ހާލު ކިހިނެއް: ދ. ހުޅުދެލި ރައްޔިތުންގެ ވެސް ކަންބޮޑުވުމަކީ ތަކެތީގެ އަގު ބޮޑުވުމާއި ބޭސް ނުލިބުން އަދި މަޝްރޫއުތައް ކުރިއަށް ނުދިއުން!
17 އޮކްޓޯބަރު 2026 | ހޮނިހިރު 08:44ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، އަސާސީ ބޭހާއި މަސްވެރިންނަށް ބޭނުންވާ އައިސް ނުލިބޭތީ ދ. ހުޅުދެލީ ރައްޔިތުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައި. ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރަމުން، ރަސްމާލެ މަޝްރޫއަށް ބޮޑު ބިމެއް ދިނުމާއި ގައުމުގެ މިހާރުގެ ހާލަތާމެދު އެ ރަށު ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައި


ހުޅުދެލި ރައްޔިތެއް ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމަށް އިންޓަވިއު ދެނީ | ރާއްޖެ އެމްވީ
ތަކެތީގެ އަގު ބޮޑުވުމާއި، އަސާސީ ބޭސް ނުލިބުމުގެ އިތުރުން ރަށުގައި ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ނުދާތީ ދ. ހުޅުދެލި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ވާހަކަދެއްކެވި ކޮންމެ ރައްޔިތަކު ވަނީ މި ކަންބޮޑުވުންތައް ހިއްސާކޮށްފައި އެވެ. އެގޮތުން އުމުރުން ދުވަސްވީ މީހަކު ވަނީ އާންމު ހާލަތު ރަނގަޅު ނޫން ކަމަށާއި ލިބޭ އެއްޗަކުން ޒަރޫރީ ބޭނުންތައް މިހާރު ނުފުއްދޭ ކަމަށް ބުނެފައި އެވެ. އޭނާ ބުނީ މިހާރު ތަކެތީގެ އަގު "އަތަށް ފަޔަށް" ކެތް ނުވާ ވަރަށް ބޮޑު ކަމަށެވެ.
ހަމައެއާއެކު އޭނާ ވަނީ މިހާރު ބޭސް ލިބުމުގައި ހުރި ދަތިތައް ވެސް ހިއްސާކޮށްފައި އެވެ. އޭނާ ބުނި ގޮތުގައި ސަރުކާރުގެ ބޭސް ކުންފުނިން ބޭސް ދޫކުރަނީ ކާން ޖެހޭ ބޭހުގެ ޑޯޒް ދަށްކޮށްފައި ކަމަށެވެ. އެހެންކަމުން މިހާރު ބޭސް ގެންނަން ޖެހެނީ އިންޑިއާއިން ކަން އޭނާ ފާހަގަކުރި އެވެ.
ނާސިރު ވެރިކަމުގެ ފަހު ބައި އެއްކޮށް ދައްތަ ދެކުނިން، ދައްތަ ދެކުނިން މައުމޫންގެ 30 އަހަރާއި އަންނި އާއި ވަހީދު އެއީ އެކައްޗެއްތާ ދޯ ވާހަކައަކީ 2 މީހުންތާ ކުރީ 2 މީހުންގެ ހިޔާލު ތަފާތުވާނު، ޔާމިނު ދުށިން އިބްރާހިމް މުހައްމަދު ސޯލިހު ދުށިން، ދުވަހުކު ވެސް ދައްތައެއް ނުދެކެން މިހާ ނުބައި ޖައްބާރު ވެރިއަކު އަދި މި ގައުމަށް ނާރާ. ޔާމިނު ވެސް ވައްކަން ކުރީ ރައްޔިތުންނަކަށް އިނގިއެއް ނުލައޭ ކެއުމަކަށް ބޮއުމަކަށް ދަތިކަމަކަށް ދޯ. އިހުސާސް ވެސް ނުވޭ. އެޔޮށް ބޮޑު ކޮވިޑް އައިސްގެން އުޅުނުއިރު މީހުންނަށް އިވުނީ ކޮވިޑޭ ބުނި އަޑު. މީހަކަށް ވީ ދަތިކަމެއް ނެތްދ. ހުޅުދެލި ރައްޔިތެއް
ހުޅުދެލިން ވާހަކަދެއްކި އިތުރު ރައްޔިތަކު ބުނީ މިހާ ބޮޑަށް ހާލަތު ދަށްވެގެން މިއުޅުނީ ވައްކަން ކުރީމަ ކަމަށެވެ. އަދި ހުޅުދެލި މަގުތަކުގެ ހާލަތު މިހާރު ހުރި ގޮތުން ވެސް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. ހަމައެއާއެކު، ހުޅުދެލީގައި މިސަރުކާރުން 7 މަޝްރޫއުއެއް ފަށާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގޮސް ހުރުމަށްފަހު 2 އަހަރު ފަހުން 2 މަޝްރޫއުއެއްގެ މަސައްކަތް ކުރިއަށް ދާ ކަމަށް ހުޅުދެލީ ރައްޔިތަކު މައުލޫމާތު ދިނެވެ.
މީގެ އިތުރުން، ހުޅުދެލީ ރައްޔިތުން ވެސް ވަނީ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ބަޔަކަށް ދިނުމަށް ނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުން ފާޅުކޮށްފައި އެވެ.
ރަސްމާލެ އެތީގައި މިވާ ގޮތަކީ އިޒްރޭލަށް އެހީތެރިވާ ބަޔަކު އެމީހުން އަތުގައި ނެތް ރުފިޔާއެއް އެމީހުންނަށް ދިވެހިރާއްޖެއިން މި އޮފަރ ކޮށްދެނީ ބޮޑު ބިމެއް ވިޔާފަރިކުރަން ހިލޭ 99 އަހަރަށް. އެމީހުން އަތުން ލާރިއެއް ވެސް ނުނަގާ، ދެން އެމީހުން އެ ބިން ހިފައިގެން މިދަނީ ރުފިޔާ ގެންގުޅޭ މީހެއް ކައިރިއަށް. އޭގެން މި އުފެދެނީ 50 ޕަސަންޓް ވިޔަފާރި، އެމީހާ އަނެއްކާ އެހެން މީހެއް ކައިރި ބުނަނީ އެހެންވީމަ ނެތެންނު ސަލާމަތް ވާނެ ގޮތެއްދ. ހުޅުދެލި ރައްޔިތެއް
ހުޅުދެލި މަސްވެރިއަކު ވެސް ވަނީ އޭނާގެ ކަންބޮޑުވުންތައް ހިއްސާކޮށްފައި އެވެ. އެގޮތުން އޭނާ ބުނި ގޮތުގައި މިވަގުތު އޮތް އެންމެ ބޮޑު ދަތިކަމަކީ އައިސް ނުލިބުން ކަމަށެވެ. އަދި އައިސް ނުލިބެނީ އައިސް ޕްލާންޓްތަކުގައި ޑީސެލް ނެތުމުގެ ސަބަބުން ކަމަށް އޭނަ ބުނި އެވެ.
ދެން އޮތީ އައިސްގެ މައްސަލަ އެއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ވެއްޖެ ކަމެއް، އައިސް ފާފު އަތޮޅު ނިލަންދޫއަކުން ނުލިބޭ ދާލު އަތޮޅު މީދޫއަކުން ނުލިބޭ، މިއީ ޕްލާންޓް ހުންނަތަންތަން ސަރުކާރުގެ ޕްލާންޓް ހުންނަތަންތަން، ނިލަންދޫއަކުން ނުލިބޭ، މީދޫއަކުން ނުލިބޭ، ބަނޑިދޫއަކުން ނުލިބޭ ދެން ވަންދޫ ހިރިލަންދޫއަކުން ނުލިބޭ. މިއީ ހަމަ ޕްލާންޓްތައް ހުރި ތަންތަންދ. ހުޅުދެލި ރައްޔިތެއް
ދ. ހުޅުދެލިން ވާހަކަ ދެއްކި ކޮންމެ ރައްޔިތަކު ވެސް ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ދޮގު ހައްދަވާ ކަމަށް ބުނެފައި އެވެ. އަދި ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ނުލިބޭނެ ކަމަށް ވެސް ހުޅުދެލި ރައްޔިތުން ބުނެފައިވެ އެވެ.











