ހާލު ކިހިނެއް؟: މީހުން ވަޒީފާއިން ވަކި ކުރުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ފީވަކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!
31 އޮކްޓޯބަރު 2026 | ހޮނިހިރު 07:42ތަކެތީގެ އަގުބޮޑުވުމާއި ބޭސް ލިބުމުގެ ދަތިކަމުގެ އިތުރުން، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ށ. ފީވަކު ރައްޔިތުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފި. މީގެ އިތުރުން ސިޔާސީ ސަބަބުތަކަށްޓަކައި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމާއި އާރްޓީއެލް ފެރީގެ ޚިދުމަތް ދަށްވުމުގެ ކަންބޮޑުވުންތައް ވެސް އެ ރަށު ރައްޔިތުން ވަނީ ހިއްސާކޮށްފައި


ރާއްޖެޓީވީން ގެނެސްދޭ "ހާލު ކިހިނެއް" ޕްރޮގްރާމަށް އުމުރުން ދުވަސްވީ މީހަކު އިންޓަވިއު ދެނީ | ރާއްޖެ އެމްވީ
ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމާއި އަސާސީ ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ އިތުރުން ތަރައްގީ މަޝްރޫއުތައް ކުރިއަށްނުދާތީ ށ. ފީވަކު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ވާހަކަދެއްކި ކޮންމެ ރައްޔިތަކު ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ގިނަ ދަތިތަތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
އެގޮތުން، ބޭސް ލިބުމުގައި ދަތިކަން ހުރިކަން ފާހަގަކޮށް ފީވަކު ރައްޔިތުން ވަނީ މިހާރު ރަށުން ބޭސް ނުލިބޭ ކަމަށާއި ބޭސް ހޯދަން ދާން ޖެހެނީ މާލެއަށް ނުވަތަ އަތޮޅު ކޮންމެވެސް ރަށަކަށް ކަމަށެވެ. އަދި ބައެއް ފަހަރު ރާއްޖެއިން ނުލިބިގެން ބޭރުން ބޭސް ގެންނަން ޖެހޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި ގިނަ ރައްޔިތުން ފާހަގަކޮށްފައިވެ އެވެ.
ހަމައެއާއެކު ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ދަތިވެފައިވާތީ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
ބޮޑު ކަމުން އަނގަޔާ އަތާ ދިމާނުވޭ، 500 ރުފިޔާ އަންހެނުންނަށް ދީފައި ފިހާރައަކަށް ފޮނުވީމަ މުށަށް ލައިގެން ގެންނަނީ، އެވަރުފީވަކު ރައްޔިތެއް
ފީވަކުން ވެސް ވަނީ ގިނަ ރައްޔިތުންތަކެއް ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް ބުނެފައި އެވެ. އެގޮތުން ހާލު ކިހިނެއް ޕްރޮގްރާމަށް އިންޓަވިއުދިން އުމުރުން ދުވަސްވީ މީހަކު ވަނީ އޭނާ ގެ 4 ދަރިން އެއްވެސް ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެފައި އެވެ. އޭގެ އިތުރުން، އިތުރު މީހަކު ވެސް ވަނީ އޭނާ ގެ 3 ދަރިން ވަޒީފާއިން ކަނޑާލާފައިވާ ކަމަށާއި އޭނާ ގެ ދަރިއަކާއި މެދު ނާއިންސާފުން ފެނަކައިން ކަންތައް ކުރި ގޮތް ހިއްސާކޮށްފައި އެވެ.
ދެން މިގޭ ކުއްޖަކަށް ހަމަ ފެނަކައިން އިންޓަވިއުކޮށްގެން ނަގައިގެން ލިބުނު ވާޒީފާއެއް، ދެވަނަ ބުރަށް ވެސް ފެނަކަ އޮފީހަށް އައި އެތާ ބޮޑަށް ހުރި ލަތީފް ކިޔާ ސޮރެއް އެސޮރު ބުނީ އަޅުގަނޑާއި ދިމާލަށް ބުނީ އަޅުގަނޑު ބުނިން ދޯ ކޮއްކޮ ކިހިނެއް ވެގެން ވީ ކަމެއް ހޭ މިއީ، ކަލޭމެންނަށް ޖެހޭ ހޭ ހުރިހާ ސަރުކާރަކުން ކާން ދޭން މިއީ ދިން ޖަވާބަކީ. އެއީ އިންޓަވިއުކޮށް ކޮށްފައި ވަޒީފާ ލިބުން ކަން އެކުއްޖާ ފޯނަށް އަންގާފައިފީވަކު ރައްޔިތެއް
ވަޒީފާއިން ވަކިކުރުމަށްފަހު އަނެއްކާ ވެސް ވަޒީފާ ދިނުމަށްފަހު ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީ ހިތްހަމަނުޖެހިގެން ވަޒީފާއިން ވަކި ކުރި ކަމަށް އިތުރު ރައްޔިތަކު ވެސް ވަނީ މައުލޫމާތު ދީފައި އެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ނުހިނގާ ކަމަށް ބުނެ ފީވަކު ރައްޔިތުން ވަނީ ސަރުކާރަށް ފާޑުކިޔާފައި އެވެ.
ފީވަކުގައި އެބަހުރި މިދައުރުގައި ބައިވަރު ކަންތައްތައް ކޮށްދޭން ސޮއިކޮށްފައި ބިންގާ އަޅާފައި، ބިންގާ ނުފެންނަ ބައިވަރު ކަންކަން އެބަހުރި މިހާރު އަހަރެމެން އެންމެ އުއްމީދު ކުރާ ކަމަކީ ލިބިފައި އޮތް ގެވަޅު، އަޅުގަނޑަށް ވެސް އެބައޮތް ގެވަޅެއް ދީފައި، ގެވަޅު ނަންބަރު އިނގޭ ގެވަޅު އަދި ފެންނާކަށް ނެތް އެހިސާބަށް ދެވާކަށް ނެތް އެމްޓީސީސީއާ ހަވާލުކޮށްފައި އޮތީ ވެލި އަޅާ ހިއްކާފައި މަގުތައް ހަދާ މިކަންކަން ކޮށްދޭން. ރައީސް ހަމަ މިރަށަށް އައިސް ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކައިގައި ވެސް އޮންނާނެ ބުނެފައި ދެއްކެވި ވާހަކައިގައި އެކަންކަން ހަމަޖެހިގެން ދާނެއޭ.ފީވަކު ރައްޔިތެއް
ފީވަކުން ވާހަކަ ދެއްކި އިތުރު ރައްޔިތަކު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވާ އާރްޓީއެލް ހިދުމަތް ލިބުމުގައި ވެސް ދަތިތަކެއް ދިމާވެފައިވާ ކަމަށް ބުނެފައި އެވެ. އެގޮތުން އޭނާ ބުނީ މީގެ ކުރިން އާރްޓީއެލް ފެރީއަކީ ގަވައިދުން ދަތުރުކުރި ފެރީއެއް ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އާރްޓީއެލް ފެރީގެ ހިދުމަތް ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުން ކަމަށެވެ. އަދި މިހާރު އެ ފެރީ ދަތުރުކުރަނީ ހިތައް އެރީއާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
ފީވަކުން ވާހަކަ ދެއްކި ރައްޔިތުން ވެސް ވަނީ ރަސްމާލެގައި ހިންގަން ނިންމާފައިވާ މަޝްރޫއުއާ މެދު ނުރުހުން ފާޅުކޮށްފައި އެވެ. އަދި އެ މަޝްރޫއުއަކީ އަތޮޅުތެރޭގެ ރަށްރަށުގެ މަޝްރޫއުތައް ހުއްޓާލުމަށްފަހު އެ ފައިސާ ހަރަދުކޮށްގެން އިޒްރޭލް މީހުން ދިރިއުޅެން ހަދާ ތަނެއް ކަމަށް ބުނެފައި އެވެ.
އެހެންކަމުން، އެރަށު ރައްޔުތުން ވެސް ވަނީ މިހުރިހާ ކަމެއް ދެން ރަނގަޅު ވާނީ ރައީސް މުއިއްޒުގެ ވެރިކަން ބަދަލުވުމުން ކަމަށާއި ގައުމު މިހާލަތަށް ދިއައީ ރައީސް މުއިއްޒުގެ ސަބަބުން ކަމަށް ބުނެފައި އެވެ.










