ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!
25 ސެޕްޓެމްބަރު 2026 | ހުކުރު 16:41އިހުތިރާމްކުރުމުގެ ގައުމީ ކެމްޕޭނެއް ފަށަން ސަރުކާރުން ތައްޔާރުވަމުންދާއިރު، ދ. މީދޫގައި ރާއްޖެޓީވީގެ ޓީމަކަށް ފަސްޓްލޭޑީގެ އާއިލީ ބޭފުޅުން ހަމަލާދީ ބިރުދެއްކި މައްސަލައާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ބަހާއި އަމަލާ ދިމާނުވާކަން ހާމަވާކަމަށް ބުނެ، އިހުތިރާމްގެ ސަގާފަތެއް ގާއިމުކުރުމަށް ވެރިންނާއި އާއިލާތަކުން ނަމޫނާ ދެއްކުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުން

ދ. މީދޫގައި ރާއްޖެޓީވީގެ 'ހާލު ކިހިނެއް' ޕްރޮގްރާމް ރެކޯޑުކުރަމުން ދަނިކޮށް ހިނގައިދިޔަ ހަމަނުޖެހުމުގެ ހާދިސާގެ ތެރެއިން | ސޯޝަލް މީޑިއާ
ދިވެހިރާއްޖޭގެ އިޖުތިމާއީ ވެއްޓާއި އަހުލާގީ މިންގަނޑުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ "އިހުތިރާމްކުރުމުގެ ޤައުމީ ކެމްޕެއިން" އެއް އިފްތިތާހު ކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ.
ރައީސް މުއިއްޒު ފާހަގަކުރައްވާފައިވާ ގޮތުގައި، އިހުތިރާމް ކެނޑިގެން ދިއުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް މިއީ ޤައުމީ ފެންވަރުގެ ބޮޑު މައްސަލައެކެވެ.
ޤައުމީ ވަންތަކަން ދެމެހެއްޓޭނީ އެކަކު އަނެކަކަށް ގަދަރުކުރާ ބަޔަކަށް އަލުން ވެވިގެން ކަމަށާއި، އެކަމުގައި ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް އޮތް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ސިޔާސީ މަންފާއަށްޓަކައި، ވަކި އިންތިޒާމެއްގެ ދަށުން މީހުންގެ އަބުރާއި އިއްޒަތް ނަގާލުމަށް ވޭތުވެދިޔަ ތަނުގައި މަސައްކަތްކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް، އިހުތިރާމްކުރުމުގެ ޤައުމީ ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންދާއިރު، އަމަލީ މައިދާނުން ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ވެރިކަމަށް އައުމުގެ ކުރިން ވެސް ރައީސް މުއިއްޒު އިސްވެ ހުންނަވާ ބޭރު ޤައުމުތަކުގެ އިއްޒަތްތެރިންގެ ސޫރަ ކިލަނބުވާ ގޮތަށް މަގުމަތީގައި ހިންގި ބޭއަދަބީ ހަރަކާތްތަކުގެ އިތުރުން، މިހާރު ވެސް ވެރިކަންކުރާ ޕާޓީގެ އިސް ސަފުން ފެންނަމުންދަނީ ތަހުޒީބު މުޖުތަމައަކާ ނުގުޅޭ ފަދަ އަމަލުތަކެކެވެ.
މިކަމުގެ ކުޑަ މިސާލަކީ، ދ. މީދޫގައި ރާއްޖެޓީވީގެ 'ހާލު ކިހިނެއް' ޕްރޮގްރާމް ރެކޯޑުކުރަމުން ދަނިކޮށް ހިނގައިދިޔަ ހަމަނުޖެހުމުގެ ހާދިސާ އެވެ.
މި ޕްރޮގްރާމް އަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ދެނެގަނެ، ރަށްރަށުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫއުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން ރާއްޖެޓީވީން ގެނެސްދޭ މަގުބޫލު ޕްރޮގްރާމް އެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ރައްޔިތުން ފާޅުކުރަމުންދަނީ، މި ސަރުކާރުގެ ސިޔާސަތުތަކާއި އަމަލުތަކުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ދިރިއުޅުމުގެ ވާހަކަތަކާއި ކަންބޮޑުވުންތަކެވެ.
ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހާލު ކިހިނެއް ޕްރޮގްރާމްގެ އިންޓަރވިއުއެއް ކުރިއަށް ދަނިކޮށް، ހިނގާދިއަ ހާދިސާއަކީ ހިތާމަވެރި އަދި ނާތަހުޒީބު އަމަލެކެވެ. މެޑަމް ސަަޖިދާގެ ބޮޑުބޭބޭ އަބްދުﷲ ލަތީފް އިސްވެ ހުރެ ޕީއެންސީގެ ބަޔަކާއެކު އެ ސަރަހައްދަށް އައިސް، ރާއްޖެ ޓީވީގެ ކުރޫއަށާއި އެ ވަގުތު އެތަނުގައި ތިބި ރަށުގެ އާންމު ރައްޔިތުންނަށް ހަމަލާދޭން ވަނީ މަސައްކަތްކޮށްފަ އެވެ. ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް އޭރު ވެސް ކެތްތެރިކަމާއެކު އިންޓަރވިއުދޭ ފަރާތާއެކު ޖޯލީގައި އިނެވެ. އާމިރު އަށް އަމާޒުކޮށް ދެއްކި އެއްވެސް ވާހަކައަކަށް ރައްދެއް ނުދެ އެވެ. ނަމަވެސް ބޭއަދަބީ ބަސްތަކުން އަޑުގަދަކޮށް، އާންމު މަސްލަހަތު ނަގާލުމަށް ވެސް އެ ފަރާތްތަކުން ވަނީ މަސައްކަތްކޮށް، ބިރުވެރި މާހައުލެއް އުފައްދާފަ އެވެ.
މި ހަމަނުޖެހުމުގެ ތެރޭގައި ރާއްޖެ ޓީވީގެ ކެމެރާ އަދި އެހެނިހެން އިކުއިޕްމަންޓްތަކަށް ގެއްލުން ދިނުމަށް މަސައްކަތް ކުރި އިރު، މީދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަލީ ޝަރީފް، ކެމެރާ ކުރަމުންދިޔަ މުވައްޒަފުގެ ގޮނޑީގައި ސައިކަލުން ޖައްސައި، ތަކެއްޗަށް ގެއްލުންދޭން މަސައްކަތް ކުރި އެވެ.
އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިހުތިރާމް އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ގޮވާލައްވަމުން ގެންދަވާއިރު، މެޑަމް ސާޖިދާގެ އާއިލާގެ ތެރެއިން މިފަދަ އަނިޔާވެރި އަދި ނާތަހުޒީބު އަމަލުތަކެއް ފެނިގެންދިޔުމަކީ ރައީސް ދައްކަވާ ވާހަކަތާ މުޅިން ބީރައްޓެހި އަމަލްތަކެކެވެ.
ކަން އޮތްގޮތަށް ރައްޔިތުންނާ ހަމައަށް ހާމަކުރުމަކީ މީހުންނަށް ހަމަލާދީ، ބިރުދައްކަންޖެހޭ ސަބަބެއް ނޫނެވެ. ހަގީގަތް ބަޔާންކުރުމުން އެކަމާ ކުރިމަތިލާން ޖެހެނީ އަނިޔާވެރިކަމާއި މާރާމާރީން ކަމަށްވާނަމަ، އެއީ ގައުމުގައި އޮތް ބިރުވެރި ހާލަތެކެވެ.
މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުންގެ ފަރާތުން މިފަދަ މާރާމާރީގެ މައްސަލައެއް ފެންމަތިވުމަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. ވެރިކަމުގެ ބާރުގެ ނިވަލުގައި ތިބެ، ގާނޫނަށްވުރެ މަތީގައި އުޅެން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކަންކަން ހިނގާދިޔަ ގޮތް ސާފުކޮށް ފެންނަ ވީޑިއޯ ހެކި ހުރި ނަމަވެސް، އެކަން ވެސް މި ސަރުކާރުން ދޮގުކުރާނެ އެވެ. ސަބަބަކީ އެއްވެސް ޖެހިލުމެއް، ލަދުވެތިކަމެއް ނެތި ފާޅުގައި ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ މަންޒަރު މި ސަރުކާރުގައި އަށަގެންފައިވާ މިންވަރުންނެވެ. އެކަމާ ރައްޔިތުން ހައިރާން ވެސް ނުވާނެ އެވެ.
ކަންކަން ދޮގުކުރުމާއި ގަދަބާރު ދެއްކުމުގެ ބަދަލުގައި، އިންސާފާއި ހަގީގަތަށް ޖާގަދީގެން މެނުވީ ގައުމުގައި އިހުތިރާމްގެ ރީތި ސަގާފަތެއް ގާއިމެއް ނުކުރެވޭނެ އެވެ.
ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ގާނޫނު އަތްމައްޗަށް ނަގައި، މީހުންގެ ޒާތަށާއި މުދަލަށް ގެއްލުންދިނުމަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫނެވެ.
މިފަދަ ހާދިސާތަކުން ދޭހަވަނީ، ޤައުމީ ފެންވަރުގައި އިހުތިރާމް ކުރުމުގެ ވާހަކަތައް ދައްކަވައި، ނަސޭހަތް ދެއްވަމުން ގެންދެވި ނަމަވެސް، ވެރިކަމުގެ އެންމެ އަރިސް ފަރާތްތަކާއި ނިސްބަތްވާ ރަށްރަށުން ފެންނަނީ އެއާ މުޅިން ޚިލާފު ނާތަހުޒީބު އަދި ފިނޑި އަމަލުތައް ކަމެވެ.
ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފައްޓަވަން އުޅުއްވާ އިހުތިރާމް ކެމްޕޭނުގައި ސިޔާސީ ޕާޓީތަކާއި މީޑިއާތަކުން އެކަށީގެންވާ މިންވަރަށް ބައިވެރިނުވާ ކަމަށް ވިދާޅުވެ، އެކި ފޯރަމްތަކުގައި އެމަނިކުފާނު ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ނަމަވެސް، އެ ފަރާތްތަކުގެ އެއްބާރުލުން ހޯއްދެވުމުގެ ކުރިން، ރައީސްގެ އަނބިކަނބަލުންގެ އާއިލީ ބޭފުޅުން މި ކެމްޕޭނުގައި ބައިވެރިކުރައްވައި، ނަމޫނާ ދެއްކެވުން މާ މުހިންމު ކަމަށް ފެނެ އެވެ.
އިހުތިރާމަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކަށް ނުހަދައި، އަމަލީ ގޮތުން ދައްކައިގެން މެނުވީ މުޖުތަމައުގައި އަސްލު ބަދަލެއް ނުގެނެވޭނެ އެވެ. ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވާށެވެ. އެކަމަކު ސާޖިދާގެ އާއިލީ ބޭފުޅުން އުޅުއްވަނީ މާރާމާރީ ހިންގާށެވެ. މި ވާހަކަ ދިމާވޭ ހެއްޔެވެ. އިހުތިރާމަކީ ހަމައެކަނި ޕޯޑިއަމްތަކުގައި ދައްކާ ވާހަކައަކުން އަދި ޝިއާރުތަކަކުން އަށަގެންނުވޭނެ އެއްޗެއް ނޫނެވެ. އިހުތިރާމް ފެށެންވާނީ ވެރިންނާއި ވެރިންގެ އާއިލާތަކުގެ އަމަލުތަކުންނެވެ.









