ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި
5 ނޮވެމްބަރު 2026 | ބުރާސްފަތި 12:08ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް 30 ދުވަހަށް ބަންދުކުރި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި. ނަމަވެސް އޭނާ ހައްޔަރުކުރި މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމައި


ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިދު | ޕޮލިސް
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މި މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ ޝާހިދު ފަރާތުން ބުދަ ދުވަހު އެވެ. ނަމަވެސް މި މައްސަލަ ބަލައިގަތުމާއި މެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައި ނުވެ އެވެ.
ޝާހިދު ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުރޭގެ ވަގުތެއްގަ އެވެ. އެގޮތުން، ފުލުހުން މައުލޫމާތު ދިން ގޮތުގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ވަނީ ހައްޔަރުކޮށްފަ އެވެ.
އަދި އަންގާރަ ދުވަހު ފުލުހުން ބުނި ގޮތުގައި ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުގަައި ވަނީ ދަންނަވާފަ އެވެ. އަދި ކޯޓުން ވަނީ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ. މީގެ އިތުރުން، ފުލުހުން ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ޝާހިދު ދިރިއުޅުއްވާ ގެ ކަމުގައިވާ ހ. ރަބީއީމަންޒިލް ބަލާ ފާސްކޮށްފައި އެވެ.
ޝާހިދު ހައްޔަރުކުރިއިރު އޭނާ ވަނީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ. އަދި ކެންޕެއިންގެ ހަރަކާތްތައް ފައްޓަވައި، ގެންދެވީ މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.











