ހާލު ކިހިނެއް؟: ފެނާއި ނަރުދަމާ ނެތުމުން އަދި މަގުތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން ތިލަފުށީގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުން!
7 ނޮވެމްބަރު 2026 | ހޮނިހިރު 07:30ތިލަފުށީގެ މަގުތައް ހަލާކުވެ ފެނާއި ނަރުދަމާގެ ނިޒާމު ނެތުމުގެ އިތުރުން، ފެރީގެ ޚިދުމަތް ދަތިވުމާއި ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމެއް ނެތުމުން އެ ރަށުގައި މަސައްކަތްކުރާ ފަރާތްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި. ދައުލަތަށް ބޮޑު އާމްދަނީއެއް ވަންނަ މި ރަށުގެ އަސާސީ ޚިދުމަތްތައް ރަނގަޅުކުރުމަށް އެއްވެސް ސަރުކާރަކުން އެދެވޭ މަސައްކަތެއް ކޮށްފައިނުވާކަން މަސައްކަތްތެރިން ފާހަގަކުރޭ


"ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން | ރާއްޖެ އެމްވީ
ކ. ތިލަފުށީގައި ފެނާއި ނަރުދަމާ ނެތުމާއި މަގުތަކުގެ ހާލަތު ދަށްވުމުގެ އިތުރުން އަވަސް ފަރުވާ ބޭނުންވެއްޖެ ހާލަތެއްގައި އެ ފަރުވާ ދެވެން ނެތުމުން އެ ރަށުގައި މަސައްކަތް ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ރާއްޖެޓީވީން ގެނެސްދޭ "ހާލު ކިހިނެއް" ޕްރޮގްރާމުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ތިލަފުށީގައި މަސައްކަތް ކުރާ ރައްޔިތުން ފާހަގަކޮށްފައި ވަނީ މަގުތަކުގެ ހާލަތު ދަށްވުމެވެ. އެގޮތުން އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި ވިއްސާރަ ވެއްޖެނަމަ މުޅި މަގުގައި ފެން ހެދެ އެވެ. އަދި މަގުތަކުގެ ހާލަތު ހުރި ގޮތުން އެ ރަށުގައި ދުއްވާ އުޅަނދުތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބޭކަން ތިލަފުށިން ވާހަކަދެއްކި މަސައްކަތްތެރިން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންވީމަ މީކީ ހުސް އެކަނި ދުއްވަން އޮތް މަގަކީ، މިއަކީ ހުސް އެކަނި ވެހިކަލް ދުއްވަން އޮތް މަގަކީ މިތަން ވެސް މިހާރު ބެދެމުން ބެދެމުން ގޮސް ނިމެން ހަތިމަށް ވަނީ، ފެން ބޮޑުވެއްޖެޔާ ވެހިކަލްތައް ހުންނަނީ ފެނު ތެރޭގައި ކިސަޑާއި ހަދައިގެން ސައިކަލަކަށް ދުއްވެނީކީ ނޫން. ޕިކަޕްތައް ދުއްވާނެތާ ދެން ކޮންމެ ގޮތެއް ވިޔަސް އެ އެއްޗެސަށް މަޖުބޫރު ވާނެތާ މުދާ ހިފައިގެން ދަތުރު ކުރަން. އެކަމަކު ސައިކަލުތައް ހުއްޓޭނެ ފެންގަނޑު ތެރެއަށް މިތާ ދުވާނީ ކުނި ވަސް ފެންބޮޑުވެފައި އޮތީއާ ހަފްތާ ދެ ހަފްތާ ވާއިރު މަގު ހަދަން ހިޔާލު ވެސް ނުކުރާނެތިލަފުށީގެ މަސައްކަތްތެރިއެއް
ހަމައެއާއެކު ތިލަފުށި މަސައްކަތްތެރިން ވަނީ ފެނާއި ނަރުދަމާ ނެތުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މަސައްކަތްތެރިއަކު މައުލޫމަތު ދިން ގޮތުގައި ފެން އުފުލަން ޖެހެނީ ޓޭންކްތަކަށް އަޅައިގެންނެވެ. އަދި ކަރަންޓް ލިބުމުގައި ވެސް ދަތިތަކެއް ދިމާވާކަން ތިލަފުށިން ވާހަކަ ދެއްކި މަސައްކަތްތެރިން ފާހަގަކޮށްފައިވާއިރު މިއިން އެއްވެސް މައްސަލައެއް ހައްލުކުރަން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ކަމަށް އެފަރާތްތަކުން ބުންޏެވެ.
މީގެ އިތުރުން، ފެރީގެ ނިޒާމު އަދިވެސް އޮންނަނީ އެންމެ ކުރިން އޮންން ގޮތަށް ކަމަށާއި ފެރީ އޮންނަ ގަޑިތައް ގިނަ ކުރަން ޖެހޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މަސައްކަތްތެރިއަކު ބުންޏެވެ.
މިހާރު ތަންކޮޅެއް އަވަހަށް ފެރީ ބާއްވަން ޖެހޭ އެއީ ދެގަޑިން ދެގަޑިން އޮންނަ އެތި އެއްގަޑިން އެއްގަޑިއަށް ހަދާލާފައި މިހާރު ހަވީރު ކޮޅު އިންނާނެ ބައި ގަޑިން ބައި ގަޑިން އިންނަ އެތި އެ އެއްޗެހި ގޮސް 6:30 ގެ ފެރީ ވެސް އެ އިންނަނީ ހަމަ ފުރިފައި އެއީ އެކޮޅުން މިކޮޅަށް އަންނަ މީހުން 80 ޕަސަންޓް ގިނަވެއްޖެ، މިކޮޅުން އެކޮޅަށް ދާ މީހުން 80 ޕަސަންޓް ގިނަވެއްޖެތިލަފުށީގެ މަސައްކަތްތެރިއެއް
ތިލަފުށިީގައި މަސައްކަތް ކުރާ ރައްޔިތަކު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޮސްޕިޓަލެއް ތިލަފުށީގައި އަޅަން ވައުދުވެވަޑައިގެންފައިވީ ނަމަވެސް އެ މަސައްކަތް ފަށާފައިނުވާ ކަމަށް ބުނެ އަވަސް ފަރުވާ ދެވެން ނެތުމުން އޭނާ ދިމާވީ ދަތިތަކެއް ހިއްސާކޮށްފަ އެވެ.
އެރޭގައި މިސާލަކަށް އެވަގުތުން ފެށިގެން އެރޭ 11 ޖަހަން ދެން ހަމަ ރުއީ ހަމަ ފަރުވާ ނުލިބިގެން ޑޮކްޓަރުން ވެސް އަޅުގަނޑު ގަޔަށް ޖެހި 11 ވަރަކަށް އިންޖެކްޝަން ޖަހައިގެން ވެސް ނުވި ދެން ފަޅާލައިގެން ރަނގަޅުވީ ބުނަން ބޭނުންވާ އެއްޗަކީ ތިލަފުށީގައި ހޮސްޕިޓަލް ހުރި ނަމަ ކުއްލި ފަރުވާއަށް އަވަހަށް ފަރުވާ ލިބޭނޭތިލަފުށީގެ މަސައްކަތްތެރިއެއް
ތިލަފުށިން ވާހަކަ ދެއްކި ކޮންމެ މީހަކު ވެސް ވަނީ އެއްވެސް ވެރިއަކު ތިލަފުށީގެ ހާލަތު ބަލަން ނާންނަ ކަމަށް ބުނެފަ އެވެ. އެހެންކަމުން އެ ރަށުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ތިލަފުށިން ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ވަންނައިރު އެތަން ތަރައްގީކޮށްދޭން މަސައްކަތް ނުކުރާތީ ކަންބޮޑުވުން ފާޅުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަށް އެދި ގޮވާލާފަ އެވެ.











