އަންނަ އަހަރަށް އެސީސީއަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި
16 ނޮވެމްބަރު 2026 | ހޯމަ 11:14އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން އޭސީސީއަށް ކަނޑައެޅި 47.5 މިލިއަން ރުފިޔާއަކީ އެދިފައިވާ މިންވަރަށްވުރެ 6.4 މިލިއަން މަދު އަދަދެއް ކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އެ ކޮމިޝަނުން ބުނެފި. މުސާރައާއި ހިންގުމުގެ ޚަރަދު ކަނޑައި، ތަހުގީގުތަކާއި ހޭލުންތެރިކުރުވުމަށް ލިބުނީ އެންމެ 1.2 މިލިއަން ރުފިޔާ ކަމަށްވާތީ، ތަހުގީގުތައް އަވަސްކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރަން އިތުރު ބަޖެޓު ބޭނުންވާކަން އެ ކޮމިޝަނުން ފާހަގަކުރޭ


އޭސީސީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި | ރައްޔިތުންގެ މަޖިލިސް
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަނޑައަޅާފައިވާ އަދަދު މަދުވުމުގެ ސަބަބުން އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި ކަންބޮޑުވުންތައް ހިއްސާކޮށްފައި ވަނީ ހޯމަ ދުވަހު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އޭސީސީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިލްފާ އެވެ. އެގޮތުން ނިލްފާ ވިދާޅުވީ ބޭސް ލައިން ބަޖެޓުގައި ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ބަޖެޓަކީ 53.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ހުށަހެޅިއިރު 6.4 މިލިއަން ރުފިޔާ ކަނޑާލައި، ހުށަހަޅާފައި ވަނީ 47.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ނިލްފާ ވިދާޅުވި އެވެ.
އެގޮތުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ޔުޓިލިޓީ އަދި ސާރވިސް ހަރަދަށް ކަނޑާފައި އޭސީސީގެ ހަރަކާތްތައް ހިންގަން ލިބުނީ 1.2 މިލިއަން ރުފިޔާ ކަމަށް ނިލްފާ ވިދާޅުވި އެވެ.
އެއީ ކޮމިޝަންގެ މުޅި ބަޖެޓަށް ލިބިފައިވާ ބަޖެޓަށް ބަލާއިރު، 2 އިންސައްތަ މި ލިބުނީ ދެން ހުރި ހުރިހާ ހަރަކާތްތަކެއް ހިންގުމަށް. 1.2 މިލިއަން ރުފިޔާ ދެން އަޅުގަނޑުމެން ބަހާލާފައި މިވާ ގޮތަކީ އެގޮތުން ތަހުގީގު ދަތުރުތަކަށް 0.45 ޕަސަންޓް، ދެލައްކަ ރުފިޔާ، ހޭލުންތެރިކަން އިތުރުކުރުމަށް އެއްލައްކަ ރުފިޔާ ދެން މިއީ ޕްރިވެންޝަންއަށް އައްލައްކަ ރުފިޔާ އަދި މުވައްޒަފުން ތަމްރީނު ކުރުމަށް ތާޒާކުރުމަށް 391،000 ރުފިޔާ ދެން ގުޅުން ބަދަހިކުރުމަށް ބޭރުގެ މުއައްސަސާތަކާއި ސްޓޭކް ހޯލްޑަރ ރިލޭޝަންސް މިކަންކަން ގާއިމުކުރުމަށް 371،000ފާތިމަތު ނިލްފާ
ނިލްފާ ވިދާޅުވީ އޭސީސީއަށް އިތުރަށް ބަޖެޓު ބޭނުންވާ ކަމަށެވެ. އެގޮތުން ނިލްފާ ވަނީ އެންމެ ބޮޑު ގޮންޖެހުމެއް ގޮތުގައި ޖާގައިގެ ދަތިކަން ފާހަގަކުރައްވާފަ އެވެ. އަދި މިކަން ހައްލުކުރަން ޖެހޭ ކަމަށާއި އޭސީސީ އޮފީސް އިމާރާތް މީހުން ދިރިއުޅޭ ގެއެއްގައި ހުރުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ނިލްފާ ވިދާޅުވި އެވެ.
މީގެ އިތުރުން ތަހުގީގުތައް އަވަސްކުރުމަށާއި ފަންނީ ގާބިލުކަން މަތިކުރުމަށް އިތުރު ބަޖެޓު ބޭނުންވާކަން ނިލްފާ ވަނީ ފާހަގަކުރައްވާފަ އެވެ.










