ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް ހިޔަނި އެޅިފައިވަނިކޮށް، ބަޙްރެއިނަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
15 ނޮވެމްބަރު 2026 | އާދީއްތަ 08:38ބަޙްރެއިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައިވާއިރު، އެ ހަމަލާތައް ދިފާޢީ ނިޒާމުން ނައްތާލާފައިވާ ކަމަށް ބަޙްރެއިންގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައި. މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން އިތުރުވެފައިވާއިރު، ޔަމަނުގެ ޙޫޘީން ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލި މިސައިލާއި ޑްރޯންތަކެއް ވެސް ވަނީ ވައްޓާލާފައި


އީރާނުން އުފައްދާފައިވާ އަސްކަރީ ޑްރޯނެއް ދައްކައިލުމަށް ބަހައްޓާފައިވާ މައުރަޒަކަށް އަންހެނަކު ޒިޔާރަތްކުރަނީ | އޭޕީ
އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކާމެދު ޔަގީން ކަން ކުޑަވެފައިވާ ދަނޑިވަޅެއްގައި، އީރާނުން ބަޙްރެއިނަށް އަމާޒުކޮށް ފޮނުވާލި ވައިގެ ހަމަލާތަކެއް ނޮވެންބަރު 15 ވީ އާދީއްތަ ދުވަހު ހުއްޓުވައި ނައްތާލާފައިވާ ކަމަށް ބަޙްރެއިނުން އިޢުލާނުކޮށްފި އެވެ. ހަމަމިއާއެކު، ގަލްފުގެ އެ ޤައުމުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
މިއީ، ސެޕްޓެންބަރު މަހުގެ ފަހުން ބަޙްރެއިންގެ ވައިގެ ދިފާޢީ ނިޒާމުން މި ފަދަ ހަމަލާތަކެއް ހުއްޓުވި ފުރަތަމަ ފަހަރެވެ. މި ހަމަލާތައް ހުއްޓުވުމުގެ ކުރިން، ކުރިމަތިވެދާނެ ނުރައްކާތަކަކާ ގުޅިގެން ރައްކާތެރި ތަންތަނަށް ދިއުމަށް އިލްތިމާސްކޮށް ބަޙްރެއިންގެ ކަމާބެހޭ އިދާރާތަކުން ވަނީ ދެ ފަހަރެއްގެ މަތިން އިންޒާރު ނެރެފަ އެވެ.
"އީރާނުން ބަޙްރެއިންގެ ބިމަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ޒަރިއްޔާއިން، އެ ޤައުމުގެ ނިޒާމީ އަދާވާތްތެރި ސިޔާސަތު ދަނީ ކުރިއަށް ގެންދަމުން،" ބަޙްރެއިންގެ ދިފާޢީ ބާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ ބާރުން ހާމަކުރި ގޮތުގައި، އީރާނުން ފޮނުވާލި އެ ހަމަލާތައް އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ވަނީ ދިފާޢުކޮށް ނައްތާލާފަ އެވެ. މިއާއެކު، ޤައުމު ދިފާޢުކުރުމަށް އަސްކަރިއްޔާގެ ހުރިހާ ޔުނިޓުތަކެއް އޮތީ "އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ހާލަތުގައި އަދި ފުރިހަމައަށް ތައްޔާރުވެގެން" ކަމަށް ވެސް ބަޙްރެއިންގެ ދިފާޢީ ބާރުން ބުންޏެވެ.
އެމެރިކާ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މަރުކަޒު ހުންނަ ބަޙްރެއިންގެ ދާޚިލީ ވުޒާރާއިން ބުނީ، ޤައުމުގެ ރައްޔިތުންނާއި ބިދޭސީން ހަމަޖެހުން އިސްކޮށް، އެންމެ ކައިރީގައި ހުރި ރައްކާތެރި ތަނަކަށް ދިއުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.
އަސްކަރީ މަރުކަޒަށް ޑްރޯން ހަމަލާ ދިން ކަމަށް އީރާނުން ބުނުން
އާދީއްތަ ދުވަހުގެ ކުރީކޮޅު އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރުޖީސީ) ބުނީ، "އެމެރިކާގެ އަދާވާތްތެރި އަމަލުތަކަށް" ބަދަލުހިފުމުގެ ގޮތުން ބަޙްރެއިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފައިވާނެ ކަމަށެވެ. މި ޚަބަރު އީރާނުގެ ފާސް ނޫސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ގޮތުން، ބަޙްރެއިންގެ އަލް-ރިފާޢު ވައިގެ އަދި ހެލިކޮޕްޓަރު މަރުކަޒުގައި ހުންނަ އެމެރިކާގެ ވައިގެ ދިފާއީ ރާޑަރު ނިޒާމަކަށް ހަ ޑްރޯން ބޭނުންކޮށްގެން ހަމަލާ ދީފައިވާ ކަމަށް އައިއާރުޖީސީއާ ހަވާލާދީ އީރާނުގެ ދައުލަތުގެ ޓީވީ ޗެނަލް ޕްރެސް ޓީވީން ބުނެ އެވެ. ނަމަވެސް، މި ހަމަލާއާ ގުޅޭ ގޮތުން އެމެރިކާ ނުވަތަ ބަޙްރެއިންގެ ކަމާބެހޭ އިދާރާތަކުން އެއްވެސް އެއްޗެއް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މީގެ ދެ ދުވަސް ކުރިން ވެސް ބަޙްރެއިންގައި ހުންނަ ކުރީބައިގައި އިންޒާރުދޭ އެމެރިކާގެ 'އަރލީ-ވޯނިންގ' ރާޑަރު މަރުކަޒަކަށް ހަމަލާ ދިން ކަމަށް އީރާނުގެ އައިއާރުޖީސީން ވަނީ ބުނެފަ އެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެ ވާހަކަ ދޮގުކޮށް، އީރާނުގެ ދެ ޑްރޯން ވައްޓާލާފައިވާ ކަމަށް ބުނެފަ އެވެ.
ނުވަ މަސްވީ ހަނގުރާމައާއި ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން
ނުވަ މަސްދުވަހާ ގާތްވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ ޚާރިޖީ މަސައްކަތްތަކަށް މިހާތަނަށް އެއްވެސް އަލިމަގެއް ފެނިފައެއް ނުވެ އެވެ. އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރާ ހަމަލާތަކަށް ޖުމުލަ ގޮތެއްގައި މަޑުޖެހުމެއް އައިސްފައިވީ ނަމަވެސް، ދޭތެރެދޭތެރެއިން މި ފަދަ ހަމަލާތައް ދަނީ ކުރިއަށެވެ.
މި ހަމަލާތައް އަމާޒުވެފައި މި ވަނީ، ދުނިޔޭގެ ހަކަތައާއި މުދާ އުފުލުމުގައި އިސްތިރާޖީ ގޮތުން މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމާ މެދު އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ މައްސަލައަކީ ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ވެސް އެންމެ މުހިންމު އެއް ބަ އެވެ.
މި ހަނގުރާމަ ފެށިފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއެކުގަ އެވެ. އޭގެ ފަހުން، ގަލްފުގެ ޤައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން މިސައިލާއި ޑްރޯން ހަމަލާތައް ދޭން ފެށުމާއެކު ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިގެން ދިޔަ އެވެ. އެޕްރީލު މަހު ދެ ފަރާތުގެ ދެމެދުގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު އިރު، ޖޫން މަހު ފަހުމުނާމާއެއްގައި ވެސް ސޮއިކުރި އެވެ. ނަމަވެސް، ސުލްހައިގެ މަޝްވަރާތައް ހުއްޓުމަކަށް އައުމާ ގުޅިގެން ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އަލުން ހަމަލާތައް ބަދަލުކުރަން ވަނީ ފަށާފަ އެވެ.
ޓްރަމްޕްގެ އިންޒާރާއި ސަރަހައްދީ އެހެން ކުރިމަތިލުންތައް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުން ނުވަތަ އީރާނުގެ ވާގިވެރިކަން ލިބޭ ޔަމަނުގެ ޙޫޘީ ޖަމާޢަތުން އެމެރިކާއަށް އައު އުދުވާނެއް ކުރިމަތިނުކުރާ ނަމަ، އީރާނަށް ހަމަލާ ދިނުން މަޑުޖައްސާލައްވަފާނެ ކަމަށެވެ. ނަމަވެސް، އެމެރިކާ ކަނޑުގެ ސިފައިން އަޅާފައިވާ ހިސާރު ދަމަހައްޓަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މި ނުތަނަވަސްކަމުގެ ތެރެއިން، އެހެން މައިދާނެއްގައި ޙޫޘީ ޖަމާޢަތާއި އެ ޖަމާޢަތާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ އެކުލަވާލާފައިވާ އިއްތިހާދާ ދެމެދު ވެސް ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. ޙޫޘީން ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލާއި، ތެލުގެ މުއްސަނދިކަން ލިބިފައިވާ އެ ޤައުމުގެ އިރުމަތީ ޕްރޮވިންސަށް ފޮނުވާލި ތިން ޑްރޯން ހުއްޓުވާފައިވާ ކަމަށް އެ އިއްތިހާދުން އާދީއްތަ ދުވަހު އިޢުލާނުކުރި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ/ރޮއިޓަރސް











