސްޓް 7 ވީ ބުދަ ދުވަހު، ތިން ގައުމު ބައިވެރިވާ ދިފާއީ އެއްބަސްވުމެއްގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން (ވ) އާއި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (މ) އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް (ކ) ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން | ގެޓީ އިމޭޖަސް
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި، އިސްރާއީލުގެ ސިޔާސީވެރިން ތުރުކީއާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ތުރުކީއަށް ހަމަލާއެއް އަތުވެއްޖެ ނަމަ ހަނގުރާމައަކަށް ފަސްނުޖެހޭނެ ކަމަށެވެ. މިއީ ސީދާ އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރެއްވުން ކަމަށް ބެލެވެން ނެތް ނަމަވެސް، މިއީ ވަރުގަދަ އިންޒާރެކެވެ. ތުރުކީގެ ވިސްނުން ހުރިގޮތް އުރުދުޣާން ވަނީ ވަރަށް ސާފުކޮށްދެއްވާފަ އެވެ. އެއީ ތުރުކީން ހަތިޔާރުގެ ހަނގުރާމައަކަށް ނޭދޭ ކަމަށާއި، ނަމަވެސް އެ ޤައުމަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމެވެ. އެހެންނަމަވެސް، އިސްވެ ހަމަލާދިނުމުގެ އެއްވެސް ނިޔަތެއް އުރުދުޣާން ފާޅެއް ނުކުރައްވަ އެވެ. އޭނާ ހަމައެކަނި އިޝާރާތް ކުރެއްވީ އިސްރާއީލު ހުއްޓުވުމަށްޓަކައި ޚާރިޖީ ގޮތުން ކުރެވެން ހުރި މަސައްކަތްތައް މަޑުމަޑުން ހުސްވަމުންދާ ކަމަށެވެ.
އުރުދުޣާންގެ މި ވާހަކަފުޅުތައް ސީދާ ގުޅިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ތުރުކީވިލާތާއި، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނާ ދެމެދު ސޮއިކުރި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" އާ އެވެ. މި އެއްބަސްވުމުގެ މައިގަނޑު އަސާސަކީ ނޭޓޯގެ ޗާޓަރުގެ 5 ވަނަ މާއްދާގައިވާ ފަދައިން، އެއްބަސްވުމުގައި ހިމެނޭ އެއް ޤައުމަކަށް ދޭ ހަމަލާއަކީ ހުރިހާ ޤައުމަކަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލުމެވެ. މި ދިފާޢީ އެއްބަސްވުމުގެ ދަށުން އަސްކަރީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާއި، ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ބޭއްވުމާއި، ޖާސޫސީ މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން ދިފާޢީ ސިނާޢަތް ކުރިއެރުވުމަށް އެހީތެރިވެދޭނެ އެވެ. ތުރުކީއާއި، ސައުދީ އަދި ޕާކިސްތާނުން މި އުފައްދަނީ އަމިއްލަ ދިފާޢީ ނިޒާމެކެވެ. މިއީ އަދި ފުރިހަމަ "އިސްލާމީ ނޭޓޯ" އަކަށް ނުވި ނަމަވެސް، މިއީ ހަމައެކަނި އެކުވެރިކަމުގެ އިޢުލާނަކަށް ވުރެ މާ ވަރުގަދަ ފިޔަވަޅެކެވެ.
މި އެއްބަސްވުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅު ފާހަގަކޮށްލެވެ އެވެ. އޭނާ ވަނީ މިއީ މެދުއިރުމަތީގެ ޤައުމުތަކުގެ އެއްބައިވަންތަކަން ހާމަކޮށްދޭ "ބޮޑު ފިޔަވަޅެއް" ކަމަށް ވިދާޅުވެ، އެއްބަސްވުމަށް މަރުޙަބާ ވިދާޅުވެފަ އެވެ. ސަރަޙައްދީ ރައްކާތެރިކަމަށްޓަކައި އެމެރިކާއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ފަދަ ނިޒާމަކަށް ވައިޓް ހައުސްއިން ތާއީދުކުރުމަކީ ފުރަތަމަ ނަޒަރުގައި އޮޅުން އަރާ ކަމަކަށް ވެދާނެ އެވެ. ނަމަވެސް، "މައްކާ އެގްރީމަންޓް" އަކީ އެމެރިކާއާ ދެކޮޅަށް އުފެއްދި އަސްކަރީ އިއްތިޙާދެއް ނޫނެވެ. މިއީ ސަރަޙައްދީ ސަލާމަތީ އުސޫލުތައް ކަނޑައެޅުމުގައި އެމެރިކާއިން ގެންގުޅޭ ބާރުވެރިކަމާ ދެކޮޅަށް އުފެއްދި އެއްބަސްވުމެކެވެ. މި ދެ ކަމުގެ ދެމެދުގައި ތަފާތެއް އެބަހުއްޓެވެ. އެހެންނަމަވެސް، ވަގުތު ފާއިތުވަމުންދާ ވަރަކަށް މި ތަފާތު ކުޑަވެގެން ހިނގައިދާނެ އެވެ.
ތުރުކީއާއި، ސައުދީ އަދި ޕާކިސްތާނުގެ ވެސް އެމެރިކާއާ މެދު އަމިއްލަ ޝަކުވާތަކެއް އެބަހުއްޓެވެ. ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް އެމެރިކާއިން އެހީތެރިވުމާއި، އެފް-35 ފައިޓަރ ޖެޓް ޕްރޮގްރާމުން ތުރުކީ ވަކިކުރުމާއި، އިސްރާއީލަށް އެމެރިކާއިން ދެމުންދާ އެއްބާރުލުމާ މެދު ތުރުކީ އޮތީ ހިތްހަމަނުޖެހިފަ އެވެ. ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އެމެރިކާއިން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ، ނާޒުކު ދަނޑިވަޅެއްގައި އެމެރިކާގެ އެހީތެރިކަން ލިބޭނެ ކަމުގެ އިތުބާރު އެ ޤައުމަށް ވަނީ ގެއްލިފަ އެވެ. ޕާކިސްތާނުން ދެކޭގޮތުގައި އެމެރިކާއާ އެކު އޮތް ގުޅުމަކީ ހަމައެކަނި ވަގުތީ މަސްލަހަތެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމަށްފަހު، ޕާކިސްތާނަށް ދެމުންދިޔަ ސަމާލުކަން ކުޑަވެ، ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުނުއިރު، އެމެރިކާއިން އިންޑިއާއާ އެކު ބާއްވާ ގުޅުން ވަނީ ވަރުގަދަކޮށްފަ އެވެ.
މި ތިން ޤައުމުން ވެސް ނިންމާފައިވާ ނިންމުމަކީ ވަރަށް ސާދާ ނިންމުމެކެވެ. އެއީ އެމެރިކާއާ އެކު މަސައްކަތް ކުރެވިދާނެ ކަމަށާއި، ނަމަވެސް ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން މުޅިން އެމެރިކާގެ އަތްމައްޗަށް ދޫކޮށްލެވެން ނެތް ކަމެވެ. މި އިއްތިޙާދަށް ތުރުކީން ފޯރުކޮށްދެނީ ބޮޑު އަސްކަރީ ބާރަކާއި ކުރިއަރާފައިވާ ދިފާޢީ ސިނާޢަތެކެވެ. ޕާކިސްތާނުން އަސްކަރީ ތަޖުރިބާއާއި ނިއުކްލިއާ ބާރު ފޯރުކޮށްދޭއިރު، ސައުދީން ފޯރުކޮށްދެނީ މާލީ ތަނަވަސްކަމާއި ސިޔާސީ ނުފޫޒެވެ. މި ތިން ޤައުމު ގުޅުމުން، އެމެރިކާއަށް ބަރޯސާވާ ތިން ބައިވެރިންގެ ބަދަލުގައި، މިނިވަން އިއްތިޙާދެއްގެ ގޮތުގައި އެމެރިކާއާ މަޝްވަރާކުރުމުގެ ބާރު އެ ޤައުމުތަކަށް ލިބިގެންދާނެ އެވެ.
އެހެންކަމަށްވާނަމަ، މި އައު އެއްބަސްވުމާ މެދު ޓްރަމްޕް ހިތްހަމަޖެހިވަޑައިގަންނަވަނީ ކީއްވެގެން ހެއްޔެވެ؟ ސަރަޙައްދީ ޤައުމުތަކުން އަމިއްލަ ދިފާޢަށް މަސައްކަތް ކުރުމަކީ، އެމެރިކާގެ ބައިވެރިން އަމިއްލަ ޚަރަދުތަކާއި ޒިންމާތައް އުފުލަންޖެހޭނެ ކަމަށް ޓްރަމްޕް ގެންގުޅުއްވާ ދިގު މުއްދަތުގެ ސިޔާސަތާ އެއްގޮތް ކަމެކެވެ. މީގެ އިތުރުން، މި އެއްބަސްވުމާ ފާޅުގައި ދެކޮޅު ހެދުމަކީ އެމެރިކާ ކަންބޮޑުވާކަން ހާމަވެ، މި ތިން ޤައުމު އިތުރަށް މިނިވަންވުމަށް ބާރުއެޅޭނެ ކަމެކެވެ. އެމެރިކާއަށް ފައިދާ އޮތީ މި އައު އޮނިގަނޑަށް މަރުޙަބާ ކިޔައި، ނޭޓޯއާއި، ހަތިޔާރު ވިއްކުމާއި، ޖާސޫސީ އެހީތެރިކަމުގެ ތެރެއިން ނުފޫޒު ދެމެހެއްޓުމުގަ އެވެ. އެންމެ ފަހުން، ޓްރަމްޕަށް މިކަން ސިފަކުރެވޭނީ އެމެރިކާ ބަލިކަށިވުން ކަމަކަށް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އޭނާގެ ސިޔާސަތަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގަ އެވެ.
އެހެންނަމަވެސް، އަސާސީ މައްސަލަތައް އަދިވެސް އެބަހުއްޓެވެ. މައްކާ އެގްރީމަންޓުން ކަށަވަރުކޮށްދެނީ، އެ ޤައުމުތަކަށް އޮތް ނުރައްކަލަކީ ކޮބައިކަމާއި އެކަމަށް ދޭނެ ރައްދެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އެ ޤައުމުތަކަށް އޮތް ކަމެވެ. ތުރުކީއާއި، ސައުދީ އަދި ޕާކިސްތާނުން އެމެރިކާއާ އޮތް ގުޅުން ކަނޑާލުމުގެ ނިޔަތެއް ނެތެވެ. ނަމަވެސް އެމެރިކާގެ ސިޔާސަތުތައް ބަދަލުވެ، އިސްރާއީލުގެ މަސްލަހަތަށް އިސްކަންދޭ ހާލަތެއްގައި އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް އެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ރަސްމީ ގޮތުން މިއީ އެމެރިކާއާ ދެކޮޅު އެއްބަސްވުމެއް ނޫނެވެ. އެކަމަކު ސިޔާސީ ގޮތުން މިއީ އެމެރިކާގެ ބެލެނިވެރިކަމުން ދުރުވެ، ގިނަ ބާރުތަކެއް އެކުލެވޭ ސަލާމަތީ ނިޒާމަކަށް އެނބުރުމެވެ. މި ސަރަޙައްދުގައި އެމެރިކާގެ ދައުރު ކުޑަވަމުންދާކަމުގެ ނިޝާނެއް ކަމަށް މާހިރުން ދެކޭ ސަބަބަކީ މިއީ އެވެ.
މެދުތެރޭ ކަނޑުގެ އިރުމަތިން ފެށިގެން ދެކުނު އޭޝިއާއާ ހަމައަށް މުޅި ސަރަޙައްދު އޮތީ މި އައު އެއްބަސްވުމަށް ފާރަވެރިވެގެންނެވެ. އިންޑިއާއިން ދެކޭގޮތުގައި އެ ޤައުމުގެ އެންމެ ބޮޑު ވާދަވެރިޔާ ޕާކިސްތާނަށް މިވަނީ ނުފޫޒުގަދަ ދެ ޤައުމެއްގެ ދިފާޢީ ކަށަވަރުކަން ލިބިފަ އެވެ. އިސްރާއީލުން ވެސް ވިސްނަންޖެހޭ ކަމަކީ، ތުރުކީން މިހާރު ބަރޯސާވަނީ ހަމައެކަނި އަމިއްލަ ބާރަށާއި ނޭޓޯއަށް ނޫން ކަމެވެ. އޭގެ ބަދަލުގައި ވަކި ސަރަޙައްދީ ދިފާޢީ ނިޒާމެއްގެ ބޭނުން ތުރުކީން ހިފާނެ އެވެ. ހަމައެފަދައިން، ކަނޑުގެ ސަރަޙައްދާއި ސައިޕްރަސްގެ މައްސަލައިގައި ތުރުކީއާ ޚިޔާލުތަފާތުވުންތައް އޮތް ގްރީސްއަށް ވެސް ތުރުކީގެ މި ވަރުގަދަވުން ދޫކޮށްލެވޭކަށް ނެތެވެ.
އެހެންކަމުން، މީގެ ރައްދެއްގެ ގޮތުގައި އައު އިއްތިޙާދެއް އުފެދިގެން އައުމުގެ ފުރުޞަތު އެބައޮތެވެ. އެއީ އިންޑިއާއާއި، އިސްރާއީލާއި، ގްރީސް އަދި ސައިޕްރަސް ހިމެނޭ ގޮތަށް އުފެދޭ ބާރެކެވެ. މީގެ ބިންގާ މިހާރު ވެސް ވަނީ އެޅިފަ އެވެ. އިންޑިއާއިން ދަނީ އިސްރާއީލާ އެކު އަސްކަރީ ގުޅުން ބަދަހިކުރަމުންނެވެ. ގްރީސްއިން ދަނީ އިސްރާއީލުގެ މިސައިލް ދިފާޢީ ނިޒާމުތައް ގަންނަމުންނެވެ. އަދި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިންޑިއާއާއި ގްރީސްއިން ވަނީ ދިފާޢީ ސިނާޢަތް ކުރިއެރުވުމަށް ފަސް އަހަރުގެ ރޯޑްމެޕެއް އެކުލަވާލުމަށް އެއްބަސްވެފަ އެވެ.
މިވަގުތު ރަސްމީ ތިން ގައުމުގެ އިއްތިޙާދެއް އުފެދިދާނެ ކަމަށް ބުނަން އަދި މާ އަވަހެވެ. އިންޑިއާއިން ބުނެފައިވަނީ މައްކާ އެގްރީމަންޓުގެ ސަބަބުން އެ ޤައުމުގެ ސަލާމަތަށް ކުރާނެ އަސަރުތައް ދިރާސާކުރަމުންދާ ކަމަށެވެ. ބޮޑަށް ބެލެވެނީ މިފަދަ އިއްތިޙާދެއް ފުރަތަމަ ފެނިގެންދާނީ ރަސްމީ އެއްބަސްވުމެއްގެ ބަދަލުގައި، ގުޅިފައިވާ ތަމްރީނުތަކާއި، ޖާސޫސީ މަޢުލޫމާތު ހިއްސާކުރުމާއި، ވައިގެ ދިފާޢީ ނިޒާމުތަކުގެ ތެރެއިން ކަމަށެވެ. ނަމަވެސް މިފަދަ ބާރެއް އުފެދުމުގެ ފުރުޞަތު އޮތުމުން ދޭހަވަނީ، މައްކާ އެގްރީމަންޓުގެ ސަބަބުން ސަރަޙައްދީ ބާރުތައް ހަމަހަމަކުރުމުގެ މަސައްކަތް ފެށިފައިވާ ކަމެވެ.
މިކަންކަން މިހެން ހުރިއިރު ސުވާލަކީ އުރުދުޣާން ހަގީގަތުގައި ވެސް އިސްރާއީލާ ހަނގުރާމަ ކުރަން ތައްޔާރު ހެއްޔެވެ؟ ރައްދު ހަމަލާތަކެއް ދިނުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް، ރޭވިގެން ކުރާ ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ކުޑަ އެވެ. ތުރުކީން ސީދާ ކުރިމަތިލުމަކަށް ބޭނުމެއް ނުވެ އެވެ. ހަނގުރާމައެއްގެ ސަބަބުން ތުރުކީގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބި، ނޭޓޯގެ ތެރޭގައި މައްސަލަތައް އުފެދި، އެމެރިކާއާ އޮތް ގުޅުން ގޯސްވާނެ އެވެ. އިސްރާއީލަށް ވެސް އެނގޭ ކަމަކީ ތުރުކީއާ ހަނގުރާމަ ކުރުމަކީ އެހެން ޖަމާޢަތްތަކާ ނުވަތަ ބަލިކަށި އަވަށްޓެރި ޤައުމުތަކާ ހަނގުރާމަ ކުރުމަށް ވުރެ މާ ނުރައްކާތެރި ކަމެއް ކަމެވެ.
އެހެންނަމަވެސް، މިފަދަ ހާލަތެއް މެދުވެރިވުމަކީ މުޅިން ނުވާނެ ކަމެއްވެސް ނޫނެވެ. އެންމެ ނުރައްކާ ބޮޑީ ދެ ޤައުމުގެ މަސްލަހަތު ފުށުއަރާ ސޫރިޔާގަ އެވެ. ތުރުކީން ބޭނުންވަނީ ދިމިޝްޤުގައި އޮތް ނުފޫޒު ވަރުގަދަކޮށް، ތުރުކީގެ ބޯޑަރު ކައިރީގައި ދެކޮޅުވެރި ބާރުތައް އުފެދުން ހުއްޓުވުމަށެވެ. އިސްރާއީލުން މަސައްކަތް ކުރަނީ ތުރުކީގެ ކުރިއެރުން ހުއްޓުވައި، އަސްކަރީ ގޮތުން މިނިވަންކަން ހޯދުމަށެވެ. ދެ ފަރާތުގެ ދެމެދުގައި މުވާސަލާތީ ގުޅުންތައް އޮތް ނަމަވެސް، ތުރުކީ ސިފައިން ތިބޭ ތަނަކަށް ދެވޭ ހަމަލާއެއް ނުވަތަ ތުރުކީ ރައްޔިތަކު މަރުވުމަކީ ހަނގުރާމައެއް ފެށުމަށް ފުދޭނެ ކަމެކެވެ.
އަނެއް ނުރައްކާތެރި ސަރަޙައްދަކީ ސައިޕްރަސް ހިމެނޭ ގޮތަށް މެދުތެރޭ ކަނޑުގެ އިރުމަތީ ސަރަޙައްދެވެ. ސޫރިޔާއާއި ލުބުނާނުގައި އިސްރާއީލުން ހިންގާ އޮޕަރޭޝަންތައް ފުޅާވެއްޖެ ނަމަ، އެއީ ތުރުކީގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. އިސްރާއީލުން ރަތް ރޮނގުތައް ހުރަސްކުރާ ކަމަށް އުރުދުޣާނަށް ފެނިވަޑައިގެންފި ނަމަ، ޚާރިޖީ ފިއްތުންތަކުގެ ބަދަލުގައި އަސްކަރީ ފިޔަވަޅުތަކެއް އެޅުމަކީ އެކަށީގެންވާ ކަމެކެވެ. ބޮޑު ހަނގުރާމައެއް އިޢުލާން ކުރުމަށް ވުރެ، ކޮންޓްރޯލުން ނެއްޓިގެންދާ ކުޑަ ހާދިސާއެއްގެ ސަބަބުން ހަނގުރާމައެއް ފެށުމުގެ ފުރުޞަތު މާ ބޮޑެވެ.
މައްކާ އެގްރީމަންޓުގެ ސަބަބުން ތުރުކީއަށް ހަމަލާދިނުމުގެ އަގު ބޮޑުވެގެންދެ އެވެ. ނަމަވެސް އޭގެ މާނައަކީ ސައުދީއާއި ޕާކިސްތާނުން ވަގުތުން އިސްރާއީލާ ހަނގުރާމައަށް ދާނެ ކަމެއް ނޫނެވެ. މި އެއްބަސްވުމުގެ ފުރިހަމަ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ. މިވަގުތަށް މިއީ ހަމައެކަނި ހަނގުރާމައެއް ފެށިޔަނުދިނުމަށް ބޭނުންކުރާ އުސޫލެކެވެ. މީގެ ބޭނުމަކީ ހަނގުރާމަ ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ހަނގުރާމައެއް ފެށުމަށް ވިސްނާ ފަރާތްތައް އެކަމުން ދުރުހެލިކުރުވުމެވެ.
އުރުދުޣާންގެ ވާހަކަފުޅުތައް ބަލަންޖެހެނީ މި ނަޒަރިއްޔާތުންނެވެ. އޭނާ އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރައްވަނީއެއް ނޫނެވެ. ނަމަވެސް، ކޮންމެ ހާލަތެއްގައި ވެސް ތުރުކީން ހަމައެކަނި ބަޔާންތަކުން ފުއްދާލާނެ ކަމަށް އިސްރާއީލުން ކުރާ އުންމީދު އޭނާ އެވަނީ ނައްތާލައްވާފަ އެވެ. ތުރުކީއާއި އިސްރާއީލުގެ ބޮޑު ހަނގުރާމައެއް ފެށުމަކީ އަދިވެސް ދުރު ކަމެކެވެ. އެހެންނަމަވެސް، އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ތުރުކީގެ ސަލާމަތަށް ނުރައްކާވެއްޖެ ނަމަ، ބާރުގެ ބޭނުންކުރުމުގެ ޤާބިލްކަން އުރުދުޣާންގެ ކިބައިގައި އެބަހުއްޓެވެ. އެ ހިސާބުން ދެން އުފެދޭނެ ސުވާލަކީ ކޮންމެ ހާލަތެއްގައި ނަމަވެސް ހަނގުރާމަ ފެށުމަށްފަހު އެކަން ހުއްޓުވުމުގެ ބާރު ދެ ފަރާތުގައި އޮތްތޯ އެވެ.









