އިންތިޚާބު ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ނަތަންޔާހޫގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ގޮވާލައިފި
16 ނޮވެމްބަރު 2026 | ހޯމަ 08:40އިސްރާއީލުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ސަލާމަތީ ބާރުތައް ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ކަން ތަހުގީގުކުރުމަށް ސިޔާސީ އިސްވާރުން ގޮވާލައިފި. މި މައްސަލައިގައި ޢަރަބި އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށް، ބައެއް މެންބަރުންގެ ފޯނު ކޯލުތައް އަޑުއަހަން މަސައްކަތްކޮށްފައިވާ ކަން ތަހުގީގީ ރިޕޯޓަކުން ހާމަވުމާއެކު، މިއީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައި


ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ޔަޝާރު ޕާޓީގެ ވެރިޔާ ގާދީ އައިޒެންކޮޓު | އޭޕީ
އިސްރާއީލުގެ އާންމު އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ ތަހުގީގީ ރިޕޯޓަކާ ގުޅިގެން، ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ އެހީތެރިން "މާފިއާ އުސޫލުގެ އަމަލުތަކެއް" ހިންގަވާފައިވާ ކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޢަރަބި ޖޮއިންޓް ލިސްޓުގެ ބަރުލަމާނީ އިއްތިހާދުގެ އިސްވާރު އަޙުމަދު އައްޠީބީ އާދީއްތަ ދުވަހު ގޮވާލައްވައިފި އެވެ.
އައްޠީބީ ވިދާޅުވީ، އިސްރާއީލުގެ ޗެނަލް 12 ގެ ނޫސްވެރިޔާ އިލާނާ ދަޔާން އާންމުކުރި ތަހުގީގީ ރިޕޯޓަށް ބަލާއިރު، ފުލުހުންނާއި ދާޚިލީ ސަލާމަތާ ބެހޭ އިދާރާ 'ޝިން ބެޓް' ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްގެން "އިންތިޚާބު ވަގަށް ނަގަން" ނަތަންޔާހޫއާއި އޭނާގެ އޮފީހުގެ މުވައްޒަފުން މަސައްކަތްކުރި ކަމުގެ ތުހުމަތުތަކުގައި ފުލުހުން ވަގުތުން ތަހުގީގެއް ފަށަން ޖެހޭ ކަމަށެވެ. "މިއީ ޑިމޮކްރަސީގެ އަސާސްތަކަށް ނުރައްކާވާ ފަދަ، މާފިއާ އުސޫލުގެ އަމަލުތަކެއް،" އޭނާ ވިދާޅުވި އެވެ.
އެއްވެސް ލަސްކުރުމެއް ނެތި މި މައްސަލައިގެ ތަހުގީގެއް ހިންގުމަށް އަމުރުކުރުމަށް ބަންޑާރަނައިބާއި ދައުލަތުގެ ވަކީލުގެ ކިބައިން އައްޠީބީ ވަނީ އެދިވަޑައިގަންނަވާފަ އެވެ. "ޤާނޫނަށްވުރެ މަތީގައި އެއްވެސް މީހަކު ނުހުންނާނެ، ނަތަންޔާހޫ ވެސް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ޗެނަލް 12 ގެ ތަހުގީގުން ހާމަވި ކަންކަން
އޮކްޓޫބަރު 27 ގައި ބޭއްވި އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުގެ (ކްނެސެޓް) އިންތިޚާބުގެ އެއް ދުވަސް ކުރިން، ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް އީޑޯ ނޯޑެން ޕޮލިސް ކޮމިޝަނަރުގެ އޮފީހަށް ގުޅައި، ދެކުނު އިސްރާއީލުގައި ޔުނައިޓެޑް ޢަރަބް ލިސްޓު ޕާޓީގެ (ރަޢަމް) ތިން އެކްޓިވިސްޓެއްގެ ހަރަކާތްތަކާ ގުޅޭ ޝަކުވާއެއް ހުށަހެޅި ކަމަށް ޗެނަލް 12 ގެ ތަހުގީގުގައި ބުނެފައިވެ އެވެ. މި ގޮތުން ބޮޑުވަޒީރުގެ އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ޖާސޫސީ މަސްދަރަކާ ފުލުހުން ގުޅުވައިދިނީ ވެސް ނޯޑެން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ސައްހަ ބަލައިފާސްކުރުމުގެ އަމުރެއް ނުވަތަ ހައްޔަރުކުރުމުގެ އަމުރެއް ނެތި ފުލުހުން އެ އެކްޓިވިސްޓުންގެ ގެތައް ބަލައިފާސްކޮށް، އެ މީހުން ހައްޔަރުކުރި ކަމަށް އެ ޗެނަލުން ރިޕޯޓުކޮށްފައިވެ އެވެ. ވޯޓުލާ މީހުންނަށް ނުފޫޒު ފޯރުވައި، އިންތިޚާބުގައި ތާއީދު ހޯދުމުގެ ބޭނުމުގައި އެ އެކްޓިވިސްޓުން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއި ރަޢަމް ޕާޓީގެ ވައުޗަރުތަކެއް ގެންގުޅުނު ކަމަށް ފުލުހުން ތުހުމަތުކުރި އެވެ.
ނަތަންޔާހޫ ވަނީ މި ތުހުމަތުތައް ވަގުތުން އާންމުކޮށް، އިންތިޚާބު އޮތް ދުވަހު ތަކުރާރުކޮށް އެ ވާހަކަތައް ދައްކާފައި ކަމަށް ޗެނަލް 12 ގެ ތަހުގީގުގައި ބުނެފައިވެ އެވެ. މި މައްސަލަ އުފެއްދުމުގައި ބޮޑުވަޒީރުގެ އޮފީހުގެ ބައިވެރިވުން އޮތް ކަމުގެ ޝައްކުތައް އެ ރިޕޯޓުން އުފައްދާފައިވާއިރު، ޢަރަބިން އިންތިޚާބު ވަގަށް ނަގަނީ ކަމަށް ބުނެ ހިންގި ކެންޕޭނަކަށް ބާރުދިނުމަށް ފަހުން މި މައްސަލަ ބޭނުންކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
ފޯނުކޯލުތައް އަޑުއެހުމުގެ ހުއްދައާއި ސިޔާސީ އިސްވާރުންގެ ފާޑުކިޔުން
ހަމަމިއާއެކު، ބޭރުގެ ނުފޫޒު އޮތް ކަމަށް ޝައްކުކުރެވޭ ކަމަށް ބުނެ، އިންތިޚާބު އޮތް ދުވަހު ޤާނޫނުހަދާ މަޖިލީހުގައި ޢަރަބި ދަރިކޮޅުގެ މީހުން ތަމްސީލުކުރައްވާ ފަސް މެންބަރެއްގެ ފޯނު ކޯލުތައް އަޑުއެހުމުގެ ހުއްދައަށް ޝިން ބެޓްގެ ވެރިޔާ ޑޭވިޑް ޒީނީ އެދުނު ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. ނަމަވެސް ބަންޑާރަނައިބު ގާލީ ބަހާރަވް-މިއާރާ ވަނީ އެ ހުށަހެޅުމަށް އިންކާރުކޮށް ހުއްދަ ނުދިނުމަށް ނިންމާފަ އެވެ.
މިއާއެކު، އާދީއްތަ ދުވަހުގެ ކުރީކޮޅު ޔަޝާރު ޕާޓީގެ ލީޑަރު ގާދީ އައިޒެންކޮޓް ވެސް ވަނީ މި މައްސަލައިގައި ވަގުތުން ތަހުގީގެއް ހިންގުމަށް ގޮވާލައި، ބޮޑުވަޒީރުގެ އޮފީހުގެ ބައިވެރިވުމާއި ސަލާމަތީ އިދާރާތަކުގެ އަމަލުތައް ބެލުމަށް ތަހުގީގީ ކޮމިޝަނެއް އުފައްދާނެ ކަމަށް ބުނެފަ އެވެ. ޔަހޫދީ އިސްރާއީލުގެ ކުރިއަށް އޮތް ސަރުކާރު އެކުލަވާލުމުގެ މަޝްވަރާތައް ކުރަމުންދާ އައިޒެންކޮޓް ބުނީ، ނަތަންޔާހޫއާއި އޭނާގެ ބައިވެރިންގެ މި އަމަލުތަކަކީ ޑިމޮކްރަސީއަށް އޮތް "ސީދާ އަދި ވަގުތުން ކުރިމަތިވެފައިވާ ނުރައްކަލެއް" ކަމަށެވެ. އަދި، ނަތަންޔާހޫ މަގާމުގައި ހުރިހާ ދުވަހަކު އިތުރު އިންތިޚާބެއް ބޭއްވުމާ ދެކޮޅަށް އޭނާ ވަނީ އިންޒާރުދީފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











