ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންގެ މައްޗަށް ތަހުގީގު ހިންގަން ރައީސް ހެއްދެވި ރިޔާސީ ކޮމިޝަނުން ކަށިމާ ޝާކިރާއި އަޒީޒް އިސްތިއުފާ ދެއްވުމާ ގުޅިގެން އައު މެންބަރުން އައްޔަނުކުރައްވައިފި
10 ނޮވެމްބަރު 2026 | އަންގާރަ 04:28ފޯޅަވައްސާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ދިރާސާކުރާ ރިޔާސީ ކޮމިޝަނުގެ ރައީސް އަހްމަދު ޝާކިރާއި މެންބަރު އަބްދުލްއަޒީޒް ޔޫސުފް މަގާމުން އިސްތިއުފާ ދެއްވައިފި. މި ދެ ބޭފުޅުންގެ ބަދަލުގައި އާއިޝަތު ފަޒްނާ އަހުމަދާއި ކެޕްޓަން އަހުމަދު ޒުބައިރު މިހާރު ވަނީ ކޮމިޝަނަށް އައްޔަނު ކުރައްވާފައި


ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަހައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވެފައިވާކަމަށް ބުނެ، އެ މައްސަލަ ތަހުޤީޤުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ދެ މެންބަރަކު އިސްތިއުފާ ދެއްވައިފި އެވެ.
މިކޮމިޝަނުގެ މެންބަރުންގެ ގޮތުގައި އޭރު އައްޔަނު ކުރައްވާފައިވަނީ އަލްއުސްތާޛު އަހްމަދު ޝާކިރު (ނ.ދ.ޝ.އ)، އަބްދުލްއަޒީޒް ޔޫސުފް، ޑރ. އާމިނަތު ޝާފިޔާ އާދަމް، ޑރ. އަބްދުލްމުހްސިން މުހައްމަދު، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުހައްމަދު ސާދިޤް، އަހްމަދު އަލީމަނިކު، އަދި އަލްއުސްތާޛާ ފާތިމަތު މިންހަތު އިއްޒަތު އެވެ.
އޭގެ ތެރެއިން ކޮމިޝަނުގެ ރައީސްކަމަށް ކަނޑައެޅުއްވި އަލްއުސްތާޛް އަހްމަދު ޝާކިރު (ނ.ދ.ޝ.އ) އަދި އަބްދުލްއަޒީޒް ޔޫސުފް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފްއާ ރާއްޖެއެމްވީން ސުވާލުކުރުމުން އޭނާ ވަނީ ރާއްޖެޓީވީއަށް މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
ތަރުޖަމާނު ވިދާޅުވީ، އެ ދެބޭފުޅުންގެ ބަދަލުގައި އާއިޝަތު ފަޒްނާ އަހުމަދުގެ އިތުރުން ކެޕްޓަން އަހުމަދު ޒުބައިރު އެ މަޤާމަށް އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫއު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުޤީޤުކުރުމެވެ.
މީގެ އިތުރުން، އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި ގޮތެއް ކަނޑައެޅުމާއި، ޤާނޫނީ އިހުމާލެއްވާ ނަމަ، އެ ކަންކަން ބަލައި، އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލުގެ އިންތައް ކަނޑައެޅުން ވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނިފައިވެ އެވެ.
އަދި ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އެޅުމަށް ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅުމާއި، ކޮމިޝަނުގެ ތަހުޤީޤަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައަކުން ކަންކަން އިންތިޒާމުކުރުމަށް ކޮމިޝަނަށް ފެންނަ ކަންކަން ހުށަހެޅުން ވެސް ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ކޮމިޝަނަކީ ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވެ އެވެ.











