ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުން ފަދަ އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފި
10 ނޮވެމްބަރު 2026 | އަންގާރަ 16:52ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ކުރިއަށްގެންދިއުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައި. މީގެ އިތުރުން ފުވައްމުލަކުގައި 9 ފަންގިފިލާގެ އޮފިސް ކޮމްޕްލެކްސްއެއް އެޅުމަށް ނިންމާފައިވީ ނަމަވެސް، މި މަޝްރޫއުތަކުގެ އަގާއި ނިންމާނެ ތާރީހެއް ހާމަކޮށްފައިނުވޭ


ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީ ކުރުން ފަދަ އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް އެމްޓީސީސީއާ ހަވާލު ކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރަނީ | މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މުހިންމު 22 މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ.
މި މަޝްރޫއުތައް ކުރިއަށްދާނެ ރަށްތަކާއި ދާއިރާތަކާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ބުނީ، މަގުހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އދ. ހަންޏާމީދޫ، ބ. ކަމަދޫ، އަދި ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ އަދި ތ. ވަންދޫގައި ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ކުރިއަށްގެންދަން ނިންމާފައިވާ ރަށްތަކަކީ އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު، އަދި ނ. މިލަދޫގައި ކަމަށެވެ.
ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި، އަދި ނ. ހޮޅުމީދޫގައި މިމަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން މޫދަށް އެރޭ ސަރަހައްދާއި ސްލިޕްވޭ އަދި ބީޗް ތަރައްގީކުރުމުގެ މަސައްކަތްތައް ހދ. ވައިކަރަދޫ އަދި ރ. ފައިނުގައި ކުރިއަށް ގެންދިއުމަށް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
އިމާރާތްކުރުމުގެ މަޝްރޫއަށް ބަލާއިރު، ޏ. ފުވައްމުލަކުގައި 9 ފަންގިފިލާގެ އޮފިސް ކޮމްޕްލެކްސްއެއް އިމަރާތް ކުރުމަށް ވެސް ވަނީ ހަވާލުކޮށްފަ އެވެ.
ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި ނަމަވެސް އެއްވެސް މަޝްރޫއެއްގެ އަގު އަދި ނިންމަން ކަނޑައަޅާފައިވާ ތާރީހެއް ހާމަކޮށްފައިނުވެ އެވެ.











