މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި
26 އޮކްޓޯބަރު 2026 | ހޯމަ 05:32ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމުން އެކަމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި. ދައުލަތުގެ ޚަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަމުންދާއިރު އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ އިންސާފެއް ނޫންކަމަށް ބުނެ ހުށަހެޅި މި މައްސަލަ، ޝަރުތު ހަމަނުވާކަމަށް ބުނެ ރިޔާސަތުން ވަނީ ބޭރުކޮށްލާފައި


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ހުށަހަޅެ ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމާ، ރިޔާސަތުން އެ މައްސަލަ ބޭރު ކޮށްލައިފި އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާ އަށް ދަށަށް ގޮސް އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އިން ނިންމާފައިވާތީ އެކަމާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
އެ މައްސަލަގައި ބުނީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަށީގެންވާ މުސާރަ އެއް ކަނޑައެޅިފައި ނުވާއިރު، ޕޭ ހާމަނައިޒޭޝަނާ ގުޅޭ އެތައް ކަންބޮޑުވުމެއް އޮތް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ނިންމާފައިވާ ނިންމުމަކީ ދިވެހި ރައްޔިތުންނަށް އިންސާފުވެރި ނިންމުމަކަށް ނުވާ ކަމަށެވެ.
މި މައްސަލައިގައި ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުއްލި މައްސަލައަކީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައަކާ ގުޅޭ ގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެ ޝަރުތު ފުރިހަމަނުވާ ކަމަށް ވިދާޅުވެ މެންބަރު މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުއްލި މައްސަލައިގައި އިތުރަަށް ބުނެފައި ވަނީ ޕޭހާމަނައިޒޭޝަންގެ ކަންބޮޑުވުންތަކާއި ގުޅިގެން 16 ޖޫން 2025 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އަށް ދިރާސާކުރުމަށް ފޮނުވާފައިވާ "ތައުލީމީ ދާއިރާގެ މަސައްކަތްތެރިން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ ގުޅޭ ގަރާރު" ގެ މަސައްކަތް ވެސް މިއަދާ ހަމައަށް ވެސް ނުނިންމައި މިފަދަ ގޮތަކަށް މުސާރަ އަށް ބަދަލު ގެނަސްފައިވާ ކަމަށެވެ.
އޭގެ އިތުރުން ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަ ކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީ އިން ޕީސީބީ އަށް އަންގާފައިވާއިރު ދައުލަތުގެ ޚަރަދުތައް ބޮޑުވާނެހެން މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްފައިވާ ކަމަށް އެ މައްސަލައިގައިވެ އެވެ.
ކުއްލި މައްސަލައިގައި ބުނީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް ދަތިވާނެހެން އެތައް ފިޔަވަޅެއް އެޅުމަށްފަހު، ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑު ކުރުމަކީ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމަކަށް ނުވާނެ ކަމަށެވެ.
އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ޚަރަދުކޮށްފައިވާއިރު، ދައުލަތުގެ ދަރަނި ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މި ކަމަކީ ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމަކަށް ވުމާއެކު މުޖުތަމައުގެ އާންމު މަސްލަހަތާއި ސީދާ ގުޅިގައިފައިވާ ކަމެއް ކަމަށް ވުމާއެކު އެ ކުއްލި މައްސަލަ ހުށަހަޅާ ކަމަށް މެންބަރު ވިދާޅުވި އެވެ.











