ނިލަންދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ އަށް: "މަޝްރޫއުތައް ހުއްޓި، ތަރައްގީގެ އުއްމީދު ގެއްލިއްޖެ"
10 އޮކްޓޯބަރު 2026 | ހޮނިހިރު 18:27ފ. ނިލަންދޫގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، އެއާޕޯޓާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ ރަށު ރައްޔިތުންގެ ބޮޑެތި ޝަކުވާތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައި. ތަކެތީގެ އަގު ބޮޑުވެ ދިރިއުޅުމުގެ ހާލަތު ދަށްވަމުންދާއިރު، ސަރުކާރުން އަތޮޅުތެރެއަށް އިހުމާލުވެ ސިޔާސީ މަންފާއަށް އިސްކަންދޭ ކަމަށް ބުނެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުން


ފ. ނިލަންދޫ އިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް | ރާއްޖެއެމްވީ
ފ. ނިލަންދޫގެ ތަރައްގީގެ ހާލަތާއި، ސަރުކާރުން މަޝްރޫއުތައް ކުރިއަށްދާ ގޮތާމެދު އެ ރަށުގެ އާންމު ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާއި އިހުސާސްތައް އެ ރަށުގެ ރައްޔިތުން މި ވަނީ ނުހަނު ކަންބޮޑުވުމާއެކު ހިއްސާކޮށްފަ އެވެ.
ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ވާހަކަ ދެއްކި ހުރިހާ ރައްޔިތުން ވެސް ވަނީ މިއަދު އެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލާއި، ސަރުކާރުން ކަންކަން ކުރާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި، އެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް އެއްވެސް ކަމެއް ސަރުކާރުން ނުހިންގާ ކަމުގެ ޝަކުވާ އާއި ފެށިފައިވާ ގިނަ މަޝްރޫއުތަކެއް މުޅިން ހުއްޓިފައި ހުރުމުގެ ޝަކުވާ އެވެ.
އަޅުގަނޑަށް ފެނިގެން މި ދަނީ އެތަކެއް ޒަމާންވަންދެން މި ރަށުގައި އޮތް ކަންތައްތަކެއް ވަޅުޖެހެމުން ދާތަން. ކޮންމެ ކަމެއް ވެސް ހަމަ ވަޅުޖެހެމުން މި ދަނީ. ލިސްޓު ކިޔަންޏާ ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރި. ތަކެތީގެ އަގު ވެސް އިންތިހާ އަށް މައްޗަށް މި ދަނީ. އާންމު ދިރިއުޅުމުގެ ހާލަތު ވެސް އިންތިހާ އަށް މިދަނީ ދަށަށް. އަޅުގަނޑަށް ކުރެވޭނަމަ މިރަށުގެ ރައްޔިތުން ގޮވައިގެން ގޮސް، މިހާރު މިއޮތް ވެރިކަން ބަދަލު ކުރުމަށްޓަކައި ވެސް މަސައްކަތްތަކެއް ކުރާނަންނިލަންދޫ އިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް
ޚާއްސަކޮށް ނިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިންމޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުގެ އިތުރުން، އެއާޕޯޓުގެ މަސައްކަތުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތި ބީޗް ހަލާކުވެގެން ގޮސްފައިވާތީ ނިލަންދޫ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެއިތުރުން، ރަށުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި، މިސްކިތްތަކުގެ ހާލަތާއި، އަބަދުވެސް ތޮއްޖެހި ފުރިފައި އޮންނަ ބަނދަރުގެ އިތުރުން މަގުމަތީގެ ހާލަތު ވަރަށް ދަށު ދަރަޖައަކަށް ގޮސްފައިވާކަން ރައްޔިތުން ފާހަގަކުރެ އެވެ.
އާންމު ދިރިއުޅުމުގެ ހާލަތަށް ބަލާއިރު، ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ދިރިއުޅުމުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ވަނީ ކޮށްފަ އެވެ. އަދި މި ސަރުކާރުން ހަމައެކަނި މާލެ ސަރަހައްދަށް އިސްކަންދީ، އަތޮޅުތެރޭގެ ވެރިކަން ކުރާ ރަށެއް މިހާ ހާލު ދެރަކޮށް ބާއްވާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ވެސް ފާޅުކޮށްފަ އެވެ.
މި ވެރިކަމުގައި ނިލަންދޫގެ ތަރައްގީއަށް އެދެވޭ ކަމެއް ކޮށްދޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ގިނަބަޔަކު ދެކެ އެވެ. ކަންކަން ހިނގަމުންދާ މަންޒަރުގެ ބަދަލުގައި އަބަދުވެސް ފެންނަނީ ހަމައެކަނި ފޮޓޯ ނެގުމާއި، ކަމެއް ދިމާވުމުން ވަގުތީ ގޮތުން ހަރަކާތްތެރިވާތަން ކަން އެ ރަށުގެ ރައްޔިތުން ފާހަގަ ކުރެ އެވެ. އެމްޓީސީސީ ފަދަ ކުންފުނިތަކުގެ މަސައްކަތުގެ ސްޕީޑް އިންތިހާއަށް ލަސްވެ، އެ ކުންފުނީގެ ހަމައެކަނި މަސައްކަތަކީ މަގަށް ފަސްކޮޅެއް އެޅުމަށް ނުވަތަ ރުކެއް ނަގާފައި އެހެން ތަނެއްގައި ޖެހުން ކަމަށް ބުނެ ބައެއް ރައްޔިތުންގެ ވަނީ އެ ކުންފުންޏަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
މި ރަށުގައި ކޮންސްޓްރަކްޝަން މީހުން އެބަތިބި ބައިވަރު. އެމްޓީސީސީ މީހުންނާ މި މީސްމީހުން އެބަތިބި. މި މީހުންގެ ކަމަކީ ކައުންސިލުން އަންގައިގެން މަގެއްގައި، އެއީ ރައީސުލްޖުމްހޫރިއްޔާ އަންނަ ދުވަހެއްގައި ނޫނީ މިނިސްޓަރެއް އަންނަ ދުވަހެއްގައި ފަސްކޮޅެއް އަޅައި އެއްވަރުކޮށްލުން. ތަނެއްގައި އިންނަ ރުކެއް ނަގައިގެން ގެންގޮސް އެހެން ތަނެއްގައި ޖެހުން. އެކަހަލަ ކަންކަން އެއީ ދެން އެ މީހުން ހިތުން ތަރައްގީ. ޚާއްސަކޮށް ރައީސް މުއިއްޒުގެ ތަރައްގީއަކަށް މިތާނގަ ޕީއެންސީ އިން ދައްކައިގެން އުޅޭ ކަމަކީ އެއީނިލަންދޫ އިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް
އިޖުތިމާއީ އަދި ވަޒީފާގެ މައިދާނުގައި ވެސް ތަފާތުކުރުންތައް ހުރިކަން ރައްޔިތުންގެ ވާހަކަތަކުން ހާމަވެ އެވެ. އާންމުންގެ އަނގަ ބަންދުކުރުމުގެ ބޭނުމުގައި ސިޔާސީ ވަޒީފާތައް ދެމުންދާއިރު، އަމިއްލަ މަންފާއަށް ކަންކަން ކުރަން އުޅޭ ތަން ފެންނަ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ މި ސަރުކާރާ މެދު ހިތުގައި އޮތް ހިތްހަމަނުޖެހުން ކިޔާދީފަ އެވެ. ހުރިހާ ރައްޔިތުން ވެސް ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިއަދު ނިލަންދޫގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު އޮތް ގޮތެވެ. ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް ރައްޔިތުން ތިބީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.











