ބ. ދޮންފަނު ސްކޫލް މަލްޓި-ޕާޕަސް ހޯލް މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށް ނުދޭ!
12 ނޮވެމްބަރު 2026 | ބުރާސްފަތި 13:55ބ. ދޮންފަނު ސްކޫލުގައި 6 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް ހުއްޓިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް ކުރެވުނު ހަމައެކަނި މަސައްކަތަކީ ކަޅުދާ ޖެހުން ކަމަށް ކައުންސިލުން ފާހަގަކުރޭ

ބ. ދޮންފަނު ސްކޫލް މަލްޓި-ޕާޕަސް ހޯލް މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށް ނުދޭ! | ރާއްޖެ އެމްވީ
ބ. ދޮންފަނުގައި ސްކޫލް އަޅަން ނިންމާފައިވާ މަލްޓި-ޕާޕަސް ހޯލް އަދި 6 ކްލާސް ރޫމްގެ މަސައްކަތް ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ދޮންފަނު ކައުންސިލް މެންބަރު އާމިނަތު ރަފާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި މަޝްރޫއަކީ ރައީސް މުއިއްޒު 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ދޮންފަނަށް ވަޑައިގެން ސޮއިކުރެއްވި މަޝްރޫއެއް ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން ކަޅުދާ ޖަހާލުން ނޫން އިތުރުން އިތުރު މަސައްކަތެއް ނުކުރާ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް މި މަސައްކަތަށް ބޭނުންވާ ސާމާނު ގެނައި ކަމަށް ރަފާ ވިދާޅުވި އެވެ.
ދޮންފުނު ސްކޫލްގައި ޖާގައިގެ ދަތިކަން އޮތްކަން ފާހަގަކުރައްވާ ރަފާ ވިދާޅުވީ މި މަޝްރޫއަކީ ވަރަށް މުހިއްމު މަޝްރޫއުއެއް ކަމަށެވެ.
ބ. ދޮންފަނު ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި އިތުރު އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުއަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް މުޢިއްޒު 2025 ވަނަ އަހަރު ބާ އަތޮޅަށް ކުރައްވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ކިހާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިސްމާއީލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލު އެވެ.
މި މަޝްރޫއުގެ ދަށުން ބ. ދޮންފަނު ސްކޫލުގައި 6 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ލައިބްރަރީއަކާއި ސައިންސް ލެބޯޓްރީއެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.




