ހާލު ކިހިނެއް: ދޮންފަނު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދިއުން!
14 ނޮވެމްބަރު 2026 | ހޮނިހިރު 07:33ބ. ދޮންފަނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓި، ބިން ހިއްކުމުގެ ވައުދު ފުއްދާފައި ނުވާތީ އެ ރަށު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މީގެ އިތުރުން ތަކެތީގެ އަގު ބޮޑުވުމާއި، ބޭސް ލިބުމުގެ ދަތިކަމުގެ އިތުރުން ރަސްމާލެ މަޝްރޫއާ މެދު ވެސް ރައްޔިތުންގެ މެދުގައި ބޮޑެތި ޝަކުވާތަކެއް އެބަހުރި


ހާލު ކިހިނެއް: ދޮންފަނު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދިއުން! | ރާއްޖެ އެމްވީ
ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރުމާއި ތަކެތީގެ އަގު ބޮޑުވުމުގެ އިތުރުން ބޭސް ލިބުމުގައި ދަތިތަކެއް ދިމާވެފައިވާތީ ބ. ދޮންފަނު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމަށް އިންޓަވިއު ދިން ކޮންމެ ރައްޔިތަކު ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެގޮތުން ދޮންފަނުން ވާހަކަ ދެއްކި ރައްޔިތުން ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަށައި، 80 އިންސައްތަ މަސައްކަތް ނިންމާފައިވާ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ރަށު ރައްޔިތުން މައުލޫމާތު ދިން ގޮތުގައި ކޮންމެ ގެޔަކުން ވެސް އުޅެން ޖެހެނީ އަމިއްލަ ޖަންކްޝަމް ބަހައްޓައިގެންނެވެ. އަދި އެ ހިއްކުމުގެ މަސައްކަތް ވެސް ކުރަން ޖެހެނީ ބަޔަކާއި ހަވާލުކޮށްގެން ކަމަށާއި އެކަމަށް ވެސް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި ރައްޔިތުން ބުނެފައިވެ އެވެ.
އަޅުގަނޑުމެން ފެން ވަރަނީ ހަމަ ނަޖިސް ފެނުން، ނަޖިސް ފެނުން ފެން ވަރާތާ ގާތްގަނޑަކަށް ބުނާނަމަ މިވީ 30 އަހަރު. އަޅުގަނޑުމެން ވަރަށް ކުޑައިރުގައި އޭރުގައި އިންނަ ހެލްތު މިނިސްޓްރީއަށް ގޮސްގެން ފެން ތަހުލީލުކޮށްގެން މިރަށުގެ ކުދިން ކޮޅަކާއި ގޮވައިގެން، ފެނުގައި ނަޖިސް ހުރި ކަމަށް އޭރުގައި ވެސް މިހާރު އޭގެ ފަހުން ކިތައް އަހަރުވީދޮންފަނު ރައްޔިތެއް
ހަމައެއާއެކު، ދޮންފަނުގައި ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ރަށު ބިން ހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ އަމިއްލަފުޅަށް ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް ރައްޔިތުން ބުންޏެވެ. އަދި މަސައްކަތް ހުއްޓާލީ ރަށު ރައްޔިތުން ބުނެގެން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ އިތުރުފުޅެއް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި ރައްޔިތުން ބުނެފައިވެ އެވެ.
އަމިއްލައަށް ވިދާޅުވީ ތިމަންނަ ތިކަން (ބިން ހިއްކުން) ކޮށްދޭނަމޭ. އެ ދިޔައީ ދެން އެހެން ގޮސް އުޅެލާފައި، މަޝްރޫއު ވެސް ހަވާލު ވެސް ކޮށްފައި ދިޔައީ، ފަހުން ކަންތައްގަނޑެއ ހިނގައިގެން ކޮންމެއަކަސް ޕްރެޝަރުތަކެއް އައިސްގެން. ދޮންފަނު މީހުންނެއް ނޫން އެދުނީކީދޮންފަނު ރައްޔިތެއް
މީގެ އިތުރުން ދޮންފަނު ވިޔާފަރި ވެރިއަކު ބުނި ގޮތުގައި މާލެ އިން މުދާ ގެންނަ ކޮންމެ ދަތުރެއްގައި ވެސް ތަކެތީގެ އަގު ހުންނަނީ ބޮޑުވެފަ އެވެ. އަދި އޭނާ ވަނީ ބައެއް ތަކެތީގެ އަގުތަކަށް އައިބަދަލުތައް ހިއްސާ ވެސް ކޮށްފައި އެވެ.
ދޮންފަނުން ވާހަކަ ދެއްކި ރައްޔިތުން ވެސް ވަނީ އެހެން ރަށްރަށެކޭ އެއްފަދައިން ދޮންފަނުން ވެސް ބޭސް ނުލިބޭ ކަމަށް ބުނެފަ އެވެ. އެގޮތުން ގިނަ ފަހަރު މާލެއިން ވެސް ނުލިބޭ ކަމަށާއި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފަހުން ބޭސް ޖެހެނީ ބޭރުން ގެންނަން ކަމަށް އެ ރަށުން ވާހަކަ ދެއްކި ރައްޔިތުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، ދުވަހެއް ދުވަހަކަށް ކަރަންޓް ބިލު ބޮޑުވަމުން ދާތީ ވެސް އެރަށު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުން އެ ރަށު ރައްޔިތުން ސިފަކޮށްފައި ވަނީ ޔަހޫދީން ރާއްޖޭގައި އާބާދުކުރަން ހިންގާ މަޝްރޫއެއް ގޮތުގައި އެވެ. އަދި ކޮންމެ ރައްޔިތަކު ވެސް ވަނީ މި މަޝްރޫއު ކުރިއަށްގެންދަން ގަބޫލު ނޫން ކަމަށް ބުނެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.











