ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް
13 ނޮވެމްބަރު 2026 | ހުކުރު 09:05އީރާނުގެ މުވާސަލާތީ ޓަވަރަކަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ބަޙްރައިނުގައި ހުންނަ އެމެރިކާގެ ރާޑަރު މަރުކަޒަކަށް އައިއާރުޖީސީން ހަމަލާދީފި. މި ހަމަލާއަކީ ހުރްމުޒް ކަނޑުއޮޅީގައި ހިންގާ އުދުވާންތަކާ ދެކޮޅަށް ދިން އިންޒާރެއް ކަމަށް އީރާނުން ބުނާއިރު، އެމެރިކާއިން ދަނީ ސަރަހައްދީ މަސްރަހަށް ބަލައި އަސްކަރީ ތައްޔާރީތައް ވަރުގަދަކުރަމުން


އެމެރިކާގެ މަނަވަރު ޔޫއެސްއެސް ނިއު އޯލީންސް ބަޙްރައިނުގެ ބަނދަރަކަށް ގާތްކުރަނީ | ގެޓީ އިމޭޖަސް
އީރާނުގެ ދެކުނުގެ ސަރަހައްދެއްގައި ހުރި މުވާސަލާތީ ޓަވަރަކަށް ދިން ވައިގެ ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، ބަޙްރައިނުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަރލީ-ވޯނިން ރާޑަރު މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން (އައިއާރުޖީސީ) ބުނެފި އެވެ.
ހުރްމުޒްގާން ޕްރޮވިންސްގެ ބަނދަރުމަތީ ސަހަރެއް ކަމަށްވާ ސިރިކަށް ބުރާސްފަތި ދުވަހު "ދުޝްމަނުންގެ ހަމަލާތަކެއް" އަމާޒުވި ކަމަށް، ރަސްމީ މަސްދަރުތަކާ ހަވާލާދީ އީރާނުގެ ދައުލަތުގެ ނޫސް އޭޖެންސީ އައިއާރްއެންއޭއިން ވަނީ ރިޕޯޓުކޮށްފަ އެވެ. އައިއާރުޖީސީން މި ހަމަލާގެ ޒިންމާ އުފުލާފައި ވަނީ އެ ރިޕޯޓު އާންމުވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
ސަރުކާރާ ގުޅުން އޮންނަ ތަސްނީމް ނޫސް އޭޖެންސީން އާންމުކުރި އައިއާރުޖީސީގެ ބަޔާނެއްގައި، އެ ހަމަލާއަކީ ހުރްމުޒް ކަނޑުއޮޅީގައި ހިންގާ ވައިގެ އުދުވާންތަކާއި ތެޔޮ ވަގަށް ބޭރުކުރުމުގެ އަމަލުތައް ހުއްޓާލުމަށް "އުދުވާނީ ދުޝްމަނުންނަށް" ދެވުނު "ސީރިއަސް އިންޒާރެއް" ކަމަށް ސިފަކޮށްފައިވެ އެވެ.
"މި ފަދަ ޚިލާފުވުންތަކާއި އުދުވާނީ އަމަލުތައް ތަކުރާރުވެއްޖެ ނަމަ، އެއްވެސް ހައްދެއް ނެތި ކުރިމަތިލުމަށް އައިއާރުޖީސީގެ އޭރޯސްޕޭސް ފޯސް އޮތީ ފުރިހަމައަށް ތައްޔާރަށް،" އެ ބަޔާނުގައި އިންޒާރު ދީފައިވެ އެވެ.
އައިއާރުޖީސީގެ އޭރޯސްޕޭސް ފޯސްއިން އެ ރާޑަރު މަރުކަޒަށް "އަމާޒުކޮށް ހަމަލާދީ އެ ތަން ހަލާކުކޮށްލާފައިވާ" ކަމަށް، އައިއާރުޖީސީއާ ގުޅުން އޮންނަ ފާސް ނޫސް އޭޖެންސީން ވަނީ ބުނެފަ އެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭ ގޮތުން ވޮޝިންގޓަނުން ވެސް އަދި ބަޙްރައިނުގެ ވެރިރަށް މަނާމާއިން ވެސް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
އެމެރިކާގެ ފިފްތު ފްލީޓްގެ މައި މަރުކަޒާއި ސަރަހައްދީ ހާލަތު
ބަޙްރައިނަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓްގެ މައި މަރުކަޒު ގާއިމުކޮށްފައިވާ ޤައުމެވެ. މަނާމާގައި ހުންނަ ނޭވަލް ސަޕޯޓް އެކްޓިވިޓީ ބޭސްގައި ގާއިމުކޮށްފައިވާ ފިފްތު ފްލީޓްގެ މަރުކަޒަކީ، މެދުއިރުމަތީގައި އެމެރިކާގެ ކަނޑުގެ ސިފައިން ހިންގާ އޮޕަރޭޝަންތައް ބަލަހައްޓާ މައި ކޮމާންޑު ސެންޓަރެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފުރަތަމަ ގަޑިތަކުގެ ތެރޭގައި ވެސް އެ މަރުކަޒަށް ހަމަލާ އަމާޒުވެފައިވެ އެވެ. މީޑިއާތަކުން ތަހުލީލުކުރި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، އެ ހަމަލާތަކުގައި މަރުކަޒުގެ ގިނަ ރާޑަރުތަކަށް ސީދާ ހަމަލާ އަމާޒުވެ، އެ ތަނުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އައު ހަމަލާތަކެއް ދިނުމާ މެދު ވިސްނަވަމުން ގެންދަވާ ދަނޑިވަޅެއްގައި، އެމެރިކާއިން ސަރަހައްދުގެ އަސްކަރީ މަރުކަޒުތަކުގައި ތިބި ސިފައިންގެ އަދަދު މަދުކޮށް، ޚާރިޖިއްޔާގެ ބައެއް މުވައްޒަފުން އެ ޤައުމުތަކުން ފޭބުމަށް އަންގާފައިވާ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވެ އެވެ. މި ކަމާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، "މިޝަންތަކަށް ތައްޔާރީ ހާލަތުގައި އޮތުމުގެ ގާބިލުކަން އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ޓަކައި" ސިފައިންނާއި އަސްކަރީ ވަސީލަތްތައް "ގަވާއިދުން" އެއް ތަނުން އަނެއް ތަނަށް ބަދަލުކުރަމުންދާ ކަމަށެވެ.
ސެޕްޓެންބަރު މަހަށް ފަހު ބަޙްރައިނަށް ދިން ފުރަތަމަ ހަމަލާ
މިއީ ސެޕްޓެންބަރު މަހުގެ ކުރީކޮޅަށް ފަހު، ގަލްފުގެ ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މުދަލަކަށް ހަމަލާދިން ކަމަށް އީރާނުން ބުނި ފުރަތަމަ ފަހަރެވެ. އީރާނުން މި ހަމަލާގެ ވާހަކަ އިޢުލާނުކޮށްފައި މި ވަނީ، އީރާނަށް ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ޔަހޫދީ އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން އެ ޤައުމުގެ އަސްކަރިއްޔާއަށް އަމުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާއިން އިތުރު ހަނގުރާމައެއް ފަށައިފި ނަމަ، ހުޅަނގު އޭޝިއާއިން ފެށިގެން ވިލާތާ ހަމައަށް، އެ އުދުވާނުގައި ބައިވެރިވާ ކޮންމެ އަސްކަރީ މަރުކަޒަކީ އީރާނުގެ ހަމަލާތައް އަމާޒުކުރުން ހުއްދަ އަމާޒުތަކަކަށް ވާނެ ކަމަށް އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ މުޙުސިން ރިޒާއީ ވަނީ އިންޒާރު ދެއްވާފަ އެވެ.
ހަނގުރާމައިގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އީރާނުން ދިން ހަމަލާތަކުގައި، ބަޙްރައިން ހިމެނޭ ގޮތަށް އަށް ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އެތައް ސަތޭކަ އިމާރާތްތަކަކަށް ގެއްލުންވެ ނުވަތަ ހަލާކުވެފައިވާ ކަމަށް، ސެޕްޓެންބަރު މަހު އާންމުކުރި ޕެންޓަގަންގެ އިންސްޕެކްޓަރު ޖެނެރަލްގެ ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ. އެ ސަރަހައްދުގައި ހުރި އެމެރިކާގެ ގިނަ އަސްކަރީ މަރުކަޒުތަކެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ޚާރިޖީ މަސައްކަތްތަކާއި ހުރްމުޒް ކަނޑުއޮޅީގެ ހިސާރު
ޤަޠަރުން އިސްނަގައިގެން ކުރިއަށްގެންދާ ޚާރިޖީ މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އަލުން ހަނގުރާމައަށް ދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އީރާނާ ދެކޮޅަށް އަޅާފައިވާ އިގުތިސާދީ ފިއްތުންތައް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުންދާތީ، ފުޅާ ދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމުގެ ބޭނުމެއް ނެތް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ.
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަދި ސުލްހައިގެ ވާހަކަތަކުގައި އީރާން ތަމްސީލުކުރައްވާ މުޙައްމަދު ބާޤިރު ޤާލިބާފް ވިދާޅުވީ ހުރްމުޒް ކަނޑުއޮޅި ދެން ދުވަހަކު ވެސް ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ރުޖޫއަނުވާނެ ކަމަށެވެ. އަދި "ބޯޅަ މިހާރު އޮތީ އެމެރިކާގެ ކޯޓުގައި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމަމިއާއެކު، އީރާނުގެ ބަނދަރުތައް ކަނޑުމަގުން ހިސާރުކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ސިފައިން އަދިވެސް ހަރުކަށިކަމާއެކު ތަންފީޒު ކުރަމުންދާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެ އެވެ. މި ހަނގުރާމަ ފެށިފައިވަނީ ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.
މަސްދަރު: އަލް ޖަޒީރާ











