ހުޅުދެލީގައި ހުއްޓާލާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ރާއްޖެޓީވީ އިން ގެނެސްދިނުމުން 2 ޕްރޮޖެކްޓެއްގެ މަސައްކަތް އަލުން ފަށައިފި!
17 އޮކްޓޯބަރު 2026 | ހޮނިހިރު 14:42ދ. ހުޅުދެލީގައި ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާތީ، އެކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލާއި ރައްޔިތުން ވަނީ ފާޅުކޮށްފަ. މީގެ ތެރޭގައި ބިންހިއްކުމާއި، ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި، ސިއްހީ މަރުކަޒުގެ މަސައްކަތް ހިމެނޭއިރު، މީޑިއާއިން މި މައްސަލަތައް ތިލަކުރުމާ ގުޅިގެން ބައެއް މަޝްރޫއުތައް މިހާރު ވަނީ އަލުން ފަށާފައި


ރާއްޖެޓީވީ ގެ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ދ. ހުޅުދެލިން ވާހަކަ ދެއްކި ރައްޔިތެއް | ރާއްޖެއެމްވީ
ދ. ހުޅުދެލީގައި މި ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫއެއްގެ މަސައްކަތް ދެ އަހަރެއްހާ ދުވަހަށް މެދުކެނޑިފައި އޮތުމަށްފަހު، އެކަމުގެ ކަންބޮޑުވުންތައް ރާއްޖެ ޓީވީން އެރަށަށް ގޮސް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމާ ގުޅިގެން އޭގެ ތެރެއިން ދެ މަޝްރޫއެއްގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް އެ ރަށުގެ ރައްޔިތުން ބުނެފި އެވެ.
ރާއްޖެޓީވީ ގެ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ވާހަކަދެއްކި ދެ މީހަކު ވަނީ އެ ރަށުގައި މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން، އެތަނުން ވާހަކަދެއްކި މީހަކު ފާހަގަކުރި ގޮތުގައި، މި ސަރުކާރުން ހަތް މަޝްރޫއެއްގެ މަސައްކަތް ފެށި ނަމަވެސް، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
އެ ރަށުގެ މަޝްރޫއުތަކުގެ މަސައްކަތް މުޅިން ހުއްޓިފައި ވަނިކޮށް، މިދިޔަ އޮކްޓޫބަރު މަހު ރާއްޖެޓީވީން އެ ރަށަށް ގޮސް، އެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވަނީ އާންމުންނާ ހަމައަށް ގެނެސްދީފަ އެވެ. އެކަމަށް ތައުރީފު ކުރަމުން އޭނާ ބުނީ، މަސައްކަތްތައް ހުއްޓިފައިވާ މައްސަލަ ޓީވީ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖެޓީވީން ތިލަކޮށްދިނުމާއެކު، އޭގެ ތެރެއިން ދެ މަޝްރޫއެއްގެ މަސައްކަތް މިހާރު އަލުން ފަށާފައިވާ ކަމަށެވެ. އެގޮތުން، ހުޅުދެލީ ސްކޫލްގެ އިމާރާތްކުރުމުގެ މަޝްރޫއުގެ އިތުރުން، އެ ރަށުގެ ބިންހިއްކުމުގެ މަސައްކަތް ވެސް މިހާރު އަލުން ފެށިގެން ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އެ ސްކޫލަށް ޕްރިންސިޕަލަކު ހަމަޖެހިފައި ނުވާ މައްސަލަ ފާހަގަކުރުމާ ގުޅިގެން، މިހާރު އެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުދެލީ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ހުއްޓިފައިވާ މައްސަލަ އާއި، 'ކޫލް ސްކޫލް މަޝްރޫއުގެ ދަށުން އޭސީތައް ހަރުކޮށް ނިމިފައި ވީނަމަވެސް، އެ ތަކެތި އަދިވެސް ބޭނުންކުރަން ފަށާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލުން ވަނީ ރާއްޖެ ޓީވީއާ ހިއްސާކޮށްފަ އެވެ. އަދި ހަމައެއާއެކު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ފެށި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ، ކައުންސިލުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެއިތުރުން، ހުޅުދެލީ ޕޮލިސް ޕޯސްޓް އިމާރާތްކުރުން ލަސްވާ މައްސަލައާއި، އެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒު ވެމްކޯއާ ހަވާލުކުރިތާ ދޮޅު އަހަރު ވެގެންދިޔައިރު ވެސް އަމަލީ އެއްވެސް މަސައްކަތެއް ފެށިފައި ނުވާ މައްސަލަ ރާއްޖެޓީވީން ވަނީ ތިލަކޮށްދީފަ އެވެ.
ކައުންސިލް އިންތިޚާބާ ދިމާކޮށް ހުޅުދެލީގެ ބިންހިއްކުމުގެ ސަރަހައްދު ފާހަގަކުރުމަށް ޖެހި ދިދަތައް ވެއްޓިފައިވާ މައްސަލައާއި، ކޮންޓްރެކްޓަރަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެރަށު ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހުއްޓިފައިވާ މައްސަލަ ރާއްޖެޓީވީން ވަނީ ތަފްސީލުކޮށް ގެނެސްދީފަ އެވެ. މީގެއިތުރުން، އެރަށު މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއު ހުއްޓިފައިވާ މައްސަލައިގެ މައުލޫމާތުވެސް ރާއްޖެޓީވީން ވަނީ ހާމަކޮށްފަ އެވެ.
"ހާލު ކިހިނެއް" ޕްރޮގްރާމުގައި ވާހަކަދެއްކި ބައެއް އާންމުން ވަނީ މިކަން ފާހަގަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ރާއްޖެޓީވީން ކުރަމުންދާ މަސައްކަތްތައް އެފަރާތްތަކުން ބަލައިގަންނަ ކަަމަށް ބުނެފަ އެވެ.











