މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟
10 ނޮވެމްބަރު 2026 | އަންގާރަ 03:22އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދާފައިވާއިރު، މިއީ އީރާނާއެކު ކުރާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ކުރިމަތިވި ނާކާމިޔާބީއެއް ކަމަށް ޓްރަމްޕް ވަނީ އެއްބަސްވެވަޑައިގަންނަވާފައި. ނަމަވެސް، އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާނެ ކަމަށް ކުރިން ވިދާޅުވި ބަސްފުޅާ ޚިލާފަށް، އެއްވެސް ހެއްކެއް ނެތި އިންތިޚާބުގެ ސައްހަކަމާމެދު އޭނާ މިހާރު ވަނީ ސުވާލު އުފައްދަވާފައި. އޮފިޝަލުންނާއި މާހިރުން ވިދާޅުވާ ގޮތުގައި އިންތިޚާބުގެ ކަންކަން ދިޔައީ އޮމާންކޮށް ކަމަށާއި، ނަތީޖާ ބަދަލުކުރުމަށް ސަރުކާރުން ކުރި މަސައްކަތްތައް ކޯޓުތަކުން ވަނީ ބޭރުކޮށްލާފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެންޕޭން ޖަލްސާއެއްގައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް
އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށްފަހު، އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާނެ ކަމަށް ކުރިން ވިދާޅުވި ބަސްފުޅާ ޚިލާފަށް، އިންތިޚާބުގެ ސައްހަކަމާމެދު އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް ސުވާލު އުފައްދަވައިފި އެވެ. ވޯޓުލުމުގެ ކަންކަން އާންމު ގޮތެއްގައި އޮމާންކަމާއެކު ދިޔަ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރަމުންދަނިކޮށް، ހޯމަ ދުވަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިންތިޚާބުގެ އިންސާފުވެރިކަމާމެދު ޝައްކު އުފައްދަވައި، ޚިޔާލު ހޯދުމުގެ ސާވޭތަކުގެ ނަތީޖާއާ މެދު އޭނާ ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
"މި 'އިންތިޚާބަކީ' އިންސާފުވެރި އިންތިޚާބެއް ކަމަށް ހަގީގަތުގައި ވެސް އެއްވެސް މީހަކު ގަބޫލުކުރޭތޯ؟ ޚިޔާލު ހޯދުމުގެ ސާވޭތައް މިހާ ބޮޑަށް ގޯސްވާންވީ ކީއްވެ؟" މީސްމީޑިއާގައި ޝާއިއުކުރެއްވި ބަޔާނުގައި އޭނާ ސުވާލު އުފެއްދެވި އެވެ. މިއީ، އިންތިޚާބީ ރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، ނަތީޖާ "ފުރިހަމައަށް ބަލައިގަންނަން ތައްޔާރަށް ހުންނެވި" ކަމަށް ވިދާޅުވި ވިދާޅުވުމާ މުޅިން ޚިލާފު ވާހަކަފުޅެކެވެ.
ކޮންގްރެސްގެ ދެ މަޖިލިސް ޑިމޮކްރެޓުންގެ ބާރުގެ ދަށަށް
ނިމިދިޔަ ހަފުތާގައި ބޭއްވުނު މިޑްޓަރމް އިންތިޚާބުގައި ވާދަވެރި ޑިމޮކްރެޓިކް ޕާޓީން ވަނީ އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް ނުވަތަ ކޮންގްރެސްގެ ދެ ގެ ކަމަށްވާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު އަލުން ހޯދާފަ އެވެ. މިހާތަނަށް ކަށަވަރުވެފައިވާ ނަތީޖާތަކަށް ބަލާއިރު، ސެނެޓުގެ 54 ގޮނޑި އަދި ހައުސްގެ 254 ގޮނޑި ކާމިޔާބުކޮށް، ދެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ޑިމޮކްރެޓުން ވަނީ ކަށަވަރުކޮށްފަ އެވެ. މިއީ، އިންތިޚާބުގެ ކުރިން ނެގުނު ގިނަ ޚިޔާލު ހޯދުމުގެ ސާވޭތަކުން ވެސް ރިޕަބްލިކަން ޕާޓީއަށް ގޮނޑިތައް ގެއްލޭނެ ކަމަށް ލަފާކުރެވިފައި އޮތް ނަތީޖާއެކެވެ.
ނަމަވެސް، އެލަސްކާ އަދި މިސިސިޕީގެ ސެނެޓް ގޮނޑިތައް ހިމެނޭހެން ބައެއް މުހިންމު ދާއިރާތަކުގެ ނަތީޖާ އަދިވެސް ރަސްމީކޮށް އިޢުލާނުކޮށް ނިމިފައެއް ނުވެ އެވެ. ސްޓޭޓްތަކުގެ ޤާނޫނުތަކާއި އަމަލީ އިންތިޒާމުތައް ހުންނަ ގޮތުން ބައެއް ސްޓޭޓްތަކުގައި ވޯޓު ގުނުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށާއި، އޭގެ މާނައަކީ ނޭދެވޭ އެއްވެސް ކަމެއް ހިނގަނީ ނޫން ކަމަށް ހާވަރޑް ލޯ ސްކޫލުގެ އިލެކްޝަން ލޯ ކްލިނިކުގެ ޑިރެކްޓަރު ރޫތު ގްރީންވުޑް ވިދާޅުވި އެވެ. ހަމަމިއާއެކު، ހުރިހާ ވޯޓެއް ގުނައި ނިމެންދެން ލޯކަލް އޮފިޝަލުންނަށް އިތުބާރުކުރަންޖެހޭ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ވޯޓު ގުނުމުގެ ނިޒާމާއި އިންތިޚާބީ މަރުހަލާ
ޓްރަމްޕްގެ ބަޔާނުގައި ޚިޔާލު ހޯދުމުގެ ސާވޭތަކަށާއި، އެއްފަހަރާ ގިނަ އަދަދަކަށް އެޅުނު ކަމަށް ބުނާ ވޯޓުތަކަށާއި، އަދި ވޯޓުލާ މެޝިންތަކަށް އިޝާރާތްކުރައްވައި ނުސީދާ ތުހުމަތުތަކެއް ކުރެއްވި ނަމަވެސް، އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެ އެވެ. މި ގޮތުން، އެއީ އޮޅުމަކުން ވީ ކަމެއް ކަމެއް ނުވަތަ ގަސްދުގައި ހިންގި ޖަރީމާއެއް ކަމެއް ވެސް އޭނާ ސާފުކޮށްދެއްވާފައެއް ނުވެ އެވެ.
އިންތިޚާބީ ރޭ ވޯޓުގެ ނަތީޖާތައް ރިޕޯޓުކުރެވެމުން ދިޔައީ އާންމު އުސޫލުތަކާ އެއްގޮތަށް ކަމަށް މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސިޔާސީ ދާރިސް ޗާލްސް ސްޓުއަޓް (ތިންވަނަ) ވިދާޅުވި އެވެ. މުޅި ޤައުމުގައި ވެސް ފެނިގެންދިޔައީ އާންމުކޮށް ވޯޓުގެ ނަތީޖާތައް ހާމަކުރެވޭ މިންގަނޑުތައް ކަމަށާއި، ފްލޮރިޑާ އަދި ޖޯޖިއާ ފަދަ ސްޓޭޓްތަކުގައި ކުރީބައިއާއި ޕޯސްޓް މެދުވެރިކޮށް ވޯޓުލާފައިވާ މީހުންގެ ނަތީޖާ ކުރިން ލިބިފައި ހުރުމުން އެ ސްޓޭޓްތަކުގެ ނަތީޖާތައް އަވަހަށް ހާމަކުރެވުނު ކަމަށް ވެސް ސްޓުއަޓް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ނާކާމިޔާބުވި އިންތިޚާބުތަކުގެ ސައްހަކަމާމެދު ސުވާލު އުފެއްދެވި ޓްރަމްޕްގެ ނަންފުޅު މި ފަހަރުގެ އިންތިޚާބީ ވޯޓު ކަރުދާހަކު ނެތެވެ. ނަމަވެސް، ކޮންގްރެސްގެ ދެ މަޖިލިސް ރިޕަބްލިކަން ޕާޓީއަށް ގެއްލިއްޖެކަން ކަށަވަރުވުމާއެކު، "އަޅުގަނޑުގެ ނަން ވޯޓު ކަރުދާހުގައި އޮތް ނަމަ ވަރަށް ފަސޭހައިން ކާމިޔާބުވީސް" ކަމަށް މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވި އެވެ.
ބަލިވުމުގެ އަސްލާއި ސިޔާސީ ސަބަބުތައް
އިންތިޚާބީ ރޭ ނަތީޖާ ސާފުވަމުން ދިޔައިރު، ޑިމޮކްރެޓުންނާއެކު ގުޅިގެން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށާއި، ގުޅިގެން ކަންކަން ހަމަޖައްސަވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން، ޕާޓީ ބަލިވި ސަބަބުތަކުގެ އަމިއްލަ ތަހުލީލެއް ހާމަކުރައްވަމުން، އީރާނާއެކު ކުރެވެމުންދާ ހަނގުރާމައިގެ ސަބަބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމަށް ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވަނީ އެއްބަސްވެވަޑައިގަންނަވާފަ އެވެ. އީރާނާ ދެކޮޅަށް އޭނާ ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައަށް ރައްޔިތުން ތާއީދުކުރި ނަމަވެސް، ތެލުގެ އަގު އުފުލުމުގެ ކުރުމުއްދަތުގެ ނަތީޖާތައް ތަހައްމަލުކުރަން ރައްޔިތުން ބޭނުންނުވި ކަމަށާއި، އެ ކަން އޭނާއަށް ވިސްނިވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ހަމަމިއާއެކު، ފެބުރުވަރީ މަހު ފެށުނު އީރާން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިއަށް ބޮޑެތި ބުރޫއަރައި އަގުތައް އިންތިހާއަށް އުފުލިގެން ދިޔުމަކީ ޕާޓީ ބަލިވި މައިގަނޑު ސަބަބު ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
އިންތިޚާބުގެ ކުރިން ވެސް، ވޯޓު އޮޅުވާލުމުގެ އަމަލުތަކެއް ހިނގާކަމުގެ ތުހުމަތު ޓްރަމްޕް ކުރައްވާފައިވާއިރު، ތާރީޚީ ގޮތުން މި ފަދަ ކަންކަމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަންކަމެވެ. ކުރީގެ ރައީސް ޖޯ ބައިޑަން އަތްޕުޅުން އޭނާ ބަލިވި 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ވެސް އޮޅުވާލުމެއް ކަމަށް ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން ދަޢުވާކުރެއްވި ނަމަވެސް، އެ ކަމާ ގުޅިގެން ކޯޓުތަކަށް ހުށަހެޅި މައްސަލަތައް ވަނީ ތަކުރާރުކޮށް ބޭރުކޮށްލާފަ އެވެ.
މިއާއެކު، ޤާނޫނުއަސާސީން މައިގަނޑު ގޮތެއްގައި ސްޓޭޓްތަކަށް ދީފައިވާ އިންތިޚާބީ ބާރުތަކުގެ މައްޗަށް ފެޑެރަލް ނުވަތަ މައި ސަރުކާރުގެ ބާރު ފޯރުވުމަށް ޓްރަމްޕްގެ ސަރުކާރުގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ކުރިން ފެނިފައިނުވާ ފަދަ މަސައްކަތްތަކެއް ކޮށްފަ އެވެ. މި ގޮތުން، މިޑްޓަރމް އިންތިޚާބުގެ ދުވަސްކޮޅެއް ކުރިން ކެލިފޯނިއާ އަދި އެލަސްކާ ފަދަ ސްޓޭޓްތަކުގައި ވޯޓު ގުނުމާއި ނަތީޖާ ސައްހަކުރުމާ ދެކޮޅަށް ފެޑެރަލް ކޯޓުތަކަށް މައްސަލަތައް ހުށަހެޅި ނަމަވެސް، ފަނޑިޔާރުން ވަނީ ގާތްގަނޑަކަށް ހުރިހާ މައްސަލައެއްގައި ވެސް ސަރުކާރާ ދެކޮޅަށް ހުކުމް އިއްވަވާފަ އެވެ.
އިންތިޚާބުގެ ނަތީޖާގެ ސައްހަކަމާމެދު ވައިޓް ހައުސްއިން ނުވަތަ އެހެން ފަރާތްތަކުން ސުވާލު އުފައްދާނެ ހާލަތަކަށް އެތައް މަހެއް ކުރިން ފެށިގެން ތައްޔާރުވަމުން އައި ކަމަށް އިންތިޚާބީ ޤާނޫނީ މާހިރުންނާއި، ސްޓޭޓް އަދި ލޯކަލް އޮފިޝަލުން ވަނީ ހާމަކުރައްވާފަ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބައެއް މަރުކަޒުތައް ބަންދުކުރަން ޖެހުމާއި، އިދާރީ އަދި ފަންނީ މަދު މައްސަލަތަކެއް ދިމާވި ނަމަވެސް، 2026 ގެ މިޑްޓަރމް އިންތިޚާބު އާންމު ގޮތެއްގައި ދިޔައީ ވަރަށް އޮމާންކޮށް ކަމަށް އިސް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
މަސްދަރު: ބީބީސީ











