އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި
12 ނޮވެމްބަރު 2026 | ބުރާސްފަތި 09:10އީރާނަށް ހަމަލާދިނުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގާފައިވާއިރު، އެ ފަދަ އަމަލެއް ހިންގައިފިނަމަ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު ތެހެރާނުން ވަނީ ދީފައި. އެމެރިކާއިން ސުލްހައަށް ބާރުއެޅި ނަމަވެސް، މަޝްވަރާތަކަށް ހުރަސްއެޅި މަސްރަހު ގޯސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައި. މި ނުތަނަވަސްކަމާއެކު، އީރާނުން ބުނެފައި ވަނީ އެމެރިކާއަށް އިތުބާރު ނުކުރެވޭ ކަމަށާއި ދިފާޢީ ބާރު ވަރުގަދަކުރާނެ ކަމަށް

![އިސްރާއީލުގެ އަސްކަރިއްޔާގެ އޭއެޗް-64 އަޕާޗީ މަރުކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ލުބުނާނުގެ ދެކުނުގެ ރަށަކަށް ރޮކެޓު ހަމަލާތަކެއް ދެނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/979087c5-134c-4ee1-be27-3682aa55373a.webp)
އިސްރާއީލުގެ އަސްކަރިއްޔާގެ އޭއެޗް-64 އަޕާޗީ މަރުކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ލުބުނާނުގެ ދެކުނުގެ ރަށަކަށް ރޮކެޓު ހަމަލާތަކެއް ދެނީ [ފައިލް] | ގެޓީ އިމޭޖަސް
އީރާނަށް ދީފާނެ ހަމަލާތަކަކަށް އަސްކަރިއްޔާގެ ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުން އަންގާފައިވާއިރު، ހަމަލާއެއް ދީފިނަމަ ހަނގުރާމަ ސަރަހައްދުން ބޭރަށް ފުޅާކުރާނެ ކަމުގެ އިންޒާރު ތެހެރާނުން ދީފި އެވެ.
ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރިޔާސަތު ބަލަހައްޓާ އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން، އީރާނަށް ހަމަލާއެއް ދިނުމަށް ވާންޖެހޭ ތައްޔާރީތައް އިތުރުކުރުމަށް އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށް ބުދަ ދުވަހުގެ ރޭ އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
"ސަލާމަތީ ކެބިނެޓުން އިސްރާއީލުގެ އަސްކަރިއްޔާއަށް ދީފައިވާ އިރުޝާދުތަކުގެ ސަބަބުން، ހަނގުރާމައެއް ފެށުމަށް މަގުފަހިވެދާނެ ފަދަ ހަރަކާތްތަކެއް އަސްކަރިއްޔާއިން ހިންގުމަކީ އެކަށީގެންވާ ކަމެއް،" އިސްރާއީލުގެ ދައުލަތުގެ ބްރޯޑްކާސްޓަރުން ރިޕޯޓުކޮށްފައިވެ އެވެ.
މި އިރުޝާދުތައް އާންމުވެފައި ވަނީ، އައު ސަރުކާރެއް އެކުލަވާލެވެންދެން "ސީދާ އަދި ވަގުތުން ކުރިމަތިވާ ނުރައްކަލެއް ނެތި" އަސްކަރިއްޔާ ބޭނުންނުކުރުމަށް، ވަގުތީ ބޮޑުވަޒީރުގެ ހައިސިއްޔަތުން މަގާމުގައި ހުރި ނަތަންޔާހޫއަށް އިސްރާއީލުގެ އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓް ބަޔާނެއް މެދުވެރިކޮށް އެންގުމާ ގުޅިގެން ކަމަށް ދައުލަތުގެ ބްރޯޑްކާސްޓަރުން ބުންޏެވެ.
އޮކްޓޫބަރު މަހު ބޭއްވި އިންތިޚާބުގައި ނަތަންޔާހޫގެ ވެރިކަންކުރާ އިއްތިހާދަށް ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމާ ގުޅިގެން، ހަފުތާ ބަންދުގައި އިސްރާއީލުގެ ރައީސް އިޓްޒްހާގް ހެރްޒޮގް ވަނީ އައު ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އައިޒެންކޮޓަށް ދީފަ އެވެ. އިދިކޮޅު ފަރާތްތަކަށް ސަރުކާރެއް އެކުލަވާލެވިއްޖެނަމަ ވެރިކަން ގެއްލުމުގެ ތުންފަތްމަތީގައި ހުރި ނަތަންޔާހޫ ގެންދަނީ، ތެހެރާނުގެ ސަރުކާރު ވެއްޓެންދެން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށްދާނެ ކަމަށް ބުނަމުންނެވެ.
ހުޅަނގު އޭޝިއާއިން ވިލާތާ ހަމައަށް ހަނގުރާމަ ފުޅާވެދާނެ ކަމުގެ އިންޒާރު
އީރާނަށް ހަމަލާދިނުމަށް އިސްރާއީލުން ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓުތައް ފެންމަތިވެފައި މި ވަނީ، އިތުރު ކުރިމަތިލުންތައް ހުއްޓުވައި ޚާރިޖީ ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ. ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އެއްބަސްވުމަކަށް އައުމަށް ޤަތަރުން ހުށަހަޅާފައިވާ ޚާރިޖީ މަގު ނާކާމިޔާބުވެއްޖެނަމަ، އަލުން ހަނގުރާމައަށް އެނބުރި ދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
"އެމެރިކާއިން އީރާނާ ދެކޮޅަށް އިތުރު ހަނގުރާމައެއް ފަށައިފިނަމަ، ހުޅަނގު އޭޝިއާއިން ފެށިގެން ވިލާތާ ހަމައަށް މި އުދުވާނުގައި ބައިވެރިވާ ކޮންމެ އަސްކަރީ މަރުކަޒަކީ އީރާނުގެ ފުރާނައަށް ނުރައްކާތެރި ހަމަލާތަކުގެ ޝަރުއީ އަމާޒަކަށް ވާނެ،" އީރާނުގެ ޤައުމީ ސަލާމަތީ ކަންކަމާބެހޭ މަޖިލީހުގެ ވެރިޔާ މުޙްސެން ރިޒާއީ ވިދާޅުވި އެވެ. "ރައްކާތެރި ދުރުމިނެއް ނޯންނާނެ. ރައްކާތެރި ހިޔާވައްސެއް ނޯންނާނެ. އަދި، އެއްވެސް އިސްތިސްނާއެއް ނޯންނާނެ،" އޭނާ އިންޒާރު ދެއްވި އެވެ.
ސުލްހައިގެ މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާ އިސް ބޭފުޅެއްގެ ގޮތުގައި ރިޒާއީ އައްޔަންކުރުމާ މެދު އީރާނުގެ އިސްވާރުން މަޝްވަރާކުރަމުންދާ ކަމަށް މަސްދަރުތަކުން ބުންޏެވެ.
"މިހާރު އޮތް ހާލަތު ދިގު މުއްދަތަކަށް ދެމިގެންދާނަމަ، އީރާނުން މަޑުނުކޮށް އިސްވެ ހަމަލާދީފާނެ ކަމަށް ތެހެރާނުގެ ބައެއް ފަރާތްތަކުން ދަނީ ބުނަމުން،" ތެހްރާނުގައި ހަރަކާތްތެރިވާ ނޫސްވެރިއެއް ކަމަށްވާ ރެސޫލް ސެރްދާރް އަތާޝް ބުންޏެވެ.
ހަމަމިއާއެކު، މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ "ދެމެހެއްޓެނިވި ދިފާޢީ ބާރުވެރިކަމެއްގެ" ތެރެއިން މިހާރު އޮތް "ހަނގުރާމައެއް ނެތް، ސުލްހައެއް ނެތް" ހާލަތުން އަރައިގަތުމަށް އީރާނުން އަޒުމު ކަނޑައަޅާފައިވާ ކަމަށް އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް ވިދާޅުވެފައިވާ ކަން އަތާޝް ފާހަގަކުރި އެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ކުރިން ހުރްމުޒް ކަނޑުއޮޅި އޮތް ހާލަތަށް "ދުވަހަކު ވެސް އެނބުރި ނުދާނެ" ކަމަށާއި "ބޯޅަ މިހާރު އޮތީ އެމެރިކާގެ ކޯޓުގައި" ކަމަށް ބުދަ ދުވަހު ޝާއިޢުކުރި ޚާއްސަ ބަސްދީގަތުމެއްގައި ޤާލީބާފް ވިދާޅުވި އެވެ. "އެއްބަސްވުމަކަށް އައުމަށް އޮތް ހުރަހަކީ އެމެރިކާއަށް އަޅުގަނޑުމެން އިތުބާރު ނުކުރުން،" އޭނާ ވިދާޅުވި އެވެ.
ކާމިޔާބީ އިޢުލާނުކުރުމުގެ ވިސްނުމާއި ތެލުގެ ބާޒާރަށް އައި ބަދަލު
އީރާނާއެކު ހަނގުރާމައަށް ދާންޖެހުނު ސަބަބު ޓްރަމްޕް އަދިވެސް ދިފާޢުކުރައްވަމުން ގެންދަވާ ކަމަށާއި، ހަނގުރާމަ އަވަހަށް ނިމޭނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށް ވޮޝިންގޓަންގެ މަސްރަހު ދިރާސާ ނޫސްވެރިޔާ، އެލަން ފިޝަރ ބުންޏެވެ. ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ހިންގާ އިގުތިސާދީ ފިއްތުންތަކުގެ ކެމްޕޭން ނުހަނު ކާމިޔާބުވަމުންދާތީ، ފުޅާ ދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމުގެ ބޭނުމެއް ނެތް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވެސް ވިދާޅުވެފައިވެ އެވެ.
"ފާއިތުވި ދުވަސްތަކުގައި ރައީސްއާއި މާކޯ ރޫބިއޯ ވެސް ވިދާޅުވެފައި ވަނީ، ފުޅާ ދާއިރާއެއްގެ އަސްކަރީ ކުރިމަތިލުންތައް ނިމިފައިވާ ކަމަށާއި އީރާނުން ރަތް ރޮނގު ހުރަސްނުކުރާހާ ހިނދަކު އަލުން ހަނގުރާމަ ފެށުމުގެ ބޭނުމެއް ފެނިވަޑައިނުގަންނަވާ ކަމަށް،" ފިޝަރ ބުންޏެވެ. މި ގޮތުން، ވައިޓް ހައުސްއަށް އެންމެ މުހިންމު ކަމަކީ ޓްރަމްޕަށް ކާމިޔާބީ އިޢުލާނުކުރެވޭނެ ފަދަ މަގާމެއްގައި އަބަދުވެސް އޮތުން ކަމަށް އޭނާ އިތުރަށް ބުންޏެވެ. "ނަމަވެސް، ސުލްހައިގެ އެއްބަސްވުމަކާ މެދު މަޝްވަރާކުރުމަށް ފަރުދާގެ ފުރަގަހުގައި ކޮންމެ ވެސް ވަރެއްގެ ހަރަކާތްތަކެއް ހިނގަމުންދާކަން ސާފު،" އޭނާ ބުންޏެވެ.
ސުލްހައަށް ކުރާ މަސައްކަތްތަކާއެކު ވެސް، ވިޔަފާރި ދަތުރުފަތުރަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ވަރުގަދަ ކަނޑުގެ ހިސާރު ތަންފީޒުކުރުމަށް އެމެރިކާގެ ސިފައިން "ރެއާއި ދުވާލު މަސައްކަތްކުރަމުންދާ" ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނެ އެވެ.
މިއާއެކު، %60 އަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކް ތިންވަނަ ޤައުމަކަށް ބަދަލުކުރުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ތެހެރާނުން ދެކޮޅުހެދުމާ ގުޅިގެން، ބުދަ ދުވަހު ތެލުގެ އަގު ވަނީ ގާތްގަނޑަކަށް %1 އުފުލިފަ އެވެ.
ބްރެންޓް ސާފުނުކުރާ ތެލުގެ ފިއުޗަރސް އަގު 1.27 ޑޮލަރު ނުވަތަ %1.39 އުފުލި، ފީފާއެއްގެ އަގު 92.76 އެމެރިކާ ޑޮލަރުގައި ހަމަޖެހިފައިވާއިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް ސާފުނުކުރާ ތެލުގެ އަގު ވަނީ 49 ސެންޓު ނުވަތަ %0.57 އުފުލި، ފީފާއެއް 86.53 ޑޮލަރަށް އަރާފަ އެވެ.
އޭގެ ކުރީ ދުވަހުގެ ވިޔަފާރީގައި، އީރާނަށް އިތުރު އަސްކަރީ ހަމަލާތަކެއް ދިނުމުގެ ބޭނުން ކުޑަކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވުމާ ގުޅިގެން ތެލުގެ އަގު ވަނީ ފީފާއަކުން 3 ޑޮލަރަށްވުރެ ބޮޑަށް ވެއްޓިފަ އެވެ. ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށް އީރާނުގެ އޮފިޝަލަކު ވިދާޅުވުމާ ގުޅިގެން، އަގަށް އައި ވެއްޓުން ފަހުން ކޮންމެ ވެސް ވަރަކަށް ކުޑަވެގެން ދިޔަ އެވެ.
މަސްދަރު: އަލް ޖަޒީރާ











