ބޭހެއް ނެތް، ޓެސްޓެއް ނެހެދޭ: ހެލްތު އެކްސްޕޯއިން ލިބުނު ފަރުވާއެއް ނެތް!
9 ނޮވެމްބަރު 2026 | ހޯމަ 13:58ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަމާއި އަސާސީ ޚިދުމަތްތައް ހުއްޓުމުގެ މައްސަލައަށް ހައްލެއް ނުލިބި އޮއްވައި، ސަރުކާރުން ބޮޑު ހޭދައެއްކޮށް ސިއްހީ އެކްސްޕޯއެއް ބޭއްވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވޭ. ރައްޔިތުން މިއަދު އެދެނީ ކުލަގަދަ މައުރަޒުތަކުގެ ބަދަލުގައި، ސަލާންޖަހަން ނުޖެހި ބޭހާއި ފަރުވާ ލިބޭނެ ދާއިމީ ނިޒާމެއް ގާއިމުވުމަށް


ރައީސް ޑރ.މުހައްމަދު މުއިއްޒު "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" އިފްތިތާހު ކޮށްދެއްވަނީ | ރައީސް އޮފީސް
އެކްސްޕޯތަކާއި މައުރަޒުތައް ބޭއްވުމަކީ މައްސަލައެއް ނޫނެވެ. ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދީ، ސިއްހީ ދާއިރާގެ މައުލޫމާތުތައް ފޯރުކޮށްދިނުމަކީ ވެސް ގޯހެއް ނޫނެވެ. ނަމަވެސް މިއަދު އުފެދޭ އެންމެ ބޮޑު ކަންބޮޑުވުމަކީ، މީގެ ކުރިން ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ލިބެމުން އައި އަސާސީ ސިއްހީ ޚިދުމަތްތައް ހުއްޓި، ކޮންމެހެން ބޭނުންވާ ބޭސްތައް ނުލިބި ރައްޔިތުން ތަކުލީފު އުފުލަން ޖެހުމެވެ. އެންމެ އާދައިގެ ބޭސް ގުޅައެއް ހޯދުމަށް ވެސް ރައްޔިތުން މިއަދު އުފުލަންޖެހިފައިވާ ތަކުލީފު އިންތިހާއަށް ބޮޑެވެ. ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވިޔަފާރިވެރިންނާއި މުއްސަނދިންގެ ގާތަށް ގޮސް ސަލާންޖަހަންޖެހޭ ހިސާބަށް ކަންކަން ވަނީ ގޮސްފަ އެވެ. މީގެ ކުރިން ކޮންމެ ފާމަސީއަކުން ފަސޭހައިން ލިބެން ހުންނަ ބޭސް ނުލިބިގެން މުޅި މާލޭގެ ހުރިހާ ބޭސްފިހާރަތަކަށް ދުވަން ޖެހުމާއި، ރާއްޖެއިން އެއްގޮތަކަށް ވެސް ބޭސް ނުލިބިގެން އަމިއްލަ ޖީބުން ބޮޑު އަގު ދީފައި ރާއްޖެއިން ބޭރުން ބޭސް ގެންނަން ޖެހުމަކީ މިއަދުގެ ހިތި ހަގީގަތެވެ.
މި ހާލަތުގެ ސަބަބުން ބަލިމީހުންގެ ސިއްހަތަށް ނުރައްކާވާ ފަދަ އެތައް ކަމެއް ދަނީ ކުރިމަތިވަމުންނެވެ. ބޭނުންވާ ޑޯޒުގެ ބޭސް ނުލިބުމުގެ ސަބަބުން، މަތީ ޑޯޒެއްގެ ބޭސް ގަނެގެން ދެފަޅި ކޮށްގެން ކާން މަޖުބޫރުވެފައިވާ މީހުން މަދެއް ނޫނެވެ. އަދި އާންމުކޮށް ގަވާއިދުން ބޭނުންކުރަމުން އައި އިތުބާރު ހުރި އަސްލު ބޭސް ނުލިބިގެން، އޭގެ ޑުޕްލިކޭޓް ނުވަތަ ފެންވަރު ދަށް ބޭސްތައް ބޭނުންކުރަން ޖެހުމަކީ ވެސް އާންމު ރައްޔިތުންގެ މެދުގައި އޮތް ބޮޑު ބިރެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މާ ގިނަ ދުވަސްތަކެއް ނުވެ ރައްޔިތުން މިވަނީ ބޭހަށް ޖެހިފައޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެ އެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަކުރާރުކޮށް އެކި ތާރީހުތައް ދިން ނަމަވެސް، މިއަދާ ހަމައަށް އައިއިރު ވެސް އެދެވޭ ހައްލެއް ފެންނާކަށް ނެތެވެ. އެންމެ ފަހުން ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ ވިދާޅުވީ މި ނޮވެމްބަރު މަސް ނިމުމުގެ ކުރިން ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް މިހާރު ނޮވެމްބަރު މަސް ގުނަމުންދާއިރު، މި މައްސަލައަށް ހައްލެއް ލިބިދާނެ ކަމުގެ ކޮޅުމަތި ވެސް އަދި ފެންނާކަށް ނެތެވެ.
އާންމު ހާލަތު މިފަދަ ދަތި ދަނޑިވަޅެއްގައި އޮއްވައި، ނުހަނު ބޮޑު ހޭދައެއް ކޮށްގެން މި ހިނގާ ނޮވެމްބަރު 5 އިން 7 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ސިއްހީ އެކްސްޕޯއެއް ބާއްވާފަ އެވެ. "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ބޭއްވި "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ވެސް ރައީސް މުއިއްޒު އެވެ.
މިއީ ސިއްހީ ދާއިރާގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވި މި އެކްސްޕޯގައި، ޚިދުމަތްދޭ މަރުކަޒުތަކުގެ މައުލޫމާތުތައް ދައްކާލައި، ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ.
ނަމަވެސް އުފެދޭ ސުވާލަކީ، މިފަދަ ދަޅަދެއްކުމުގެ އެކްސްޕޯތަކުން މިއަދު ރައްޔިތުން އުފުލަމުންދާ ހަގީގީ ތަކުލީފުތަކަށް ކުޑަ ނަމަވެސް ލުޔެއް ލިބިއްޖެ ހެއްޔެވެ؟ މިކަމުން ހާސިލުވީ ކޮން ކަމެއްތޯ އެވެ؟ ފާމަސީތަކުން ބޭސް ލިބޭނެ މަގު ތަނަވަސްވީ ހެއްޔެވެ؟ ރަށްރަށުން މީގެ ކުރިން ފަސޭހައިން ހަދަމުން އައި އާދައިގެ ލެބޯޓްރީ ޓެސްޓުތައް ނުހެދި، އަތޮޅުތެރޭގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް މި އެކްސްޕޯއިން ހޯދުނީ ކޮން ހައްލެއްތޯ އެވެ. ރައްޔިތުން މިއަދު އެދި ގޮވަނީ ކުލަގަދަ މައުރަޒުތަކާއި އެކްސްޕޯތަކަކަށް ނޫނެވެ.
ރައްޔިތުން ބޭނުންވަނީ ސަލާންނުޖަހައި ފަސޭހައިން ބޭސް ލިބޭނެ ގޮތް ވުމެވެ. ބޭނުންވާ ޓެސްޓުތައް ރަށުން ހެދޭނެ އިންތިޒާމެވެ. ހޮސްޕިޓަލްތަކުން ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އެޕޮއިންޓްމަންޓް ލިބުމެވެ. އަދި ރަށްރަށުގައި ޒަމާނީ ފެންވަރަށް ތަރައްގީކުރަން ފަށާފައިވާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ އަމަލީ މަސައްކަތްތައް އަވަސްކޮށް، އެތަންތަން ނިމި، ހިދުމަތް ލިބެން ފެށުމެވެ.
އެހެންކަމުން އަސާސީ ހައްގުތަކުން ރައްޔިތުން މަހްރޫމްވެފައިވާ ދަނޑިވަޅެއްގައި، ބޮޑު ހޭދައެއް ކޮށްފައި ބޭއްވި މި އެކްސްޕޯއަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް ނޫންތޯ އެވެ؟ އަދި މިފަދަ ހަރަކާތްތަކުން ފޫބެއްދެން އޮތީ ރައްޔިތުންގެ ސިއްހަތާއި ފުރާނައާ ގުޅިފައިވާ ކޮން ކަމެއްތޯ އެވެ؟










