ހުރްމުޒް ކަނޑުއޮޅީގައި ބާރުގަދަ ގޮވުންތަކެއް، މައިންތަކެއްގައި ޖެހި ތެޔޮ ޓޭންކަރުތަކެއްގައި ހުޅުހިފައިފި
15 ނޮވެމްބަރު 2026 | އާދީއްތަ 08:27ހުރްމުޒް ކަނޑުއޮޅީގެ މަނާ ސަރަހައްދުތަކުން ސިއްރުން ދަތުރުކުރި ތެޔޮ ޓޭންކަރުތަކެއް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި ގޮވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެއްޖެ. އީރާނުގެ އަސްކަރިއްޔާއިން ބުނާގޮތުގައި މި އުޅަނދުތަކަކީ ސިގްނަލްތައް ނިއްވާލައިގެން ޤަވާއިދާ ޚިލާފަށް ދަތުރުކުރި އުޅަނދުތަކެއް. މި ހާދިސާއާއެކު، އެ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އީރާނުގެ ހުއްދަ ނެތި ދަތުރުނުކުރުމަށް ޝިޕިންގ ކުންފުނިތަކަށް މިހާރު ވަނީ އިންޒާރު ދީފައި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް ކަނޑުއަޑީގެ މަައިނެއްގައި ޖެހި ބާރުގެ ގޮވުމަކާއެކު އަލިފާން ރޯވި ޓޭންކަރަކުން ދުން އަރަމުންދާ މަންޒަރު | އާރުޓީ
ހުރްމުޒް ކަނޑުއޮޅީގައި ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި، ތިން ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ ކަނޑުގެ ސިފައިން ހާމަކޮށްފި އެވެ. މި ހާދިސާތައް ހިނގާފައި ވަނީ ނޮވެންބަރު 14 ވީ ހޮނިހިރު ދުވަހު ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި އެވެ.
އީރާނުގެ ކަނޑުގެ ސިފައިން ބުނީ، ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުރްމުޒް ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުން ދަތުރުކުރި އެއް ތެޔޮ ޓޭންކަރު ކަނޑުއަޑީގެ މައިނެއްގައި ޖެހިފައިވާއިރު، އަނެއް ދެ ޓޭންކަރު މައިންތަކުގައި ޖެހިފައި ވަނީ އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ކަމަށެވެ. ހޮނިހިރު ދުވަހުގެ ރޭގަނޑު ހިނގި ހާދިސާއާ ގުޅޭގޮތުން އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އައިއާރުއެންއޭއިން، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރުޖީސީ) ކަނޑުގެ ސިފައިންނާ ހަވާލާދީ ބުނީ، "ޤަވާއިދާ ޚިލާފުވި ދެ ތެޔޮ ޓޭންކަރެއް ހުރްމުޒް ކަނޑުއޮޅީގެ މަނާކޮށްފައިވާ މަގަކުން ސިއްރުން ދަތުރުކުރަން އުޅެނިކޮށް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި، ގޮވައި، އަލިފާން ރޯވެފައިވާ" ކަމަށެވެ.
ސިގްނަލް ނިއްވާލައިގެން ދަތުރުކުރި އުޅަނދުތަކުގެ ތަފްސީލު
މި ހާދިސާއާ ގުޅޭގޮތުން ނޮވެންބަރު 15 ވީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އައިއާރުޖީސީގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނީ، ހުރްމުޒް ކަނޑުއޮޅީގެ ދެކުނުން ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި ދެ ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. އެ ލަޝްކަރުން ބުނީ، އެ ދެ އުޅަނދު ކަނޑުއޮޅިން ހުރަސްކުރަން މަސައްކަތްކުރީ އެ އުޅަނދުތަކުގެ ނޭވިގޭޝަން އަދި އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްތައް ނިއްވާލައިގެން، ހުއްދަ ނެތް މަގަކުން ސިއްރުން ދަތުރުކުރުމަށް ކަމަށެވެ.
މައިންތަކުގައި ޖެހުމުގެ ސަބަބުން ބާރުގަދަ ގޮވުންތަކެއް ގޮވައި، ދެ ޓޭންކަރުގައި ބޮޑެތި އަލިފާންގަނޑުތަކެއް ރޯވި ކަމަށް އީރާނުގެ ކަނޑުގެ ސިފައިން ބުންޏެވެ. ނަމަވެސް، މި ހާދިސާގައި ހިމެނޭ އުޅަނދުތަކުގެ ވަނަވަރެއް އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ. އަދި، މި ރިޕޯޓުތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ހަމަމިއާއެކު، ހުކުރު ދުވަހު ވެސް ހުރްމުޒް ކަނޑުއޮޅީގެ ދެކުނު ސަރަހައްދުން ހުއްދަ ނެތް މަގަކުން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރެއް ކަނޑުއަޑީގެ މައިންތަކެއްގައި ޖެހި އަލިފާން ރޯވި ކަމަށް އައިއާރުޖީސީގެ ކަނޑުގެ ސިފައިން ރިޕޯޓުކޮށްފައިވެ އެވެ. މި ގޮތުން، އެ ލަޝްކަރުގެ މެރިޓައިމް ޓްރެފިކް ކޮންޓުރޯލު ސެންޓަރާ މުވާސަލާތު ކުރުމަކާ ނުލައި އެ ކަނޑުއޮޅިން ދަތުރުކުރަން މަސައްކަތް ނުކުރުމަށް ޝިޕިންގ ކުންފުނިތަކަށް ވަނީ އިންޒާރު ދީފަ އެވެ.
ހުރްމުޒް ކަނޑުއޮޅީގެ ފިޔަވަޅުތަކާއި ހަނގުރާމައިގެ އެންމެ ފަހުގެ ހާލަތު
ދުނިޔޭގެ ހަކަތައާއި މުދާ އުފުލުމުގައި އިސްތިރާޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު ހޯދައި، އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން އީރާނުން ވަނީ އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި، އެ ފިޔަވަޅުތަކާ ޚިލާފުވާ ކަމަށް އީރާނުން ބުނާ އުޅަނދުތަކަށް އެ ޤައުމުން ދަނީ ހަމަލާދެމުންނެވެ. ހުރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމުގެ މައްސަލައަކީ ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ވެސް އެންމެ މުހިންމު އެއް މައުޟޫޢެވެ.
އެމެރިކާއާއި އީރާނާ ދެމެދު މި ހަނގުރާމަ ފެށިފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ފަހުން އެޕްރީލު މަހު ދެ ފަރާތުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސް، ޖޫން މަހު ފަހުމުނާމާއެއްގައި ސޮއިކުރި ނަމަވެސް، މަޝްވަރާތައް ހުއްޓުމަކަށް އައުމާއެކު ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އަލުން ވަނީ ހަމަލާތައް ބަދަލުކުރަން ފަށާފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ/ރޮއިޓަރސް











