އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި
11 ނޮވެމްބަރު 2026 | ބުދަ 11:22އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އިގްތިސާދީ ފިއްތުންތަކުގެ ކެމްޕޭން އިސްކޮށް ހިންގަވާ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓަށް އީރާނުން އިންޒާރުދެމުންދާ ކަމަށް ރިޕޯޓުތައް ބުނެފި. މި ނުރައްކާތަކާ ގުޅިގެން އޭނާގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، އެމެރިކާގެ އޮފިޝަލުންނަށް އަމާޒުކޮށް އީރާނުން ދޭން އުޅޭ ހަމަލާތައް އިތުރުވެފައިވާ ކަމަށް އިންޓެލިޖެންސް އިދާރާތަކުން ވަނީ އިންޒާރުދީފައި

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އިގްތިސާދީ ފިއްތުންތަކުގެ ކެމްޕޭން، "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ އިސްވެރިއެއްގެ ގޮތުގައި އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ގެންދަވަނީ މަސައްކަތް ކުރައްވަމުން | ރޮއިޓަރސް
އީރާނުން ދެމުންދާ ކަމަށް ބުނާ އިންޒާރުތަކާ ގުޅިގެން، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ (މާލީ ވަޒީރު) ސްކޮޓް ބެސެންޓް، ވޮޝިންގޓަން ޑީސީގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުން އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދާދިފަހުން ބަދަލުކޮށްފި އެވެ.
މިކަމާ ގުޅުންހުރި މަސްދަރުތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް އާއި ރޮއިޓާސް ނިއުސް އެޖެންސީން އަންގާރަ ދުވަހު މި ޚަބަރު ރިޕޯޓުކޮށްފައިވީ ނަމަވެސް، ބެސެންޓަށް އޮތް ނުރައްކަލުގެ ސީދާ މިންވަރެއް ސާފެއް ނުވެ އެވެ.
އެމެރިކާގެ ފަސްގަނޑުގައި ތިބި އެ ގައުމުގެ އޮފިޝަލުންނަށާއި އެހެނިހެން ފަރާތްތަކަށް ހަމަލާދިނުމަށް ރާވަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް އީރާނުން މީގެ ކުރިން ވަނީ ދޮގުކޮށްފަ އެވެ.
އީރާނުން ކަނޑުދަތުރުފަތުރަށް ދޭ ހަމަލާތައް ހުއްޓާލުމަށާއި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ބާރުއެޅުމުގެ ގޮތުން، "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ އިގްތިސާދީ ފިއްތުންތަކުގެ ކެމްޕޭން، މިދިޔަ އޯގަސްޓް މަހުން ފެށިގެން އިސްކޮށް ހިންގަވަނީ ބެސެންޓެވެ.
މިދިޔަ އޭޕްރީލް މަހު އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް (ބްލޮކޭޑް) ހިސާރުކުރާނެކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް ކަނޑުގެ މަގުން ދެމުންދާ މި ހިސާރުކުރުންތަކާއެކުވެސް އީރާނުން ދަނީ އެމެރިކާއަށް ގޮންޖަހަމުންނެވެ.
ރޮއިޓާސްއަށް އީމެއިލް މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ތަރުޖަމާނަކު ވިދާޅުވީ، އީރާނުގެ ސަރުކާރުން ދޭ އިންޒާރުތަކުގެ ސަބަބުން ސެކްރެޓަރީ ބެސެންޓް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އަދި އީރާނުގެ އިގްތިސާދު އިނދަޖައްސާލަމުންދާ "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" އާއި ބަނދަރުތައް ހިސާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އޭނާ ސާބިތުކަމާއެކު ހުންނެވި ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ރޮއިޓާސްއަށް ފެނިފައިވާ މެމޯއެއްގައިވާ ގޮތުން، ޓްރަމްޕް ސަރުކާރުގެ އިންޓެލިޖެންސް އިސް އޮފިޝަލަކު ވަނީ އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް އީރާނުން ރާވަމުންދާ ރޭވުންތައް ވަރަށް ނުރައްކާތެރި މަރުހަލާއަކަށް ގޮސްފައިވާ ކަމަށް އިންޒާރު ދެއްވާފަ އެވެ.
ބެސެންޓްގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވެގެންދިޔައީ، ޖެނުއަރީ 2025 ގައި އޭނާ ޓްރެޜަރީ ސެކްރެޓަރީގެ މަގާމަށް އައްޔަންކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، 12.5 މިލިއަން ޑޮލަރަށް އޭނާ ބައްލަވައިގަތް ޖޯޖްޓައުންގެ ގަނޑުވަރެއް ފަދަ ބޮޑު ގޭގެ މަތިން ނަގާފައިވާ ފޮޓޯއެއް "ދަ ވޯލް ސްޓްރީޓް ޖާނަލް" އިން ޝާއިއުކުރުމާ ގުޅިގެން ކަމަށް މިކަމުގެ މައުލޫމާތު ހުރި މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ބުނެ އެވެ.
އެ ފޮޓޯގެ ސަބަބުން ބެސެންޓް ދިރިއުޅޭ ތަން ދެނެގަނެވިފައިވާތީ، އޭނާގެ ސަލާމަތަށްޓަކައި އަސްކަރީ މަރުކަޒަކަށް ބަދަލުކުރީ ކަމަށް އެ މަސްދަރުން ބުންޏެވެ. އަދި ދައުލަތުގެ އިސް އޮފިޝަލުންނަށް އޮތް ނުރައްކާ ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ޒިންމާދާރުކަމާއެކު އަމަލުކުރުމުގެ މަސްއޫލިއްޔަތު މީޑިއާތަކަށް އޮންނަންވާނެ ކަމަށްވެސް އެ ފަރާތުން އިތުރަށް ބުންޏެވެ.
އެމެރިކާގެ އެތެރޭގައާއި ގައުމުން ބޭރުގެ އެހެން ސަރަހައްދުތަކުގައި ބޮޑެތި ހަމަލާތައް ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވަނީ މަދު މިންވަރަކަށް ކަމަށް އެމެރިކާގެ އޮފިޝަލުން ފާހަގަކުރާ ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވެ އެވެ. އެހެންނަމަވެސް، މެދުއިރުމައްޗާއި އެހެނިހެން ސަރަހައްދުތަކުގައި ތިބި އެމެރިކާ މީހުންނަށް އަމާޒުކޮށް ހަމަލާދިނުމަށް އީރާނުން ކުރާ މަސައްކަތްތައް "ވަރަށް ބޮޑަށް އިތުރުކޮށްފައިވާ" ކަމަށް އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ވެރިޔާ ޖޭ ކްލޭޓަން މިދިޔަ މަހު ވަނީ އިންޒާރު ދެއްވާފަ އެވެ.
މި މަސައްކަތްތަކުގެ ތެރޭގައި، ބެސެންޓް ފަދަ އެމެރިކާގެ މިހާރުގެ އަދި ކުރީގެ އޮފިޝަލުންނަށް އަމާޒުކޮށް ދޭން އުޅޭ ހަމަލާތައް ވަރުގަދަކުރުން ހިމެނޭ ކަމަށް، މިކަމުގެ މައުލޫމާތު ހުރި ތިން މަސްދަރަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނެފައިވެ އެވެ.
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ކުރީކޮޅު، އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ހިމެނޭހެން އެ ގައުމުގެ އިސް ބައެއް އޮފިޝަލުން ވަނީ އަވަހާރަކޮށްލާފަ އެވެ.











