"ނަތަންޔާހޫއަށް އިތުރު އެންމެ މިނެޓަކު ވެސް ވެރިކަމުގައި ނުހުރެވޭނެ": އިންތިޚާބު އޮޅުވާލަން އުޅުނު ކަމުގެ ތުހުމަތާއެކު އިސްރާއީލުގެ ސިޔާސީ މަސްރަހު ހޫނުވެއްޖެ
16 ނޮވެމްބަރު 2026 | ހޯމަ 08:26އިސްރާއީލުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރުމަށް ގާދީ އައިޒެންކޮޓް ގޮވާލައިފި. ޗެނަލް 12 އިން ހާމަކުރި މި ރިޕޯޓާ ގުޅިގެން، ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ނަތަންޔާހޫގެ އިތުބާރު ނެތްކަމަށް އައިޒެންކޮޓް ވަނީ ބުނެފައި


ޔަހޫދީ އިސްރާއީލުގެ ޔަޝާރު ޕާޓީގެ ވެރިޔާ ގާދީ އައިޒެންކޮޓު ކެންޕޭން ޖަލްސާއެއްގައި ވާހަކަދައްކަނީ | އަނަދޮލު އޭޖެންސީ
ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އިންތިޚާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކުރުމަށް ޔަޝާރު ޕާޓީގެ ލީޑަރު ގާދީ އައިޒެންކޮޓް ގޮވާލައިފި އެވެ. ނަތަންޔާހޫއާއި އޭނާގެ އަރިސް މީހުން އަމަލުތަކަކީ ޔަހޫދީ ދައުލަތުގެ ޑިމޮކްރަސީއަށް އޮތް "ސީދާ އަދި ވަގުތުން ކުރިމަތިވެފައިވާ ނުރައްކަލެއް" ކަމަށް ބުނެ، އައިޒެންކޮޓް ވަނީ މި މައްސަލައިގައި ވަރުގަދަ އިންޒާރެއް ދީފަ އެވެ.
އައިޒެންކޮޓް މިހެން ބުނީ، އޮކްޓޫބަރު 27 ވަނަ ދުވަހު ބޭއްވި ކްނެސެޓްގެ އިންތިޚާބުގެ ތެރޭގައި ޔުނައިޓެޑް ޢަރަބް ލިސްޓް އިއްތިހާދުގެ (ރަޢަމް) އެކްޓިވިސްޓުން ހައްޔަރުކުރުމަށް ޓަކައި، ނަތަންޔާހޫގެ އަރިސް މީހުން ފުލުހުންނަށް އޮޅުވާލާފައިވާ ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިން ކަމަށް ތުހުމަތުކޮށް އިސްރާއީލުގެ ޗެނަލް 12 އިން ނޮވެންބަރު 15 ވީ އާދީއްތަ ދުވަހު ގެނެސްދިން ތަހުގީގީ ރިޕޯޓަކާ ގުޅިގެންނެވެ.
އައިޒެންކޮޓް ވަނީ، މި ހާދިސާއާ ގުޅޭގޮތުން ފުލުހުންނާއި ދާޚިލީ ސަލާމަތީ އިދާރާ 'ޝިން ބެޓް' އިން ޖަވާބުދާރީވުމަށް ޑިމާންޑުކޮށްފަ އެވެ. ހަމަމިއާއެކު، އިންތިޚާބުގެ ކުރިންނާއި އިންތިޚާބުގެ ތެރޭގައި ބޮޑުވަޒީރުގެ އޮފީހުން އަމަލުކުރި ގޮތާއި ސަލާމަތީ އިދާރާތަކުގެ ދައުރު ބެލުމަށް ޚާއްސަ ތަހުގީގީ ކޮމިޝަނެއް އުފައްދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ވެރިކަމުގައި ދެމިހުރުމަށް ޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ނަތަންޔާހޫ ހިފަމުންދާ ކަމަށް ތުހުމަތުކޮށް އައިޒެންކޮޓް ބުނީ، ނަތަންޔާހޫއަށް އިތުރަށް "އެންމެ މިނެޓަކަށް ވެސް" ވެރިކަމުގައި ހުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. "އޭނާ މަގާމުގައި ހުރިހާ ހިނދަކު، އިސްރާއީލުގައި ދެން އިންސާފުވެރި އަދި ގާނޫނީ ހަމަތަކުގެ މަތިން ބޭއްވޭ އިންތިޚާބެއް ނޯންނާނެ،" އައިޒެންކޮޓް ބުންޏެވެ. ނަތަންޔާހޫގެ ބެލުމުގެ ދަށުން އިތުރު އިންތިޚާބަކަށް ދިޔުން ހުއްޓުވުމަކީ، މިހާރު ކުރިއަށްގެންދަވާ އިއްތިހާދެއް އެކުލަވައިލުމުގެ މަޝްވަރާތަކުގައި އެންމެ ބޮޑަށް އިސްކަންދޭ މައިގަނޑު އަސާސް ކަމަށް ވެސް އޭނާ ބުންޏެވެ،
ޗެނަލް 12 ގެ ތަހުގީގުން ހާމަވި ކަންކަން
ޗެނަލް 12 ގެ ތަހުގީގީ ރިޕޯޓުގައިވާ ގޮތުން، އިންތިޚާބު އޮތް ދުވަހުގެ ކުރީ ރޭ ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް އީދޯ ނޯޑެން ވަނީ ޕޮލިސް ކޮމިޝަނަރުގެ އޮފީހާ ގުޅައި، ދެކުނު އިސްރާއީލުގައި ހަރަކާތްތެރިވާ ރަޢަމް ޕާޓީގެ ތިން އެކްޓިވިސްޓަކާ ގުޅޭ ޝަކުވާއެއް ހުށަހަޅާފަ އެވެ. މި ގޮތުން، ބޮޑުވަޒީރުގެ އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ޖާސޫސީ މަސްދަރަކާ ފުލުހުން ގުޅުވައިދިނީ ނޯޑެން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ބަލައި ފާސްކުރުމުގެ ނުވަތަ ހައްޔަރުކުރުމުގެ ސައްހަ އަމުރަކާ ނުލައި ފުލުހުން އެ މީހުންގެ ގެތަކަށް ވަދެ އެ ތިން އެކްޓިވިސްޓުން ހައްޔަރުކުރި ކަމަށް ޗެނަލް 12 އިން ރިޕޯޓުކުރި އެވެ.
ވޯޓުލާ މީހުންނަށް ނުފޫޒު ފޯރުވައި ތާއީދު ހޯދުމުގެ ބޭނުމުގައި އެ އެކްޓިވިސްޓުން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއި ރަޢަމް ޕާޓީގެ ވައުޗަރުތައް ގެންގުޅުނު ކަމަށް ފުލުހުން އެއިރު ތުހުމަތުކުރި އެވެ. ނަމަވެސް، ޗެނަލް 12 ގެ ތަހުގީގުގައި ފާހަގަކޮށްފައި ވަނީ، ނަތަންޔާހޫ ވަރަށް އަވަހަށް އެ ތުހުމަތުތައް އާންމުކޮށް އިންތިޚާބު އޮތް ދުވަހު ތަކުރާރުކޮށް އެ ވާހަކަތައް ދެއްކި ކަމަށެވެ. މިއާއެކު، މި މައްސަލަ އުފެއްދުމުގައި ބޮޑުވަޒީރުގެ އޮފީހުގެ އަތެއް ވާކަމުގެ ޝައްކުތައް އުފެދިފައިވާއިރު، ފަހުން މި ހާދިސާ ބޭނުންކުރީ "ޢަރަބިން އިންތިޚާބު ވަގަށް ނަގަނީ" ކަމަށް ބުނެ ހިންގި ކެންޕޭނަކަށް ބާރުދިނުމަށް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ބޭރުގެ ނުފޫޒު ފޯރުވާ ކަމަށް ޝައްކުކުރެވޭތީ ކަމަށް ބުނެ، އިންތިޚާބު އޮތް ދުވަހު ޤާނޫނުހަދާ މަޖިލީހުގެ ޢަރަބި ފަސް މެންބަރެއްގެ ފޯނު ކޯލުތައް އަޑުއެހުމުގެ ހުއްދައަށް ޝިން ބެޓްގެ ވެރިޔާ ޑޭވިޑް ޒީނީ އެދުނު ކަމަށް ވެސް ޗެނަލް 12 އިން ހާމަކޮށްފައިވެ އެވެ. ނަމަވެސް، ބަންޑާރަނައިބު ގާލީ ބަހަރަވް-މިއާރާ ވަނީ އެ ހުށަހެޅުމަށް ހުއްދަ ނުދީ ބޭރުކޮށްލާފަ އެވެ.
ސަރުކާރު އެކުލަވާލުމުގެ މަޝްވަރާތަކާއި ކްނެސެޓްގެ ބާރުގެ ތިލަފަތް
ޔަހޫދީ އިސްރާއީލުގެ ރައީސް އައިޒެކް ހަރޒޮގް، ނޮވެންބަރު 8 ވަނަ ދުވަހު ރަސްމީކޮށް ސަރުކާރު އެކުލަވާލުމުގެ މަސްއޫލިއްޔަތު އައިޒެންކޮޓާ ހަވާލުކުރުމާ ގުޅިގެން، އޭނާ މިހާރު ގެންދަނީ އިއްތިހާދެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. ސަރުކާރު އެކުލަވާލުމަށް އައިޒެންކޮޓަށް 28 ދުވަހުގެ މުއްދަތެއް ލިބިދީފައިވާއިރު، އިތުރު 14 ދުވަހަށް އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ޖުމުލަ 120 މެންބަރުންގެ މައްޗަށް އެކުލެވޭ ކްނެސެޓްގައި ނަތަންޔާހޫގެ އިއްތިހާދަށް 53 ގޮނޑި ލިބިފައިވާއިރު، އައިޒެންކޮޓްގެ އިއްތިހާދަށް 48 ގޮނޑި އަދި ޢަރަބި ޕާޓީތަކަށް 19 ގޮނޑި ލިބިފައިވެ އެވެ. ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ޕާޓީތަކަށް އަދި މިހާތަނަށް ވެރިކަން ކުރާނެ އިއްތިހާދަކާމެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











